ރަސްފަންނުގައި ފްލެޓް އަޅާތީ ޖިމް އެހެން ތަނަކަށް ބަދަލުކުރަނީ

ރަސްފަންނުގެ ފްލެޓް އަޅާ ސަރަހައްދުގައި ހުރި އައުޓްޑޯ ޖިމް އެހެން ސަރަހައްދަކަށް ބަދަލުކުރަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.


ކޮރަލް ބްލެވާޑްގެ ނަމުގައި ސިންގަޕޫރުގެ ޗަންހުއާ އިން ހަދާ މަތީ ފެންވަރުގެ ފްލެޓް އިމާރާތްތަކުގައި އެޕާޓްމަންޓް، ހޮޓާ އަދި ޝޮޕިން މޯލެއް ވެސް ހިމެނެ އެވެ. އެ ތަން ހެދުމަށް ޓަކައި ރަސްފަންނު ސަރަހައްދުގައި ހުރި ތަންތަން މިހާރު ވަނީ ހުސްކުރަން ފަށައިފަ އެވެ. އޭގެ ތެރޭގައި، އެތަނުގެ ފުޓްސަލް ދަނޑު ވެސް ހިމެނެ އެވެ.

ކޮރަލް ބްލެވާޑް އެޕާޓްމަންޓް ބިލްޑިންތައް އަޅަން، ޖިމް ނެގުމަށްފަހު ބަދަލުކުރަން ނިންމާފައި ވަނީ ރަސްފަންނުގެ އުތުރަށް ކަމަށް ހައުސިން މިނިސްޓްރީން ހިއްޕާފައިވާ ނޯޓިސްއެއްގައި ބުނެފައިވެ އެވެ. އެހެން ނަމަވެސް އެއީ ކިހާ ހިސާބެއް ކަމެއް އަދި ނޭނގެ އެވެ. ވަގުތީ ގޮތުން ބަންދުކުރި ޖިމް އަލުން ހުޅުވާނެ ދުވަހެއް ވެސް އެ މިނިސްޓްރީން ނުބުނެ އެވެ.

ރަސްފަންނުގައި ފްލެޓް އަޅާ ސަރަހައްދުގައި ހުރި އައުޓްޑޯ ޖިމްގައި ހުރި ސަމާނުތައް ނަގައި، ހުސްކޮށްފައި: އެތަން މިހާރު ބަދަލުރަން ނިންމާފައި ރަސްފަންނުގެ އުތުރަށް. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

ރަސްފަންނު ސަރަހައްދުގައި މަތީ ފެންވަރުގެ 350 ފްލެޓް ހިމެނޭ 25 ބުރީގެ ހަތަރު ޓަވަރު އަޅަން ޗަންހުއާ އާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. ޗަންހުއާ އަކީ އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް އަޅަމުން އަންނަ ކުންފުންޏެވެ.

ހައުސިން މިނިސްޓްރީން ކުރިން ބުނެފައި ވަނީ ފްލެޓް އަޅަން ނިންމާފައި ވަނީ ރަސްފަންނުގެ ހުޅަނގު ކަންމަތީގައި ހަދާފައިވާ ބީޖީ ދަނޑުން ފެށިގެން ސޯޝަލް ސެންޓަރުގެ ނެޓްބޯޅަ ދަނޑާ ދެމެދުގައި އޮންނަ ސަރަހައްދުގައި ކަމަށެވެ.

"ކޮރަލް ބްލެވާޑް"ގެ ނަމުގައި ހަދާ 25 ބުރީގެ ހަތަރު ޓަވަރު އަޅާ ނިންމަން ޖެހެނީ 2020ގެ ނިޔަލަށް ކަމަށެވެ. އަދި އެ ތަނުގައި ހަދާ ހަތަރު ޓަވަރުން 120 ފްލެޓް ސަރުކާރަށް ދޭނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.