މާލެ-ހުޅުލެ ބްރިޖާ ގުޅިފައިވާ މާލޭގެ މަގުތައް ފުޅާކުރަމުން އަންނަނީ، ބްރިޖަށް ދަތުރުކުރާ އުޅަނދުތައް ތޮއްޖެހުނަ ނުދިނުމަށް ކަމަށާއި އެ މަގުތަކުގެ ދުވާރުތައް ވެސް ފުޅާކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
"މިހާރު"އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ 16 މީޓަރަށް މަގުތައް ފުޅާކުރާ އިރު، ފުޅާކުރާ ސަރަހައްދުގައި ޖުމްލަ ހަތަރު ލޭން އޮންނާނެ ކަމަށެވެ.
"ބްރިޖާ ކައިރި ހިސާބުތަކުގެ މަގުތަކުގެ ޓްރެފިކް ތޮއްނުޖެހޭ މިންވަރަށް މަގުތައް ފުޅާކުރަން ކޮންސަލްޓެންޓުން ލަފާދީފައިވާ ގޮތަށް މަސައްކަތް ކުރިޔަށް މިގެންދަނީ،" މުއިއްޒު ވިދާޅުވި އެވެ.
ބްރިޖާ ގުޅޭ ބޮޑެތި މަގުތަކަކީ ބޮޑުތަކުރުފާނު މަގުގެ އިތުރުން، ހެންވޭރު ޕާކް ވަށައިގެންވާ ސަރަހައްދެވެ. އެގޮތުން ސެނަހިޔާ ހުންނަ މޫންލައިޓް ހިނގުމުން ފެށިގެން ހިތިގަސްމަގު (ހެންވޭރު ޕާކްގެ ހުޅަނގު އުތުރު ކަނުން ރާޅުގަނޑު ސަރަހައްދަށް ނުކުންނަ މަގު) ވެސް ހިމެނެ އެވެ. އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ބްރިޖާ ހަމަ އަށް ބޮޑުތަކުރުފާނު މަގު ފުޅާކުރަނީ ކުރިން ގާޑިޔާތައް ހިމެނޭ ސަރަހައްދު ހުސްކޮށްގެންނެވެ. އަދި ބޮޑުތަކުރުފާނު މަގު، ބްރިޖުން ފެށިގެން ހުޅުމާލޭ ފެރީ ޓާމިނަލާ ހަމައަށް ވެސް ފުޅާ ކުރާނެ އެވެ.
މިނިސްޓަރު ވިދާޅުވީ ބްރިޖަށް ދަތުރުކުރާ މައި މަގުތައް ފުޅާ ކުރާ އިރު މަގުގެ ކޮންމެ ފަރާތެއްގައި ދެ މީޓަރުގެ ޕޭވްމަންޓެއް އޮންނާނެ ކަމަށެވެ. އަދި މަގުގެ އަރިމަތީގައި މަގަށް ހިޔާވާ ގޮތަށް ގަސް އިންދާނެ ކަމަށް ވިދާޅުވި އެވެ.
"އެ މަގުތަކުގެ މަސައްކަތް ބްރިޖް ނިމެންވާ އިރަށް ނިމޭނެ. މި މަޝްރޫއު ނިމޭއިރު މާލެ ވަށައިގެން ދަތުރުކުރަން އޮންނަ މަގުގެ ދެ ބައިކުޅަ އެއްބައި އޮންނާނީ ނިމިފައި،" މުއިއްޒު ވިދާޅުވި އެވެ.
ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ ގޮތުން އާޓިފިޝަލް ބީޗްގެ ސްޓޭޖް ވެސް މިހާރު ވަނީ ނަގައިފަ އެވެ.
ޗައިނާ ސަރުކާރުގެ އެހީގައި ހަދާ ބްރިޖްގެ މަސައްކަތް މިހާރު ވަނީ ނިމެން ކައިރިވެފަ އެވެ. ބްރިޖް ނިމެންވާ އިރަށް ހުޅުލެ އިން ފެށިގެން ހުޅުމާލެއާ ދެމެދު ވެސް ބޮޑު މަގެއް ހެދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.