ރާއްޖޭގެ ފުރަތަމަ ޕިއްޒާ ހަޓް މާދަމާ އާންމުންނަށް ހުޅުވާލަނީ

ދުނިޔޭގެ މަޝްހޫރު ފާސްޓް ފުޑް ޗެއިންތަކުގެ ތެރޭގައި ހިމެނޭ ޕިއްޒާ ހަޓްގެ ރެސްޓޯރަންޓެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި މިރޭ ރަސްމީކޮށް ހުޅުވައި މާދަމާ އާންމުންނަށް ހުޅުވައިލަން ނިންމައިފި އެވެ.


ޕިއްޒާ އުފެއްދުމުގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުންފުނި، އެމެރިކާގެ ޕިއްޒާ ހަޓްގެ ރެސްޓޯރަންޓް ހުޅުވީ މާލޭގެ އަމީނީ މަގުގައި ހުންނަ މާލޭ ސްކެއާ (ގާކޮށި)ގަ އެވެ. އެ ރެސްޓޯރަންޓް ރަސްމީކޮށް މި ރޭ ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

މާލޭގައި ޕިއްޒާ ހަޓް ހިންގަނީ އައިލެންޑް ފުޑާއި އިންޑިއާގެ ގަމާ ޕިއްޒާ ކްރާފްޓް އޯވާސީސް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަކުންނެވެ. ގަމާ ޕިއްޒާ ކްރާފްޓް އޯވާސީސް އަކީ އިންޑިއާ އާއި ސްރީލަންކާގައި ޕިއްޒާ ހަޓާއި ކޭއެފްސީ އައުޓްލެޓްތައް ވެސް ހިންގާ ކުންފުންޏެެވެ.

ޕިއްޒާ ހަޓް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު އިކޮނޮމިކް މިނިސްޓަރު ސައީދު އާއި ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާން އަދި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އަންވަރާއި ބައެއް ވިޔަފާރިވެރިން ބައިވެރިވެވަޑައިގަންނަވަނީ.

އައިލެންޑް ފުޑްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ މި ރޭ ރަސްމީކޮށް ހުޅުވި ނަމަވެސް ކަސްޓަމަރުންނަށް އާއްމުކޮށް ހުޅުވާލާނީ މާދަމާ 11:00 ން ފެށިގެން ކަމަށެވެ. އެންމެ ފުރަތަމަ އަންނަ 50 ކަސްޓަމަރުންނަށް ޕިއްޒާ ހަޓްގެ ލޯގޯ ޖެހި ޓީޝާޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ފުރަތަމަ ޕިއްޒާ ހަޓް، އިކޮނޮމިކް މިނިސްޓަރު ސައީދު މިރޭ ރަސްމީކޮށް ހުޅުވައި ދެއްވަނީ.

"މިތަނުން ވެސް މި ސަރަހައްދުގެ އެހެން ގައުމުތަކުން ވެސް ލިބެން ހުންނަ ހުރިހާ ރަހައެއް ލިބޭނެ. އަދި އަގުތައް ވެސް ހުންނާނީ އެކަށީގެންވާ ހެޔޮ އަގެއްގައި،" އެ އޮފިޝަލް ވިދާޅުވި އެވެ.

ހަތްދިހަ މީހުންގެ ޖާގައިގެ ޕިއްޒާ ހަޓް ރެސްޓޯރަންޓް ހުޅުވި އިރު އެ އިމާރާތުގައި މަޝްހޫރު ކޭއެފްސީ ރެސްޓޯރަންޓެއް ވެސް ހުޅުވަން ވަނީ ނިންމައިފަ އެވެ.

ޕިއްޒާ ހަޓް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މިއީ ރާއްޖޭގައި ހުޅުވި ފުރަތަމަ ޕިއްޒާ ހަޓް ރެސްޓޯރަންޓް. ފޮޓޯ: ޕިއްޒާ ހަޓް

މާލޭގައި ޕިއްޒާ ހަޓާއި ކޭއެފްސީ ހުޅުވާ އިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް އެ ދެ ބްރޭންޑްގެ ރެސްޓޯރަންޓެއް ހުޅުވަން ވަނީ ނިންމައިފަ އެވެ. އެކަމަކު އެ އެއާޕޯޓުގައި ރެސްޓޯރަންޓް ހުޅުވާ ކުންފުންޏާއި މާލޭގައި ހުޅުވާ ކުންފުންޏާ އެއްވެސް ގުޅުމެއް ނެތެވެ.

ވެލާނާ އެއާޕޯޓުގެ ވޯޓާ ފްރަންޓްގައި އަލަށް ހަދާފައިވާ ރެސްޓޯރަންޓް ބިލްޑިންގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްސީއެލް) އިން ޕިއްޒާ ހަޓާއި ކޭއެފްސީ ހުޅުވަނީ އިޓަލީގެ އެޗްއެމްއެސް ހޮސްޓް އިންޓަނޭޝަނަލްއާ ގުޅިގެންނެވެ. ނަމަވެސް އެއާޕޯޓުގައި ހަދާ އެ ދެ ރެސްޓޯރަންޓް ހުޅުވާނެ ދުވަހެއް އަދި ނުބުނު އެވެ.