ޗައިނާ އައުޓްބައުންޑް ޓްރެވަލް އެންޑް ޓޫރިޒަމް މާކެޓްގައި ރާއްޖެ ޕްރޮމޯޓްކުރަން ހަދާފައިވާ ސްޓޭންޑްގައި މީހަކަށް ރާއްޖެއާ ބެހޭ މައުލޫމާތު ދެނީ. ފޮޓޯ: އެމްއެމްޕީއާރުސީ
16 އެޕްރީލް 2018 - 14:30
ޗައިނާގައި ބާއްވާ އައުޓްބައުންޑް ޓްރެވަލް އެންޑް ޓޫރިޒަމް މާކެޓް (ސީއޯޓީޓީއެމް) ގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން މި އަހަރު ރާއްޖޭގެ ނުވަ ކުންފުންޏެއްގެ 16 މީހުން ބައިވެރިވެއްޖެ އެވެ.
ބެއިޖިންގެ ނެޝަނަލް އެގްރިކަލްޗަރަލް އެގްޒިބިޝަން ސެންޓަރުގައި މިއަދުން ފެށިގެން ތިން ދުވަހަށް ކުރިޔަށް ގެންދާ ސީއޯޓީޓީއެމް ގައި އިންޑަސްޓްރީގެ ފަރާތްތަކުން އަންނަނީ ކުރިޔަށް އޮތްތަނުގައި ރާއްޖެ ޕްރޮމޯޓްކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކުރަމުންނެވެ.
އެމްއެމްޕީއާރުސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ފެއާގައި ހުންނަ ސްޓޭންޑްގައި ރާއްޖެއަށް އިތުރަށް ޝައުގުވެރިވާނެ ހަރަކާތްތަކެއް ކުރިޔަށް ގެންދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން ދެއްކުން ފަދަ ހަރަކާތްތައް ހިންގާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ޗައިނާ އައުޓްބައުންޑް ޓްރެވަލް އެންޑް ޓޫރިޒަމް މާކެޓްގައި ރާއްޖެ ޕްރޮމޯޓްކުރަން ހަދާފައިވާ ސްޓޭންޑް. ފޮޓޯ: އެމްއެމްޕީއާރުސީ
މިއީ ރާއްޖެއިން މި ފެއާގައި ބައިވެރިވާ 14 ވަނަ ފަހަރެވެ. މި ފެއާއަކީ ދެ ފަރާތް ގުޅިގެން އިންޑަސްޓްރީ ޕްރޮމޯޓްކުރަން އެންމެ ރަނގަޅު ޕްލެޓްފޯމް ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
ސީއޯޓީޓީއެމް އިންތިޒާމްކުރާ ފަރާތްތަކާ ހަވާލާދީ އެ ކުންފުނިން ބުނީ މިއަހަރުގެ ފެއާއަށް 4،300 ވިޔަފާރިވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެއީ 18 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް އެމްޕީއާރުސީން ބުންޏެވެ.
ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަ ގައުމެވެ. އެ ގައުމުން އެކަނި ވެސް މިދިޔަ އަހަރު ރާއްޖެއަށް 306،530 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. އެއީ 2016 ވަނަ އަހަރާ އަޅާބަލާއިރު 22 ޕަސެންޓް އިތުރު އަދަދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy