ބޭންކް އޮފް ސިލޯނުގެ ގޮތްޕެއް ހުޅުމާލޭގައި ހުޅުވަނީ

ބޭންކް އޮފް ސިލޯނު (ބީއޯސީ)ގެ ރާއްޖޭގައި ގާއިމުކުރާ ދެ ވަނަ ގޮފި ހުޅުމާލޭގައި ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.


ބީއޯސީގެ ގޮތްޕެއް ހުޅުމާލޭގައި ހުޅުވަން ހަމަޖައްސާފައި ވަނީ އަލަށް ހެދި އަމީން އެވެނިއުގެ ކޮމާޝަލް ބްލޮކްގަ އެވެ. އެ ތަނުގައި މިހާރު ވެސް ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން "އެސްބީއައި އިންޓަޗް"ގެ ނަމުގައި ހަދާފައިވާ ބްރާންޗެއް ހުރެ އެވެ. އޭގެ އިތުރުން ހުޅުމާލޭގައި ބީއެމްއެލް އާއި އިސްލާމިކް ބޭންކް، ހަބީބް ބޭންކް އަދި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ވެސް ހިންގަ އެވެ.

މާލޭގައި 1981 ވަނަ އަހަރު ހުޅުވި ބީއޯސީ އަށް މިދިޔަ އަހަރު ޓެކްސް އަށް ކެނޑުމަށް ފަހު 167.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ދެ ހާސް ސޯޅަ ވަނަ އަހަރު އެ ބޭންކަށް ލިބިފައި ވަނީ 207.2 މިލިއަން ރުފިޔާ އެވެ.

ބީއޯސީން މިދިޔަ އަހަރު ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 48.3 މިލިއަން ރުފިޔާ ދައުލަތަށް ދައްކާފައިވެ އެވެ.

އެ ބޭންކުން ދާދި ފަހުން އާއްމުކުރި މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އިޓަރެސްޓުން ޖުމްލަ އާމްދަނީގެ ގޮތުގައި 265.8 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.