ފައިނު އެއާޕޯޓް އަޅަން އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފި

ރ. ފައިނުގައި އެއާޕޯޓަކާއި ސިޓީ ހޮޓަލަކާ އެކު ކުރިއަށް ގެންދާ ބޮޑު މަޝްރޫއު އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.


ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއު އައިލެންޑް އޭވިއޭޝަނާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް އެވެ.

އައިލެންޑް އޭވިއޭޝަނަށް އެ މަސައްކަތް ހަވާލުކުރުމަށް ފަހު ޒަމީރު ވިދާޅުވީ، މި ޕްރޮޖެކްޓުގެ ދަށުން އެއާޕޯޓާ އެކު ދެ ސިޓީ ހޮޓަލާއި މެޑިކަލް ސެންޓަރަކާއި ބައެއްކަހަލަ ސާޖަރީތަކުން ރިކަވާ ވާ މީހުންނަށް ހިދުމަތްދޭ ފެސިލިޓީއަކާއި އައިލެންޑް އޭވިއޭޝަންގެ މަތިންދާބޯޓުތަކަށް ހިދުމަތް ދޭނެ ހޭންގަރަކާއި ސްޓާފުން ޓްރެއިން ކުރާނެ ތަނެއް ހަދާނެ ކަމަށެވެ. އެއާޕޯޓްގައި ދެ ބުރިއަށް ހަދާ އިމާރާތުގެ ދެމަތީ ބުރީގައި ހުންނާނީ ލައުންޖްތަކާއި ކެފޭ އަދި ރެސްޓޯރެންޓްތައް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރ. އަތޮޅުގައި މިހާރު އޮންނަ އިފުރު އެއާޕޯޓް އޮތީ އެ އަތޮޅުގެ އާބާދީގެ ބޮޑު ބަޔަކާ ވަރަށް ދުރުގައި ކަމަށާއި ފައިނުގައި އެއާޕޯޓް އެޅުމުން އެކަމަށް ހައްލެއް އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގިނަ އެއާޕޯޓުތަކެއް ހަދަން ފަށާއިރު، ތިމާވެއްޓާ ރައްޓެހި ގޮތަކަށް އެކަން ކުރަން ވިސްނަން ޖެހޭ ކަމަށެވެ. އަދި ޕްރޮޖެކްޓަށް ލަސް ނުވާ ގޮތަށް ވިސްނައިގެން، ޕްރޮޖެކްޓުތައް ހިންގާ ސަރަހައްދުން ގަސްތައް ނަގައި އެހެން ސަރަހައްދުތަކުގައި އިންދުމުގެ މަސައްކަތްތައް ކުރަންޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފައިނު އެއާޕޯޓް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރާރިސް (ވ-3).-- ފޮޓޯ: މިހާރު

ހާރިސް ވިދާޅުވީ، އެއާޕޯޓް ޕްރޮޖެކްޓު ކުރިއަށް ގެންދާނީ ތިން ފޭސް އަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ފޭސްގައި ކުރިއަށް ގެންދާނީ ރަންވޭ އާއި ޓާމިނަލްގެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އެ ޕްރޮޖެކްޓުގެ އީއައިއޭ ރިޕޯޓް ނިންމައި، ކޮންޓްރެކްޓަރަކު ހޯދާނެ ކަމަށް ވެސް ހާރިސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފުރަތަމަ ފޭސް އެއް އަހަރުގެ ތެރޭގައި ނިންމައި އެއާޕޯޓް ހުޅުވާނެ ކަމަށެވެ. އަދި އެއާޕޯޓް ހުޅުވާނީ ލޭންޑް ނައިޓިން އިކުއިޕްމަންޓާއި އެކުގައި ކަމަށް ވެސް ހާރިސް ވިދާޅުވި އެވެ.

މި ޕްރޮޖެކްޓަށް އަށް މިލިޔަން ޑޮލަރު (123 މިލިޔަން ރުފިޔާ) ހަރަދުވާ ކަމަށް ހާރިސް ވިދާޅުވި އެވެ. ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހޯދަނީ އައިލެންޑް އޭވިއޭޝަންގެ ދަތުރުތަކުގެ ޓިކެޓް އެޑްވާންސްކޮށް ވިއްކައި އެ ފައިސާ އަށް ކަމަށް ވެސް ހާރިސް ވިދާޅުވި އެވެ. އެގޮޮތުން މި ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހޯދަން ޓިކެޓަށް އެޑްވާންސް ފައިސާ ދިނީ ޔުނިވާސަލް އާއި ރ. އަތޮޅުގައި ރިސޯޓް ހިންގާ ބައެއް އެހެން ކުންފުނިތަކުންނެވެ.

އެ ރަސްމިއްޔާތުގައި ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރާއިރު ޑޮމެސްޓިކް އެއާޕޯޓުތައް ވެސް އިތުރުވާން ޖެހޭ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޔުނިވާސަލްގެ ޗެއާމަން އެމްޔޫ މަނިކު.-- ފޮޓޯ: މިހާރު

"މިއީ ވަރަށް ސައުންޑް ޕްލޭން އެއް. ވަރަށް ރަނގަޅު ކަމެއް ސަރުކާރުން މި ކުރިއަށް ގެންދަނީ،" ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ ޗެއާމަން ކަން ވެސް ކުރައްވާ އެމްޔޫ މަނިކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފައިނު އެއާޕޯޓާ އެކު އެ ސަރަހައްދުގެ ރިސޯޓުތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެންމެ ގިނަ ރިސޯޓް ހުޅުވާނެ އެއް އަތޮޅަަށް ވެގެން ދާނީ އެ އަތޮޅު ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.

ފައިނު ހިމެނޭ ރ. އަތޮޅު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަަލާހު ވިދާޅުވީ އެ އަތޮޅަކީ ރާއްޖޭގައި ފަޅުރަށް އެންމެ ގިނަ އަތޮޅު ކަމަށެވެ. އަދި 2020 ވަނަ އަހަރު އަންނަ އިރު ރާއްޖޭގައި އެންމެ ގިނަ ރިސޯޓް ހުޅުވާ އަތޮޅަކަށް އެ އަތޮޅު ވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފައިނަށް އުފަން، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، މިއީ ވަރަށް ކުރިން ފެށިގެެން އެ ރަށުގެ މީހުން ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އަދި އޭރު ފައިނުގައި އެއާޕޯޓު އަޅަން ސާވޭ ކުރަން ދިޔަ ޓީމުގައި ޓޫރިޒަމް މިނިސްޓަރު ޒަމީރު ވެސް ހިމެނުނު ކަމަށާއި، އޭރުން ފެށިގެން މިއީ ޒަމީރުގެ ހުވަފެނަކަށް ވެސް ވެފައި އޮތް ކަމެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.