ހަތަރު ރިސޯޓެއް ހަދަން މާވަރު ފަޅު ހިއްކަން އެމްޓީސީސީއަށް

މާލެ އަތޮޅު މާވަރު ފަޅުގައި މަތީ ފެންވަރުގެ ހަތަރު ރިސޯޓު ހަދަން، ބިން ހިއްކަން އެމްޓީސީސީއާ މިދިޔަ ހަފުތާގައި ހަވާލުކޮށްފި އެވެ.


މާލެ އަތޮޅު އުތުރުގައި އޮންނަ މާވަރު ފަޅު ތަރައްގީކޮށް ހިންގާނީ ގުޑް ކެޗް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނިން ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ހަފުތާގަ އެވެ. އަދި އެ މަސައްކަތް ކުރިޔަށް އޮތް ދިހަ ވަރަކަށް ދުވަހުގެ ތެރޭގައި ފަށަން ވަނީ ހަމަޖެހިފަ އެވެ.

މާވަރު ފަޅުގައި ހިއްކައިގެން ތަރައްގީކުރަން ހަމަޖެހިފައި ވަނީ 8 ހެކްޓަރުގެ ތިން ރަށާއި 5.1 ހެކްޓަރުގެ އެއް ރަށެވެ. އެ ފަޅު ފަޅު ގުޑް ކެޗް ކުންފުނިން ގަނެފައިވަނީ މިދިއަ މެއި މަހު އެވެ.

އެ ފަޅު ތަރައްގީކުރާ ކުންފުންޏާ ހަވާލާދީ، ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ބައެއް ވެބްސައިޓްތަކުގައި ބުނެފައި ވަނީ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހިއްކަން ހަމަޖެހިފައި ވަނީ 8 ހެކްޓަރުގެ ދެ ރަށެވެ. އަދި ހިއްކުމުގެ މަސައްކަތް ދެ މަސްދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ވެސް އެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

ގާތްގަނޑަކަށް ތިން ކިލޯ މީޓަރުގެ ދިގު މާވަރު ފަޅު ހިއްކައިގެން ތަރައްގީކުރަން ހަމަޖެހިފައި ވަނީ ފަސް ތަރި އަދި ހަތް ތަރީގެ ރިސޯޓުތަކެއް ކަމަށްވެ އެވެ.

އެ ފަޅު ހިއްކުމުގެ މަސައްކަތް ފަށާއިރު، މިހާތަނަށް މާލެ އަތޮޅުން 27 ފަޅެއް ރިސޯޓު ހަދަން ވަނީ ދޫކޮށްފަ އެވެ. އަދި އިތުރު ފަސް ފަޅެއް މިއަހަރުގެ ތެރޭގައި ކުއްޔަށްދޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

މާވަރު ފަޅު ހިއްކައިގެން ހަތަރު ރިސޯޓެއް ހަދާއިރު ތައިލެންޑްގެ ސިންގަ އެސްޓޭޓުން ދަނީ ގާތްގަނޑަކަށް 350 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކ. އެނބޫދޫ ފަޅު ހިއްކައިގެން ރިސޯޓުތަކާއި ޑިއުޓީ ފްރީ ފިހާރަ އަދި ރެސްޓޯރަންޓް ތަރައްގީކުރަމުންނެވެ. އެ ތަނުގައި ހަދާ ހާޑް ރޮކް ހޮޓެލް މިއަހަރުގެ ފަހުކޮޅު ހުޅުވަން ވަނީ ހަމަޖެހިފަ އެވެ.