ހުޅުލެއަށް މިހާރު ވަންނަ ނެރު ބަންދުކޮށް، އާ ނެރެއް ހުޅުވަނީ

ހުޅުލެއަށް އުޅަނދު ފަހަރު މިހާރު ވަންނަން ބޭނުންކުރާ ނެރު އަންނަ އާދީއްތަ ދުވަހުން ފެށިގެން ބަންދުކޮށް، އާ ނެރެއް ހުޅުވަން ހަމަޖައްސައިފި އެވެ.


ބްރިޖްގެ މަސައްކަތް ނިމެން ވާއިރަށް އެއާޕޯޓުގައި ޕާކިން އޭރިއާއެއް ހަދަން ހިއްކަން ހަމަޖެހިފައި ވަނީ، ހުޅަނގު ދެކުނުން ހުޅުލޭ ފަޅަށް ފެރީތައް ވަންނަ ދިމާލެވެ. އެ ދިމާ ހިއްކުމުގެ މަސައްކަތް ފެށުމަށް، ހުޅުލޭ ފަޅަށް ވަދެވޭ ގޮތަށް އާ ނެރެއް މިހާރު ކަނޑައިފަ އެވެ.

އެމްއޭސީއެލް އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ހުޅުލޭގެ ހުޅަނގު ދެކުނު ނެރު އަންނަ ހޮނިހިރު ދުވަހުގެ ރޭ 12:00ން ފެށިގެން ބަންދުކުރާއިރު އަލަށް ހެދި ނެރު އާދީއްތަ ދުވަހު ހެނދުނު 6:00ން ފެށިގެން ބޭނުންކުރަން ފެށޭނެ ކަމަށެވެ.

ހުޅުލެއަށް ވަނުމަށް މިހާރު ބޭނުންކުރާ ނެރު ބަންދުކުރުމަށް ފަހު އަލަށް ބޭނުންކުރާނެ ނެރު ދައްކައިދޭ ކުރެހުމެއް.

ހުޅުލެއަށް ވަނުމަށް އަލަށް ނެރު ހަދާފައި ވަނީ ފެރީ ދޯނިތައް މިހާރު ކައިރީކުރާ ޖެޓީގެ ކުރިމަތިންނެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ދާދިފަހުން ވިދާޅުވީ މާލެއާއި ހުޅުލެ ގުޅާލަން ހަދާ ބްރިޖް ހުޅުވަން ވާއިރު، ޕާކިން އޭރިއާގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އަދި ޕާކިން އޭރިއާގެ މަސައްކަތް ކުރިއަށް ގެންދާނީ، އައިއެންއައިއޭގެ ދެވަނަ ރަންވޭގެ ބިން ހިއްކުމުގެ މަސައްކަތުގެ ސަބްކޮންޓްރެކްޓަރު ކަމަށްވާ ޔޫއޭއީގެ ގަލްފް ކޮބްލާ އިން ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.

"މި ހަދަނީ އޯޕަން ޕާކިން އޭރިއާއެއް. ޕާކިން ބިލްޑިންގެއް ނޫން. ޕާކިން ބިލްޑިން ހަދަން ހަމަޖެހިފައިވަނީ މިހާރު މަސައްކަތް ކުރާ ސައިޓްގައި. އެ ސައިޓް ނެގީމަ ފަހުން އެތާ ޕާކިން ބިލްޑިންގެއް ހަދާނެ،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބްރިޖް މަތިން އެއާޕޯޓަށް ދަތުރުކުރާ މީހުން އުފުލާ ވެހިކަލްތަކުގައި ޓާމިނަލް ސަރަހައްދަށް ދެވޭނެ ކަމަށެވެ. ނަމަވެސް އެ ސަރަހައްދުގައި އެއްވެސް ވެހިކަލަކަށް މަޑުކޮށްގެން ނޯވެވޭނެ ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.

"(ޓާމިނަލް ސަރަހައްދުގައި) ޕާކެއް ނުކުރެވޭނެ. ޕާކް ކުރަންޏާ ޖެހޭނީ ޕާކިން އޭރިއާ އަށް ދާން،" އޭނާ ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ބްރިޖްގެ އަންނަ މަސް ނިމުމުގެ ކުރިން ހުޅުވާނެ ކަމަށެވެ.