ހުޅުމާލޭގައި ހަދާ އެޕޯލޯ ޓަވާސް ނައިބު ރައީސް ޖިހާދު މިރޭ އިފްތިތާހުކޮށް ދެއްވަނީ. ފޮޓޯ: މުހައްމަދު ޝަރުހާން
02 އޯގަސްޓް 2016 - 00:06
ހުޅުމާލޭގައި އެޕޯލޯ ހޮލްޑިން އިން "އެޕޯލޯ ޓަވާސް"ގެ ނަމުގައި ތަރައްގީކުރާ ލަގްޒަރީ ހައުސިންއަށް ބުކިން ހެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ހުޅުމާލޭގެ ހުޅަނގު އުތުރުން ހަދާ ޔޮޓްމެރީނާ ކުރިމަތިން މޫދު ފެންނަ ގޮތަށް، 200 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ އެޕޯލޯ ޓަވާސް އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް އަބްދުﷲ ޖިހާދާއި އެޕޯލޯ ހޮލްޑިންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މުހުސިނެވެ.
ހުޅުމާލޭގައި އެޕޯލޯ އިން ހަދާ އެޕާޓްމަންޓް ކޮމްޕްލެކްސް އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ހަފުލާގެ ތެރެއިން. ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
އެޕޯލޯ އިން ބުނީ އެޕާޓްމަންޓްތައް ގަންނަން ޝައުގުވެރިވާ ފަރާތްތަކުން ބުކިން ފީއެެއްގެ ގޮތުގައި 50،000ރ. ދައްކަން ޖެހޭނެ ކަމަށެވެ. ހުޅުމާލޭގެ ހިތްގައިމު ސަރަހައްދުގައި ހަދާ އެ އެޕާޓްމަންޓްތަކުގެ އަގު އުޅެނީ 1.1 މިލިއަން ރުފިޔާއިން ފެށިގެން ހަތް މިލިއަން ރުފިޔާ ދެމެދުގެ އަގެއްގަ އެވެ.
އެޕޯލޯގެ މެނޭޖްމަންޓް އެކައުންޓެންޓް އަހުމަދު އަލީ ހަބީބު "މިހާރު"އާ ވާހަކަދައްކަވަމުން ވިދާޅުވީ އެޕޯލޯ ޓަވާސްއިން ފްލެޓް ގަންނަން ބޭނުންވާ ފަރާތްތަކުން އެޗްޑީއެފްސީ މެދުވެރިކޮށް ގަނެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.
"އެޗްޑީއެފްސީން ކުރިޔަށް ގެންދާ ޕްރޮސެސްތަކަށްފަހު ލޯނަށް އެޑްވާންސްގެ ގޮތުގައި 20 ޕަސެންޓް ދެއްކުމުން އެ ފަރާތުން ލޯނު ހަމަޖައްސައިދޭނެ. އަޅުގަނޑުމެން މި ބަލަނީ 2018 ވަނަ އަހަރުގެ ތެރޭގައި މިތަނުގެ މަސައްކަތް ނިންމައި ފްލެޓް ގަންނަ ފަރާތްތަކާ ހަވާލުކުރަން،" އޭނާ ވިދާޅުވި އެވެ.
އެޕޯލޯ ޓަވާސް އިފްތިތާހުކުރުމުގެ ހަފުލާގައި ނައިބު ރައީސް ޖިހާދު ވާހަކަދައްކަވަނީ. ފޮޓޯ/ މުހައްމަދު ޝަރުހާން /މިހާރު
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަން ސާމާނު ވިއްކާ އެ ކުންފުނިން ބުނީ ޖުމްލަ 121،397 އަކަފުޓޫގެ ބިމެއްގައި ކުރިޔަށް ގެންދާ މަޝްރޫއުގެ ދަށުން ހަދާ ދެ ޓަވަރުގައި ތިން ވައްތަރެއްގެ އެޕާޓްމަންޓްތަކެއް ހިމެނޭ ކަމަށެވެ. އެއީ ސެމީ ޑިލަކްސް އާއި ލަގްޒަރީ އަދި ޕެންޓް ހަައުސް އެޕާޓްމަންޓެވެ.
އެޕޯލޯ އިން ބުނީ ހުޅުމާލޭގައި ހަދާ ދިހަ ބުރީގެ ޓަވަރަކާއި ނުވަ ބުރީގެ ޓަވަރުގައި ޖުމްލަ 97 އެޕާޓްމަންޓް ހުންނާނެ ކަމަށެވެ. އެތަނުގައި ހިމެނެނީ 61 ސެމީ ޑިލަކްސް އެޕާޓްމަންޓާއި 28 ލަގްޒަރީ އެޕާޓްމަންޓް އަދި އަށް ޕެންޓް ހައުސް އެވެ.
ތަފާތު ތިން ސައިޒަކަށް ހަދާ އެޕާޓްމަންޓްތަކުގައި ހުންނަނީ ތިން ކޮޓަރި އަދި ދެ ކޮޓަރި އާއި އެއް ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. އެ އެޕާޓްމަންޓްތަކުގެ ބޮޑުމިން އުޅެނީ 457 އަކަފޫޓާއި 2،433 އަކަފޫޓާ ދެމެދުގަ އެވެ. އަދި އެޕޯލޯ ޓަވާސްގައި ކުޑަކުދިން ކުޅޭ އޭރިއާއަކާއި ޖިމް އަކާއި މަލްޓިޕާޕަސް ހޯލަކާއި ޕާކިން އޭރިއާއެއް ވެސް ހިމެނެ އެވެ.
އެޕޯލޯ އިން ބުނީ ހުޅުމާލޭގައި އެ ކުންފުނިން އަލަށް ހަދާ އެޕާޓްމަންޓްތައް 2018 ވަނަ އަހަރު އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭނުމީ މިނިވަންކަން / އައްޑޫ ސިޓީ
02 August 2016
ދައުލަތުގެ ތިޖޫރީ ރައްކާ ނުކުރެވިގެން އުޅޭ ޒަމާނެއްގައި އަދި ރައްޔިތުންގެ ބާރުވެރިކަން ؛؛ދުވަހަކުވެސް ގެއްލިގެންނުދާވަރަށް ގެއްލިފައި އޮތް ދުވަސް ވަރެއްގައި'' ފްލެޓް ގަތުމުގެ އުއްމީދުގައި ''ފޮރުވައިގެން ގެންގުޅުނު ފައިސާކޮޅު'' ތިފަދަ ބައެއްގެ އަތަށް ދޫކޮށްލަން ހެޔޮނުވާނެ. . . . . އަދުލު އިންސާފުގެ ކަންކަން ރާއްޖޭގައި ހާލަތަށާއި ''ވެރިން ބޭނުންވި ގޮތަކަށް މޮޑޭ ފުށްގަނޑެއްހެން ޤާނޫނު އަސާސީ އާއި ޤާނޫނު ތައް މޮޑޭ ދުވަސް ވަރެއްގައި'' މިފަދަ ކަމަކަށް ހޭދަ ކުރުމުގެ ކުރިން ''އާދައިގެ ރައްޔިތުން'' ވަރަށް ބޮޑަށް ވިސްނާންޖެހޭނެ. . . . . މިދުވަސްވަރު ''ފްލެޓްގެ މަޝްރޫއު ތަކަށް ހެއްލި ބޮޑިބޯނެ ކަމެއްނެތް'' ކުލީ ކޮޓަރީގައި މިހާރުވެސް އުޅެމުންދާ އާއިލާ ތަކަށް ލާރިކޮޅު ގެއްލިގެން ދިއުމަށްވުރެ އެގޮތް ރަނގަޅު ކަމަށް ދެކެން. / މިނިވަންކަން ، އައްޑޫ ސިޓީ
ޕްރޮފެސަރ
02 August 2016
އަހަރެން ހައިރާންވަނީ މިފަދައިން މާލޭ ސަރަޙައްދުގެ ބިންތައް ބޮޑެތި އެތެރެއާއި ބޭރުގެ ކުންފުނިތަކަށް ދީގެން ވާނެ ފައިދާއަކީ ކޮބައިކަން ރައްޔިތުންނަށް ނުވިސްނޭތީ. އަހަރެމެން ދިވެހި ރައްޔިތުން މުސްތަޤްބަލުގައި ވަރަށް ނިކަމެތިވާނެ. ކޮންމެ ޢާއިލާއަކުން ތަޖްރިބާ ކުރަންޖެހޭނީ ޢުމުރުދުވަހުގެ ކުލީގެ އެޕާޓްމަންޓެއްގެ ހިތްދަރި ތަޖްރިބާ. އަމިއްލަ ޤައުމުގައި ބިންވެރިނުވެ އޮތީ ކޮން ބާރުވެރިކަމެއް. ނަމުން ލަގްޒަރީ ކިޔަސް އަޞްލަކީ ކޮލިޓީ ދަށް އަގުބޮޑު ފްލެޓެއް ގަންނަން ލިބެން ހުރިކަމުގައި ވިއަސް އުފާވެރިކަން ނެތްކަން. ފްލެޓްތަކުގެ އަގުދައްކާ ނުނިމެނީސް އޮންނާނީ ތަން ބާވެފަ. އޭރު މަންމައާއި ބައްޕަ މުސްކުޅިވެގެން ފްލެޓަށް ކުލި ދެއްކޭނެގޮތެއް ނޯންނާނެ. ދެ ދަރިންނަށް އެއްފްލެޓެއްގައި މީހުންނާ އިނދެގެން އުޅެވޭކަށްނެތް. ދެ ދަރިންވެސް އުޅެން ފްލެޓެއް ގަތިއްޔޯ. ދެން ތިން ފްލެޓަށް މި ކުޑަ ޢާއިލާއިން ކުލިދައްކައިގެން އުޅެންޖެހުމުން ލިބޭނީ ހިތްހަމަޖެހުންބާ؟ މިއީ ރާއްޖެކަހަލަ ބިންކުޑަ ޤައުމަކަށް އެއްގޮތަކަށްވެސް ރަނގަޅުގޮތެއްނޫން. ކުރީގެ ސަރުކާރުތައް ފަދައިން ބިންހިތްކަންދާ ޚަރަދުލިބޭގޮތަށް ކުދި ބިންތައް ދިވެހިންނަށް ގަނެވޭވަރުގެ އަގުގައި ވިއްކައިގެން ނޫންގޮތަކަށް ދިވެހިންނަށް އުފާވެރިކަމެއްނެތް.
އާސްމާން
02 August 2016
ގެދޮރުވެރިން އިތުރަށް ގެދޮރުވެރިވެ ބޯހިޔާކަމުގެ އިތުރު ތަނަވަސް ކަމެއް ތިޔަ ލިބުނީ. ގެދޮރު ނެތް މީހުން އިތުރަށް ބިކަހާލުގައި ޖެހި ގެދޮރު ނުލިބިގެން ގަނޑަތެޅެނީ. ކޮބާ އިންސާފު. ކެޕިޓަލިޒަމުގެވެސް އެންމެ ނުބައި އުސޫލު ރާއްޖޭގައި މިއޮތީ
ގަފޫރު
02 August 2016
މައަސަލައަކީ އެޑްވާންސަށް ތަނުގެ 20 ޕަސަންޓް ދައްކަންޖެހޭތީ. އަޅެ އެއްފަހަރާ އެވަރަށްނުލިބޭ ދައްކާނެ ލާރިއެއް. ގެ ކުށްޔަށް 20000 ރިފިޔާގެ މުސާރައިން 15000 އެބަދޭ. އަނބިމީހާއާ ދެވެރިންގެ ޕެންޝަން ފަންޑުމްވެސް ހަމަވަނީ 4 ލައްކަވަރު. 3 ރޫމް އެޕާޓްމަްޓެއްނޫނިއްޔާދަރިން ތިބިވަރާ ބަލާފަ ނެތް ނެގޭކަށް. އަޅެ ރައީސް ޔާމީން މި 20 ޕަސަންޓްގެ އެޑަވާސްކުޑަކޮށްދީބަލަ ހެޔޮނުވާނެ!!!
އަހުމަދު
02 August 2016
ކޮން ލަގްޒަރީ އެއް.... އަހަރެން މިއުޅެނީ ބޭސިކް ބޯހިޔާވަހިކަންވެސް ނުލިބިގެން.
ޓަވަރު
02 August 2016
މި ހަބަރު ކިޔާލުމުން، ޓަވަރުގެ އުސްމިން ނޭގުނީތީ ހިތާމަ ކުރަން.
ޢިބްރާހިމް
02 August 2016
ޙިވަނީ ގާއް ގަނޑަކަށް 100 ފޫޓް ހެން
ހާލުގެ ދުލުން
02 August 2016
ވަޒީފާ އަދާކުރަނީ އުޅޭގޭގެ ކުލިދައްކަން އަދި ގޭކުލިދައްކަނީ ވަޒީފާއަދާކުރަން ހުންނަންޖެހޭތީވެ... މިކަމުން ސަލާމަތް ވާނެމަގެއްނެތި އުޅެނިކޮށް މީހާމަރުވެގެންދާނީ ކުލިދައްކަދައްކާ ހުއްޓައި...
ފފ
02 August 2016
2018 ގެ ކެމްބޭން ފައިސާ ޖަމާކުރަން ފެށީ!
އަލީ
02 August 2016
އެއްކޮޓަރީގެ ފްލެޓްހަދަނީ ކީއްވެ؟ އާދައިގެ މީހަކު ކިހިނެތް ތިތަނުން އާއިލާއަކަށް ދިރިއުޅެވޭސައިޒުގެ ފްލެޓެއް ގަންނާނީ؟ ހައްތަހާވެސް މުއްސަނދިންނާއި މާލޭގެ ގެދޮރުވެރިންނަށް ވިއްކަން ހަދާފްލެޓް .
ޑުއޫޑް
02 August 2016
ހަމަ އެކަނި މާލެ މީހުންނެއް ނޫން މިހާރު މާލޭ ގެދޮރުވެރިންނަކީ. މާލެ ހުޅުމާލެ އިން ބިން ގަނެގެން މާލޭ އުފަން މީހުންނަށް ކުއްޔަށް ދީގެން އުޅޭ އަތޮޅުތެރޭ މުއްސަދިން ބައިވަރު. މިބުނާ މީހުންނަށް މައިން ބަފައިންގެ ގެއިން އަލިފާން ފޮއްޓެއް ވަރުގެ ތަންކޮޅެއްގައި އަނބިދަރިން ގޮވައިގެން ނޫޅެވޭތީ ކުއްޔަށް އުޅެނީ...
ނެރެވޭނެ
02 August 2016
އެޕޯލޯ ފަދަ އާދައިގެ ކުންފުނި ތަކަށް ހުޅުމާލޭގައި ފްލެޓްސް ތައް ބިނާ ކުރެވި އޭގެއިން ފައިދާ ނެރޭއިރު އެސްޓީއޯ އިން ހުޅުމާލޭގައި ހޮޓަލެއް އެޅުމުގެ ބަދަލުގައި މިއުސޫލުން ހުޅުމާލޭގައި ރިއަލް އެސްޓޭޓް ވިޔަފާރި ފަށާ އަހަރަކު 1000 ހައުސިންގް ޔުނިޓްސް މާރކެޓަށް ނެރެވޭނެ ގޮތް ހެދުމަށް ޓަކައި ބީއެމްއެލް އިން ލޯން ނަގައިގެން މިކަން ކުރި ނަމަ އެސްޓީއޯގެ ވިޔަފާރި ޑައިވަރސިފައި ވެ އަދި އެސްޓީއޯ އަށް ރިއަލް އެސްޓޭޓް ވިޔަފާރިން ލިބޭ ފައިދާ އިތުރު ވެގެން ދާނެއެވެ. ހަމަ މިގޮތަށް އެމްޓީސީސީ އަށް ވެސް މިފައިދާ ނެރެވިދާނެއެވެ. ސަރުކާރުގެ ފައިދާ ވާ ކުންފުނި ތައް ކީއްވެގެން ތޯ މާލެ ސަރަހައްދުގައި ރަން ނަގާ ވަޅު ތައް ކަމަށްވާ ހުޅުމާލޭގައި ރިއަލް އެސްޓޭޓް އުސޫލުން އެވިޔަފާރި ނުފަށައިގެން އުޅެނީ.