އިންޑިއާގެ ލޮރީ ޑްރައިވަރުން މިދިޔަ ހަފުތާގައި ހަޅުތާލުކުރުމުން، ކުކުޅު ބިހާއި ފިޔާ ރާއްޖެއަށް ނުގެނެވި، އެ ބާވަތްތައް ބާޒާރުން ހުސްވެއްޖެ އެވެ.
ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ފިޔާ އާއި އަލުވި ގެންނަ ކުންފުންޏެއްގެ ވެރިއަކު މިރޭ ވިދާޅުވީ އެންމެ ފަހުން މި ބާވަތްތައް ގެނައީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. އޭގެ ފަހުން ނުގެނެވުމުން ބާޒާރުން އެ ތަކެތި ހުސްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބާޒާރުގައި އެންމެ ފަހުން ފިޔާ ބަސްތާއެއް ވިއްކީ 240ރ. އަށެވެ. އަދި ބިސް ކޭހެއް ވިއްކީ 360ރ. އަށެވެ.
އެ ކުންފުނިން ބުނީ ފިޔާ އާއި ބިސް ހިފައިގެން އަންނަ ބޯޓެއް މާދަމާ މާލެ އަންނާނެ ކަމަށެވެ. އަދި އިތުރު ބޯޓެއް އާދީއްތަ ދުވަހު ވެސް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު ބާޒާރަށް ނެރޭވަރުވާނީ ހޮނިހިރު ދުވަހުގެ ރޭ ނުވަތަ އާދިއްތަ ދުވަހު. އިންޑިއާގައި ދިމާވި މައްސަލަ މިހާރު ހައްލުވުމުން ދެން ބާޒާރުން ހުސްނުވެ ލިބެން ހުންނާނެ،" އެ ކުންފުނިން ވާހަކަދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.
ބައެއް ވިޔަފާރިވެރިން ބުނީ ފިޔާ ބަސްތާއެއް އަދި ބިސް ކޭހެއް 1،000ރ. އަށް ވެސް ގަންނަން ނުލިބޭ ކަމަށެވެ.
"މުޅި ބާޒާރުގައި ހިނގާފައި މިއައީ ފިޔާ، ބިސް ލިބޭތޯ. އެއްވެސް ތަނެއްގައި ނެތް މިހާރު ލިބެން،" އޭނާ ބުންޏެވެ.