ޓެކްސް ދައްކާ ފަރާތްތަކުގެ އިތުބާރު ހޯދުން ވަރަށް މުހިންމު: ނައިބު ރައީސް

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ މުވައްޒަފުންނަކީ ޓެކްސް ދައްކާ ފަރާތްތަކުގެ ނަޒަރުގައި މިނިވަންކަމާއި މުސްތަގިއްލުކަމާ އެކު މަސައްކަތްކުރާ ބަޔަކަށްވެ، އެ ފަރާތްތަކުގެ އިތުބާރު ޓެކްސްގެ ނިޒާމަށް ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު މިރޭ ވިދާޅުވެއްޖެ އެވެ.


ދައުލަތުގެ ޓެކްސް އިދާރާގެ އަށް ވަނަ އަހަރީ ދުވަސް ފާހަގަކުރަން ދަރުބާރުގޭގައި ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން ޖިހާދު ވިދާޅުވީ ޓެކްސްގެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށް މިނިވަންކަމާއި މުސްތަގިއްލުކަމާއި ހަމަހަމަކަމާ އެކު މަސައްކަތްކުރަން އިލްތިމާސްކުރައްވާ ކަމަށެވެ.

"ޓެކްސް ނެގުމުގެ މުހިންމު ޒިންމާ އަދާކުރާ މީރާގެ މުވައްޒަފުންނަކީ ޓެކްސް ދައްކާ ފަރާތްތަކުގެ ނަޒަރުގައި މިނިވަންކަމާއި މުސްތަގިއްލުކަމާ އެކު މަސައްކަތްކުރާ ބަޔަކަށް ވުމަކީ އެ ފަރާތްތަކުގެ އިތުބާރު ޓެކްސްގެ ނިޒާމަށް ހޯދުމަށް ވަރަށް މުހިންމު ކަމެއް،" ނައިބު ރައީސް ވިދާޅުވި އެވެ.

ޖިހާދު ވިދާޅުވީ ވަކި އުސޫލެއްގެ ދަށުން ވިޔަފާރިތަކުން ދައުލަތަށް ދައްކާ ޓެކްސްތަކަކީ، ގައުމުގެ ތަރައްގީއަށްޓަކައި ކުރާ އުފެއްދުންތެރި ހޭދައެއް ކަމަށެވެ.

"ރައްޔިތުންގެ އަތުން ނަގާ ޓެކްސްއަކީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރައްޔިތުންނަށް އަނބުރާ ރައްދުކުރެވޭ އެއްޗެއް. އެއީ ޓެކްސް އިން އެންމެ ބޮޑު ފައިދާއެއް އާޚިރުގައި ކުރަން އެ ގައުމުގެ ރައްޔިތުންނަށް ކަމަށް ވާތީ،" ޖިހާދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށާއި ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމުގައި ޓެކްސްގެ ގޮތުގައި ނެގޭ ފައިސާގެ ބޭނުންތެރިކަން އިންތިހާއަށް ބޮޑު ކަމަށެވެ.

"އެހެންކަމުން ޓެކްސްގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމަށްޓަކައި ޓެކްސް ނެގުމުގެ ނިޒާމުތައް މިހާރަށް ވުރެ ހަރުދަނާކުރުމަކީ ވަރަށް މުހިންމު ކަމެއް. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ އިޖުތިމާއީ ހަމަޖެހުމާއި އަމާންކަމުގެ އެއް ސިއްރަކީ ޓެކްސްގެ ނިޒާމްގެ ހެޔޮ ފޭރާމެއް ގާއިމުވެފައި އޮތުން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ނައިބު ރައީސް ވަނީ ރާއްޖޭގެ ޓެކްސް ނިޒާމް އިތުރަށް ރަނގަޅުކޮށް ކުރިއެރުމަށްޓަކައި މީރާ އިން ކުރަމުން އަންނަ މަސައްކަތްތަކަށް ތައުރީފްކުރައްވައިފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ މީރާއިން ކުދި ވިޔަފާރިތަކަށް ދެމުން އަންނަ ލުއިތަކަކީ ރާއްޖޭގެ އިގްތިސާދުގައި އާ ވިޔަފާރިތައް ކުރިއަރުވައި، ތަރައްގީކުރަން ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މިދިޔަ އަހަރު ކުދި ވިޔަފާރިތައް ރަޖިސްޓްރީކުރުމާއި ހިސާބުތައް ތައްޔާރުކުރުމާއި ޓެކްސް ބަޔާން ހުށަހެޅުމާއި އޮޑިޓްކުރުމުގައި ގިނަ ލުއިތަކެއް ދީފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ.

މީރާއިން މި އަހަރު ވެސް ވަނީ އެންމެ ގިނައިން ޓެކްސް ދެއްކި ފަރާތްތަކަށް، ތަފާތު 11 ގިންތިއަކުން 17 ފަރާތަކަށް ރަންލާރި އެވޯޑު ދީފަ އެވެ. މި އެވޯޑު ލިބުނު ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ އުރީދޫ މޯލްޑިވްސް، ބޭންކް އޮފް މޯލްޑިވްސް، ދިރާގު، ޓީއެމްއޭ، މޯލްޑިވްސް އިންފްލައިޓް ކޭޓަރިން، ހުޅުލޭ އައިލެންޑް ހޮޓެލް، ރީތި ރަށް ރިސޯޓު، ފޯސީޒަން ލަނޑާގިރާވަރު ރިސޯޓާއި ފޯސީޒަން އެކްސްޕްލޯރާ، ހުޅުމާލޭގައި ހުންނަ އޯޝަން ގްރޭންޑް ގެސްޓް ހައުސް، ޑީ ބްލޫމެރިން އަދި ކޮޕިއާ ޕްލަސް އެވެ.