ވެލާނާ އެއާޕޯޓުގެ އާ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ނިމިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް މުޅިން ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.


އެއާބަސް އޭ 380 މަރުކާގެ ބޯޓު ވެސް ޖެއްސޭ ފެންވަރަށް ހަދާ ރަންވޭގައި މިހާތަނަށް ނުނިމި އޮތީ މެދު ބައި އެކަންޏެވެ. އެ ބައިގެ މަސައްކަތް ނުކުރެވި އޮތީ، އެ ތަނުގައި ހުރި ޓީއެމްއޭގެ ސީޕްލޭން ހެނގަރު އެހެން ސަރަހައްދަކަށް އަދި ބަދަލު ނުކުރެވޭތީ އެވެ. ރަންވޭ މެދުގައި ހުރި ހެނގަރު ބަދަލުކުރަން ޖެހެނީ އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލް ކައިރީގަ އެވެ. އެ ހެނގަރުގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.

އާ ރަންވޭގެ މެދުގައި ނުނިމި އޮތް ބައިގައި ސިމެންތި އާއި ހިލަވެލީގެ ފަށަލައިގެ މަސައްކަތް ފެށީ މިދިޔަ ޖުލައި މަހުގެ ފަހުކޮޅު އެވެ. އެ ތަނުގެ މަސައްކަތް ނިންމީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.

އެމްއޭސީއެލް އިން ކުރި ޓުވީޓެއްގައި ބުނީ، ހުވަފެން ހަގީތަކަށް ވެއްޖެ ކަމަށާއި ރަންވޭ މެދުބައިގެ ފަހު ތާރު ފަށަލަ އަޅައި ނިމިފައިވާ ކަމަށެވެ.

އެމްއޭސީއެލްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ރަންވޭގައި ތާރު އަޅައި ނިންމިއިރު، އެތަނުގައި މާކް ޖެހުމުގެ މަސައްކަތުގެ 70 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި ރަންވޭގައި ލައިޓް ވެސް ހަރުކޮށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އަންނަ ސެޕްޓެމްބަރު ކުރީކޮޅު ޓެސްޓް ފްލައިޓްތައް [އާ ރަންވޭއަށް] ބޭއްވުމަށް. މިހާރު މިދަނީ ރަންވޭގެ އެންމެ ފަހުގެ ޓެސްޓްތައް ވެސް ހަދަމުން،" އޮފިޝަލް ވިދާޅުވި އެވެ.

އެމްއޭސީއެލް އިން ކުރިން ބުނީ އާ ރަންވޭގެ ތާރު އެޅުމުގެ މަސައްކަތްތަކާއި ރަންވޭގެ ލައިޓް ހަރުކުރުމާއި އެ ނޫން ވެސް ހުރިހާ މަސައްކަތެއް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ނިމޭނެ ކަމަށެވެ. އަދި އޭގެ ފަހުން އަންނަ މަހު ޓެސްޓް ފްލައިޓް ޖައްސަން ފެށޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުންނަ، އެ ރަންވޭގެ ދެކުނު ކޮޅުގެ ފަހު ތާރު ފަށަލަ އެޅުމުގެ މަސައްކަތް މިދިޔަ ޖޫން މަހުގެ ފަހުކޮޅު ނިންމިއިރު، ރަންވޭގެ އުތުރު ކޮޅުގެ ފަހު ތާރު ފަށަލަ އަޅައި ނިންމީ މިދިޔަ ޖުލައި މަހުގެ މެދެއްހާ ހިސާބުގަ އެވެ.

އެއާބަސް އޭ 380ގެ މަތިންދާބޯޓު ޖެއްސޭ ފެންވަރަށް ރަންވޭ ހެދި ނަމަވެސް މިހާތަނަށް އެއްވެސް އެއާލައިނަކުން އެ ބޯޓު ޖައްސަން އެ ކުންފުންޏަށް އަންގާފައި ނެތް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން، އާ ރަންވޭ ހަދަނީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ. އެ މި ލޯނުގައި ރަންވޭގެ އިތުރުން 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމަކާއި 80،000 ޓަނުގެ ކާގޯ ފެސިލީޓީއެއް ހެދުން ވެސް ހިމެނެ އެވެ.