ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް. ފަހުގެ ތާރީހުގައި ހިނގި އެންމެ ބޮޑު ހިޔާނާތް ފަޅާއަރުވާލަން ގިނަ މަސައްކަތްތަކެއް ކުރެއްވި.
13 ސެޕްޓެމްބަރ 2018 - 13:30
ރާއްޖޭގައި މިފަހަކަށް އައިސް ހިންގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ، އެމްއެމްޕީއާރުސީގެ ކޮރަޕްޝަން މައްސަލައިގެ އޮޑިޓް ފެށުމުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެއްބާރުލުން ނުދިން ކަމަށް ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަން މައްސަލަތައް ތަހުގީގުކުރަން ފެށުމުން އޮޑިޓް ގާނޫނަށް އިސްލާހު ގެނެސް މަގާމުން ބޭރުކޮށްލި ނިޔާޒް އޭނާގެ ފޭސްބުކްގައި ޝާއިއުކުރި ވީޑިއޯއެއްގައި ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތަހުގީގަށް ބޭނުންވާ ޑޮކިއުމަންޓް ފޯރުކޮށްދިނުމަށް އެދި އޮޑިޓް ގާނޫނުގެ ދަށުން މީރާ އަށް ހުށަހެޅި ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ފޯރުކޮށް ނުދިމުން އެޓާނީ ޖެނެރަލްގެ ލަފާ ހޯދައިގެން އެދުމުން ވެސް އެ މައުލޫމާތު ފޯރުކޮށް ނުދިން ކަމަށް ނިޔާޒް ވިދާޅުވި އެވެ.
"އެ މައުލޫމާތު މީރާ އިން ނުދިނުމުން އަޅުގަނޑު އެދުނިން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނާ ބައްދަލުކޮށް. ގާނޫނީ ގޮތުން އެކަން އޮތް ގޮތް ތަފުސީލްކޮށް ކިޔައިދިނިން. އެހެން ނަމަވެސް އެ ފަރާތުން އަޅުގަނޑުމެންނަށް އެއްބާރުލުން ދޭން ބޭނުމެއް ނުވި. ވިދާޅުވި ޓެކްސްޕޭޔަރުންނާ ބެހޭ މައުލޫމާތު އޮޑިޓާ ޖެނެރަލްއާ ހިއްސާކުރާ ގޮތަށް ނޫން ކަމަށް އޮންނަނީ،" ލ. ގަމުގައި މިދިޔަ ހޮނިހިރު ދުވަހު ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން އޭނާ ވިދާޅުވި އެވެ.
މި ސަރުކާރުގެ ހިޔާނާތާ ގުޅޭ ގޮތުން 2016 ވަނަ އަލް ޖަޒީރާ އިން ހެދި "ސްޓީލިން ޕެރަޑައިސް" ޑޮކިއުމެންޓްރީ އަށް ދެއްވި އިންޓަވިއުއާ ގުޅިގެން މަރުގެ އިންޒާރުތައް ލިބެން ފެށުމުން ނިޔާޒް އަމިއްލަ އަށް އަރުވާލެވިގެން މިހާރު ދިރިއުޅުއްވަނީ ސްރީލަންކާގަ އެވެ.
ނިޔާޒް ވިދާޅުވީ އެމްއެމްޕީއާރުސީގެ އޮޑިޓަށް ބޭނުންވާ މައުލޫމާތު މީރާ އިން ފޯރުކޮށް ނުދިނުމުން އެކަމާ ގުޅިގެން ބަންޑާރަ ނައިބުގެ ގާނޫނީ ލަފައެއް ހޯދައިގެން މީރާ އަށް ފޮނުއްވި ކަމަށެވެ. އަދި އެ ލަފާގައި އޮތީ އޮޑިޓާ ޖެނެރަލް އެދޭ މައުލޫމާތު ދޭން ޖެހޭނެ ކަމަށާއި އެ މައުލޫމާތުތަކަށް އެކްސެސް ވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެން ނަމަވެސް އިންލެންޑް ރެވެނިއު އޮތޯރިޓީން އެކަމަށް އެއްބާރުލުން ދީފައެއް ނުވޭ. އޮޑިޓާ ޖެނެރަލަށް އެ މަސްއޫލިއްޔަތު އަދާކުރެވޭނީ ދައުލަތުގެ އެހެން މުއައްސަސާތަކުގައި ހުންނަ މައުލޫމާތު ލިބިގެން. މި ދެންނެވި އޮޑިޓްގެ މަސައްކަތް ކުރިޔަށް ދިޔަ އިރު، މުއައްސަސާތަކުން ވަރަށް ބޮޑެތި ދަތިތައް ދިމާވި އެ އޮޑިޓްގެ މަސައްކަތް ނިންމަން،" ނިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ އޮޑިޓް ކުރަމުން ދިޔަ އިރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ވެސް މަޝްވަރާ ކުރަމުން ދިޔަ ކަމަށެވެ. އަދި އޮޑިޓަ ޖެނެރަލްގެ އޮފީހުން އޭސީސީގެ މެމްބަރުންނާ ބައްދަލުކޮށް މަޝްވަރާ ކުރުމުން، އެ މައުލޫމާތު އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާ ގުޅައިގެން ސީދާ ހިއްސާ ކުރަމުން ދިޔަކަން ފަހުން އެނގިވަޑައިގެންނެވި ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މިހާރު ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އެބަ އެނގޭ އޭސީސީގެ ބައެއް މެމްބަރުން އަދީބުގެ ހިޔާނާތުގެ ތެރެއިން ހޯދި ފައިސާ އިން މި ބޭފުޅުންނަށް ވެސް މަންފާ ކޮށްފައި ހުރިކަން. އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުންގެ އަމަލުތައް ވެސް ހުރީ މި ދެންނެވި ބީދައިން،" އޭނާ ވިދާޅުވި އެވެ.
ނިޔާޒް ވިދާޅުވީ އެމްއެމްޕީއާރުސީގެ އޮޑިޓް ކުރިޔަށް ގެންދަން ބޭނުންވާ މައުލޫމާތުތައް ހޯދަން ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީގައި ވެސް އެދިވަޑައިގެންނެވި ކަމަށެވެ. އެކަމަކު އެއިން އެއްވެސް ތަނަކުން އެ އޮޑިޓަށް އެއްބާރުލުން ނުދެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ފާހަގަކޮށްލަން މިނިސްޓްރީ އޮފް ޓޫރިޒަމަށް ސިޓީން ދެންނެވިން. މީޓިންތަކުގައި ދެންނެވި އޮޑިޓާ ޖެނެރަލް އަށް ލިބިގެންވާ ގާނޫނީ ބާރެއްކަން މި މައްސަލަތައް ތަހުގީގު ކުރުމަކީ. އަދި އެކަމަށް ހުރަސް އެޅުމަކީ ގާނޫނީ ކުށެއްކަން ދެންނެވިން. އެހެން ނަމަވެސް އޭރު އަޅުގަނޑުމެންނަށް އެ މައުލޫމާތު ދީފައެއް ނުވޭ،" ނިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލައިގެ އޮޑިޓަށް ދިމާވި އެންމެ ބޮޑު ހުރަހަކީ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން އެ އޮޑިޓަށް އެއްބާރުލުން ނުދިނުން ކަމަށެވެ.
"އޮޑިޓާ ޖެނެރަލްގެ ހައިސިއްޔަތުން އަޅުގަނޑު އެ މަގާމުގައި ހުރިއިރު، އަޅުގަނޑު މަސައްކަތް ކުރިން އެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި. އަޅުގަނޑުމެން 2014 ގައި ފެށި މަސައްކަތަށް ދިމާވި އެންމެ ބޮޑު ޗެލެންޖަކީ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން މައުލޫމާތު ދިނުމަށް އިންކާރު ކުރުން،" އޭނާ ވިދާޅުވި އެވެ.
ނިޔާޒް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަ ތަހުގީގުކުރަން ބޭނުންވާ މައުލޫމާތު ހޯދަން އޮޑިޓާ ޖެނެރަލް ރިކުއެސްޓް ކުރި ގިނަ މުއައްސަސާތަކުން ކުރިމަތި ކުރީ ދަތިތަކެއް ކަމަށެވެ.
ގަމުގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އަމަލު ހިންގިއިރު އެކަން އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށް ދޭހަވާ ގޮތަށް ވާހަކަދައްކަވައިފަ އެވެ.
އެކަމަކު 2015ގައި އޮޑިޓާ ޖެނެރަލްގެ މަގާމުން ނިޔާޒް ވަކިކުރުމުގެ ކުރިން އޭނާ ވަނީ އެމްއެމްޕީއާރުސީން ހިންގި ހިޔާނާތުގެ ބައެއް މައްސަލަތައް ފަޅާއަރުވާލާފައިވެ އެވެ. އެގޮތުން އެމްޕީއެލް އިން ޑޮލަރު ގަތުމަށް ހެދި ޑީލް ވެސް ނިޔާޒް ވަނީ އާއްމު ކުރައްވައިފަ އެވެ. ނަމަވެސް އެ އޮޑިޓް ރިޕޯޓް ނެރުމުން އެކަން ދޮގުކޮށް، ނިޔާޒަށް ސަރުކާރުގެ އިސް ބޭފުޅުން ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
ނިޔާޒް މަގާމުން ވަކިކުރުމަށް ފަހު އޮޑިޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އެންމެ އިސްކޮށް ހުންނެވި އެއް ބޭފުޅާ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ބޭބޭ ހަސަން ޒިޔަތެވެ.
ސެޕްޓެމްބަރު 2015 ގައި ފިނިފެންމާ ލޯންޗް ގޮއްވާލި މައްސަލަ އަށް ފަހު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތާއި އަދީބުގެ އަރިސް ބައެއް މީހުން ހައްޔަރު ކުރުމަށް ފަހު، އެމްއެމްޕީއާރުސީގެ މައްސަލަތައް އޮޑިޓާ ޖެނެރަލްގެ އޮފީހުން އޮޑިޓްކުރި އެވެ. އަދި އެ އޮޑިޓަށް ފަހު އަދީބާއި ޒިޔަތުގެ އިތުރުން ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ މައްޗަށް ދައުވާކޮށް، ކުށް ސާބިތުވުމުން ޖަލަށްލި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝައިމްބެ
13 September 2018
ޑްރާމާ ކިތައްމެ ރީޢްޗަކަށްވެސް ކުޅެދާނެ މިއަދު އެކަމަކު މާދަމާގެ ހާލަކީ ކޮބައިކަން އެނގޭނީ ކާކަށް ތޯ؟
މާކުން
13 September 2018
މީގައި ދައްކާފައި ހުރި ވާހަކަތައް އަޑުއެހިން. މާކުން ނައީމް ދިފާއުކޮށް ދައްކާފައިހުރި ވާހަކަތައް އަޑުއިވިފައި ނިޔާޒުގެ އިންޓަރގްރިޓީއާމެދު ސުއާލު އުފެދުނު. ކިތަންމެ ވަރަކަށް މާކުން ނައީމްގެ އަމަލުތައް ދިފާއުކުރިޔަސް އޭނާ ނެރުނު ރިޕޯޓްތަކަކީ އަންޓައިމްލީ ރިޕޯޓްތަކަކަށް ނޫނީ ނުވާނެ. މިބުނީ އެރިޕޯޓްގައި ހުރި ވާހަކަ ދޮގުކުރަނީ އެއްނޫން. އެކަމަކު އޭނަ އަމަލުކޮށްފައިވަނީ ވަކިބަޔަކަށް ފައިދާ ހޯދައި ދިނުމުގެ އަންއެތިކަލް އަމަލެއްކަން އެންމެންނަށްވެސް އެނގޭތީ. އެހެންކަމުން މާކުންނައީމް ދިފާއުކޮށް ނިޔާޒު ދެއްކިވާހަކަ ވަރަށް އަންޕްރޮފެޝަނަލް.
ައޭސީސީ މވއޒފ
13 September 2018
އޭސީސީގެ ތަހުގީގުތަކަށް ހައުސިންގ މިނިސްޓްރީއިން ލިޔުމެއް ނުދޭ، އެެހެންނަމަވެސް ހައުސިންގ މިނިސްޓްރީގެ މައްސަލަތަކުގައި ކޮރަޕްޝަން އެކުލެވިގެންނުވާކަމަށް ނިންމާ. މިގޮތުން ހުޅުމާލޭ ފްލެޓްތަކުގެ މައްސަލައާ ގުޅޭ ލިޔުންތައް އޭސީސީއަށް ދީފައިނުވޭ. އެ މައްސަލަވެސް ކޮރަޕްޝަންނެތްކަމަށް ނިންމާފައިވޭ.. ެ
ޒުހުރީ
13 September 2018
އެހެންތޯ. އެކަމަކު މީރާ އަކީީ އެންމެ ބަރާބަރު އޮފީހޭ މީހުން ބުނޭ
ނަން
13 September 2018
ކާކު ދެއްކި ވާހަކައެއްތީ!؟
ޢަބްދު
13 September 2018
އެކިޔާ ބަރާބަރުކަމަކީ ހަމަ މުޅިންވެސް މޭކަޕް..
ތެދުނަހަދާނިޔާޒު
13 September 2018
ތި ނިޔާޒު ބުނެފިޔާ އެމްޑީޕީ ކުދިން ނުކާވެސް ތިބެދާނެ ތީ ދޮގުހަދާބައެއް ދެން ބާރަށް އަށްޖަހަ
ފުރެންޑު
13 September 2018
ހެޑްލައިނަށް އަރަން ވަރަށް މަސައްކަތް ކުރާ މީހެއް
ހަނީފް
13 September 2018
އެބޭފުޅާ އޭރު އޯޑަރު ނަގަމުން އައީ ސީދާ އަދީބު ކައިރިން. އެއްބަޔަކު ދެކޭ ގޮތުގައި މިއީ ދުނިޔެ އުޅުމަކީ ...
މީކު
13 September 2018
ކޮންމެ އިންތިހާބަކާއި ދިމާކޮށް ޓެކްސް މާފުކޮށްދީ ހަދާ ބަޔަކު އިންސާފުވެރިނުވާނެކަން އެނގޭ! ޔާޒީދުމެން ޒިންމާދާރު ކުރުވާނަން އިންޝާﷲ! 23 ސެޕްޓެމްބަރު 2018
އިއްބެ މިލަދުންމަޑުލު
13 September 2018
އޮޑިޓް އޮފީހުގެ ބޭފުޅުން މިޔަށް އެއްޗެއް ވިދާޅުވުން މުހިއްމު ކަމުގައި ދެކެން.
ހިޝާ
13 September 2018
ކޮން އޮޑިޓް އޮފީހުގެ ބޭފުޅުންނެއް؟ ނިޔާޒު އެ އޮތީ އެކަން ކިޔާދީފަ. މީރާ އަކީ ސަރުކާރުގެ ސިޔާސީ ގޮތްޕެއް! އެއްވެސް ހަމަހަމަ ކަމެއް ނެތް! މިކަން ރައްޔިތުން ނިންމާކަށް ދެން މާ ދުވަހެއް ނެތް!
އޮޑިޓް މުވައްޒަފު
13 September 2018
އެއީ ކުރިންވެސް މިހާރުވެސް ކަން ހިނގާ ގޮތް. މިވެރިކަމުގެ ހާލު. މިހާރުވެސް ހައުސިންގ މިނިސްޓްރީއިން އެއްވެސް ލިޔުމެއް ނުދޭ. މުހިންމު މައްސަލަތައް ހުންނަ އޮޑިޓްތައްވަނީ "މެނޭޖްމަންޓް ލެޓަރ" އޭ ކިޔާފަ ރައްޔިތުންނަށް ސިއްރުކޮށް ހަމައެކަނި މިނިސްޓްރީތަކަށް ފޮނުވާފަ. ލިޔެކިޔުން ނުދީގެން އެތައް އޮޑިޓެއްގެ މަސައްކަތް ހުއްޓާލަން ޖެހިފައިވޭ . މި މީހުން ޒިންމާދާރު ކުރެވޭނެ ދުވަހެއް ދެކެން ބޭނުން
އޮޑިޓް މުވައްޒަފު
13 September 2018
އެއީ ކުރިންވެސް މިހާރުވެސް ކަން ހިނގާ ގޮތް. މިވެރިކަމުގެ ހާލު. މިހާރުވެސް ހައުސިންގ މިނިސްޓްރީއިން އެއްވެސް ލިޔުމެއް ނުދޭ. މުހިންމު މައްސަލަތައް ހުންނަ އޮޑިޓްތައްވަނީ "މެނޭޖްމަންޓް ލެޓަރ" އޭ ކިޔާފަ ރައްޔިތުންނަށް ސިއްރުކޮށް ހަމައެކަނި މިނިސްޓްރީތަކަށް ފޮނުވާފަ. ލިޔެކިޔުން ނުދީގެން އެތައް އޮޑިޓެއްގެ މަސައްކަތް ހުއްޓާލަން ޖެހިފައިވޭ . މި މީހުން ޒިންމާދާރު ކުރެވޭނެ ދުވަހެއް ދެކެން ބޭނުން