މީރާގެ އޮފީސް ހުންނަ އިމާރާތް: މި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ އިތުރު.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
15 އޯގަސްޓް 2016 - 19:42
ޓެކްސްގެ ގޮތުގައި މިދިޔަ މަހު ލިބުނު އާމްދަނީ ވަރަށް ބޮޑަށް ދަށަށް ދިޔައަސް، މި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުުރުވެ، 9.28 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާ، މީރާ އިން މިއަދު އާއްމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެ އޮތޯރިޓީން 1.35 ބިލިއަން ރުފިޔާ ބަލައިގެންފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ ޖުލައި މަހަށް ވުރެ 17.2 ޕަސެންޓް ދަށް އަދަދަކަށް ވުމުގެ އިތުރަށް، އެއީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާ ކުރި ވަރަށް ވުރެ ވެސް 32 ޕަސެންޓުގެ ދަށް ވުމެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މިދިޔަ މަހު ލިބުނު އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، މީރާ އިން ބުނި ގޮތުގައި، މި އަހަރުގެ ދެ ވަނަ ކުއާޓަރުގެ ޖީއެސްޓީ އާއި ޖޫން މަހުގެ ޖީއެސްޓީ އަދި ގްރީން ޓެކްސްގެ ބަޔާން ހުށަހެޅުމުގެ ސުންގަނޑި ކަމަށް ވާ ޖުލައި 28 އާއި ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް (ބީޕީޓީ)ގެ ސުންގަނޑި ކަމަށް ވާ ޖުލައި 31 ބަންދު ދުވަސްތަކަކަށް ވުމުން، އެ ކަންކަން ފުރިހަމަ ކުރުން މި މަހުގެ އެކަކަށް ލަސްކުރަން ޖެހުމެވެ. އަދި ބޭންކުތަކުގެ އާމްދަނީން ދައްކާ ޓެކްސް ބައެއް ބޭންކުތަކުން ސުންގަނޑީގެ ކުރިން ދެއްކުމަކީ ވެސް އޭގެ އެއް ސަބަބު ކަމަށް މީރާ އިން ބުންޏެވެ.
- ބީޕީޓީ: (722.30 މިލިއަން ރުފިޔާ، 53.7 ޕަސެންޓް)
- ޖީއެސްޓީ: (317.49 މިލިއަން ރުފިޔާ، 23.6 ޕަސެންޓް)
- ބޭންކުގެ ފައިދާ އިން ދައްކާ ޓެކްސް: (95.15 މިލިއަން ރުފިޔާ، 7.1 ޕަސެންޓް)
- ގްރީން ޓެކްސް: (34.79 މިލިއަން ރުފިޔާ، 2.6 ޕަސެންޓް)
މިދިޔަ މަހު ލިބުނު އާމްދަނީ ދަށަށް ދިޔައަސް، މި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ ވަނީ، މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 9.28 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީން ޖުލައި މަހުގެ ނިޔަލަށް ލިބުނު 8.5 ބިލިއަން ރުފިޔާ އަށް ވުރެ 9.4 ޕަސެންޓުގެ އިތުރުވުމެކެވެ.
ދައުލަތުގެ މި އަހަރުގެ 27.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި 21.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ޖަހާފައިވެ އެވެ. އޭގެ ތެރެއިން ބޮޑު ބައެއް ހޯދަން ނިންމާފައިވަނީ ޓެކްސް އިތުރުކޮށްގެންނާއި އާ ޓެކްސްތައް ނަގައިގެންނެވެ. އެ ގޮތުން، މިހާރު ވަނީ ގްރީން ޓެކްސް ނަގަން ފަށާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިދީދީއައްޑޫސިޓީ
16 August 2016
ތީގެއިން ދައްކަނީ ރާއްޖެއަށް ޓޫރިސްޓުން އައުން މަދުވިކަން.
އަލިދީދީއައްޑޫސިޓީ
16 August 2016
އެހެންމީހުން ގެ އައިޑީ އިން ވައްކަން ކުރުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް.
އެކްސް
16 August 2016
ކަލެކްޝަން ރިޕޯޓު ނެރުނަސް އަދި ނިޒާމު ފުރިހަމައެއްނުވޭ. ކޮބާތަ ޚަރަދުތަކުގެ ރިޕޯޓު؟ ޓެކްސް ނިޒާމެއްގައި ޓެކްސްގެ ގޮތުގައި ނަގާފައިސާ ޚަރަދުކުރާ ގޮތްވެސް ޓެކްސް ދައްކާ ފަރާތްތަކަށް އެނގެންޖެހޭ.
ދޮން އާމިރު
16 August 2016
ރައީސް ނަޝީދުގެ ދުރުވިސްނުންކަން ކަށަވަރު.
މާހިރު
15 August 2016
21.5 ބިލިއަން ހަމަކުރުމަކީ ވާނޭކަމެއްކަމަކަށް ލަފައެއް ނުކުރެވޭ. 15 ބިލިއަން ލިބިދާނެކަމަށް ބެލެވޭ. ބަޖެޓުން ލަފާކޮށަފައިވާ އާމްދަނީގެ ބާކީ 6.5 ބިލިއަން ހޯދާނީ ކޮންތާކުންބާ!
ލޮލް
16 August 2016
ބަޖެޓު އަލުން ކިޔުން އެދެން...