މާލެ އަށް އިއްޔެ ބޯކޮށް ވާރޭ ވެހި، ފެނުގެ އަސަރު ކުރި ސައިކަލްތައް ސާވިސް ކުރުމަށް ލިޓަސް ކައިރި ފުރާލައިފި އެވެ.
ލިޓަސް ކައިރީގައި ހެނދުނު 08:30 ގައި އެ ސެންޓަރުގެ ގަރާޖު ހުޅުވި އިރު ވެސް 15 ވަރަކަށް މީހުން ކިޔޫގައި ތިއްބެވެ. އަދި 09:30 ވީއިރު ސާޅިހަކަށް މީހުން ކިޔޫގައި ވަނީ ޖެހިފަ އެވެ.
ލިޓަސްގެ މާކެޓިން މެނޭޖަރު އާސިފު ރަޝީދު ވިދާޅުވީ، ސައިކަލްތައް ސާވިސް ކުރުމުގެ މަސައްކަތުގައި ލިޓަސްގެ ހުރިހާ މެކޭނިކުން މިއަދު މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން 20 މެނޭކިނުން ހަރަކާތްތެރިވާ އިރު މިއަދު ގާތްގަނޑަކަށް 70 ސައިކަލް ސާވިސް ކުރެވޭނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އާންމު ގޮތެއްގައި ދުވާލަކު ފުލް ސާވިސް ކުރުމަށް ލިޓަސް އިން ދިހަ ސައިކަލް ނަގާ އިރު އާންމުކޮށް ކުރާ ސާވިސް ކުރުމަށް 30 ވަރަކަށް ސައިކަލް ނަގަ އެވެ. މާލޭގައި ސައިކަލެއް ސާވިސް ކުރުމަށް އާންމު ގޮތެއްގައި 250ރ. ހޭދަކުރަންޖެހެ އެވެ.
އާސިފް ވިދާޅު ވިގޮތުގައި، ސައިކަލްތައް ހިލޭ ސާވިސް ދިނުމަށް ނިންމީ ފެންބޮޑުވުމާ ގުޅިގެން، އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގަ އެވެ.
ސައިކަލްތައް ސާވިސް ކުރުން މިރޭ 10:00 ވަންދެން ކުރިއަށް ދާނެ އެވެ. ލިޓަސް ސާވިސް ސެންޓަރު ހުންނަނީ ހަދީބީ މަގުގަ އެވެ.
މާލެއަށް އިއްޔެ ވެހުނު ބޯ ވާރޭގައި މުޅި ސިޓީގައި ފެން ބޮޑުވެ، ގޭގެ އަށް ފެން ވަދެ، 160 އާއިލާ އަކަށް ވަނީ އޭގެ އަސަރު ކޮށްފަ އެވެ. އަދި ބައެއް އާއިލާތައް ސަރުކާރުން މިހާރު އަންނަނީ ބަލަހައްޓަމުންނެވެ. މީގެ އިތުރުން، ޕާކްކޮށްފައި ހުރި ސައިކަލްތައް ވެއްޓި ބޮޑެތި ގެއްލުންތަކެއް ވެސް ވެފައި ވެ އެވެ.