އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅިގެން އެމްއެމްއޭގެ ހާއްސަ އޮޑިޓެއް ކުރަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ގެއްލުނު މައްސަލާގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޚާއްސަ އޮޑިޓެއްގެ މަސައްކަތް ފަށައިފި އެވެ.


ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުން ދައުލަތަށް 1.22 ބިލިއަން ރުފިޔާ ގެއްލިފައިވާއިރު، އެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް އަންނަނީ ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ.

މަރުކަޒީ ބޭންކުގެ ގަވަރުނަރު އަހުމަދު ނަސީރު މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވިދާޅުވީ، އެމްއެމްޕީއާރްސީގެ މައްސަލަ އަދި ހިޔާނާތުގެ މައްސަލަތައް ހުއްޓުވުމަށްޓަކައި އަސްލު ސަބަބަކީ ކޮބައިކަން ބަލަންޖެހޭ ކަމަށެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ އަކީ ތަހުގީގު ކުރަމުންދާ ކަމަކަށް ވާއިރު އެމްއެމްއޭގެ ތެރެއިން ހިންގާފައިވާ ކަންކަން ބަޔަކާ ހަވާލުކޮށްގެން ބެލުމުގެ މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަން މިހާރު އޮތީ ބީލަމުގެ މަރުހަލާގައި ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

"ހަގީގަތުގައި އެއްވެސް ހާލެއްގައި އެމްއެމްއޭ ތެރެއިންނާއި ބޭންކިން ނިޒާމުގެ ތެރެއިން އެއްވެސް އިހްމާލެއް އުޅޭ ނަމަ އެ މައްސަލައެއް ނުބަލާ ވާހަކައެއް ނޫން. މި ކަމުގެ އަސްލު މައްސަލަ އަކީ ކޮބައިކަން ގައުމީ ލެވެލް އަކީ ކޮބައިކަން ދެނެގަންނަން [ބޭނުންވޭ]،" ނަސީރު ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވިގޮތުގައި، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ފެބްރުއަރީ 2016 ގައި އޮޑިޓް އޮފީހުން ނެރެފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން ތިންވަނަ ފަރާތެއް މެދުވެރިކޮށް ބޭންކް އޮފް މޯލްޑިވްސް ވެސް ވަނީ އޮޑިޓް ކޮށްފަ އެވެ.

"އެ އޮޑިޓުން ފާހަގަކުރެވުނު ކަންކަން ބަލައި ރަނގަޅު ކުރަންޖެހޭ ކަންކަން ބޭންކް އޮފް މޯލްޑިވްސް އަށް އަންގާފައިވޭ،" ގަވަރުނަރު ވިދާޅުވި އެވެ.

ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ޚިޔާނާތުގެ ގޮތުގައި ފާހަގަކުރެވޭ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުގެ މައްސަލައިގައި ގެއްލިފައިވާ ފައިސާގެ އަދަދު 1.22 ބިލިއަން ރުފިޔާ އަށް އަރަ އެވެ.

އޭގެ ތެރޭގައި، ލީސް އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން އަމިއްލަ ފަރާތްތަކެއްގެ އެކައުންޓަކަށް ޖަމާކޮށްފައިވާ 65.01 މިލިއަން ޑޮލަރާއި ޑޮލަރު ގަނެވިއްކުމުގެ ނަމުގައި ހިންގި މުއާމަލާތްތަކެއްގެ ތެރެއިން އަމިއްލަ ކުންފުނިތަކަށް ދޫކުރި ފައިސާ އިން އަނބުރާ ހޯދަން ޖެހޭ 6.31 މިލިއަން ޑޮލަރާއި ލޯން ދިނުމުގެ ނަމުގައި އެމްއެމްޕީއާރްސީން އަމިއްލަ ކުންފުނިތަކަށް ދޫކުރި ފައިސާއިން އަނބުރާ ހޯދަންޖެހޭ 6.15 މިލިއަން ޑޮލަރު ހިމެނެ އެވެ. އަދި ކޮން ކަމަކާ ގުޅިގެން ދީފައިވާ ފައިސާއެއްކަން އެނގެން ނެތް އަމިއްލަ ކުންފުނިތަކެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ 1.90 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ.

މި މައްސަލައާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ވަނީ ހުކުމް ކޮށްފަ އެވެ.