ޓޫރިޒަމް ކުރިއެރުވުމުގައި ސަރުކާރުން ބަރޯސާވާ އެއް ބަޔަކީ މަޓީ: އަލީ ވަހީދު

ރާއްޖޭގެ ޓޫރިޒަމް އާ ހަރުފަތަކަށް ގެންދިއުމުގައި ސަރުކާރުން ބަރޯސާވާ އެއް ބަޔަކީ، އެ ސިނާއަތު ތަމްސީލްކުރާ މަޓީ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު، ކުރުނބާ މޯލްޑިވްސްގައި ވިދާޅުވެއްޖެ އެވެ.


މަޓީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ މަޓީގައި ތިއްބެވީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އާރުކާޓީން ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއަށް ގެންގޮސް ޑައިވާސިފައި ކުރުމުގައި މަސައްކަތް ކުރާނީ، މަޓީއާ އެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ދުނިޔޭގެ އެކި ހިސާބުތަކަށް ބަލާ އިރު ރާއްޖެއަކީ ސާވިސް އިންޑަސްޓްރީގައި އެއް ވަނަ ކަމަށެވެ.

"ރާއްޖޭގައި މިފަތުރުވެރިކަމުގެ ސިނާއަތް ކުރިއަށް ގެންދިޔުމުގައި އަޅުގަނޑުމެންގެ އަމާޒު ހުރީ ދިވެހި ރާއްޖޭގެ އެކި އެކި ޑެސްޓިނޭޝަން ތަކަކަށް ޑިވެލޮޕްވެ ޑިފައިން ވެގެން ދިޔުން. އެކަމަށްޓަކައި އަޅުގަނޑުމެންގެ އިންޑަސްޓްރީއަށް ބޭނުންވާ އިންސެންޓިވްސްތައް އަދި ގާނޫނާއި ގަވައިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް އަޅުގަނޑުމެން ގެންނާނަން،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ފަތުރުވެރިކަން މާކެޓް ކުރުމުގައި މީގެ ކުރިން ހަރަދުކުރި ވަރަށް ވުރެ ތިން ގުނަ އިތުރަށް ހޭދަކުރާއިރު، ސަރުކާރާއި އިންޑަސްޓްރީގެ ފަރާތްތަކުން މަސައްކަތް ކުރާނީ ގުޅިގެން ކަމަށެވެ.

މިނިސްޓަރު ވަނީ މި ދުވަސްވަރު ޓޫރިޒަމް ދާއިރާގައި ހިނގާ ހިތާމަވެރި ހާދިސާތަކާ މެދު ވެސް ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ އެފަދަ ހާދިސާތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ.