ކޮކަ ކޯލާގެ އާ ރަހައަކީ "އޮރެންޖް ވެނީލާ"

މަޝްހޫރު ކޮކަ ކޯލާ ކުންފުނިން އަހަރުތަކަކަށް ފަހު އާ ރަހައެއް ތައާރަފުކޮށްފި އެވެ.


މި މަހުގެ ފަހުކޮޅު އާންމުކޮށް ވިއްކަން ފަށާ ގޮތަށް ހަމަޖެހިފައި ވަނީ އޮރެންޖް ވެނީލާ އެވެ.

ކޮކާ ކޯލާ އިން ބުނީ އާ ރަހައަކީ އަނެއްކާ ވެސް ކަސްޓަމަރުންނަށް ތަފާތު ތަޖުރިބާއެއް ގެނެސް ދޭނެ އެއްޗެއް ކަމަށެވެ. އަދި އެ ކުންފުންޏަކީ އަބަދުވެސް ކަސްޓަމަރުންނަށް ވެރައިޓީ ގެނެސްދޭ ކުންފުންޏެއް ކަމަށް ކޮކަ ކޯލާ އިން ބުންޏެވެ.

"މި މަހުގެ ފަހުކޮޅު އޮރެންޖް ވެނީލާ ވިއްކަން ފަށާނެ،" އެ ކުންފުނީގެ ބްރޭންޑް ޑިރެކްޓަރު ކޭޓް ކާޕެންޓާ ބުންޏެވެ. "އޮރެންޖް ވެނީލާއަކީ 'ޒީރޯ ޝުގާ' ވާޝަނެއް. މިދިޔަ ހޫނު މޫސުމުގެ ތެރޭގައި އޮރެންޖް ވެނީލާ ޓެސްޓްކުރަން އެމެރިކާގައި ނެރެގެން މި ފްލެއާ އަށް އާންމުންގެ ފަރާތުން ލިބުނު ތަރުހީބު ވެސް ބޮޑު. ގިނަ ބަޔަކު ބުނެފައި ވަނީ މިއީ ވަރަށް ކަމުދާ ރަހައެއް ކަމަށް."

ކޮކާ ކޯލާގެ ރަހަތަކުގެ ތެރޭގައި ކޯކް ޒީރޯ އާއި ތަފާތު އެހެން ފްލެވާތައް ވެސް ހިމެނެ އެވެ. އެގޮތުން މި އަހަރުގެ ތެރޭގައި ޗެރީ ކޯކާއި ޗެރީ ކޯކް ޒީރޯ އާއި ވެނީލާ ކޯކްގެ އިތުރުން ވެނީލާ ކޯކަށް އިތުރު ފުރިހަމަ ގެންނާނެ ކަމަށް ކޮކާ ކޯލާ ކުންފުނިން ބުންޏެވެ.

މިދިޔަ އަހަރު ކޮކަ ކޯލާ އިން ވަނީ ޑައިޓް ކޯކްގެ ހަތަރު ރަހައެއް ވެސް ނެރެފަ އެވެ. އެއީ ފިއެސްޓީ ޗެރީ، ޒެސްޓީ ބްލަޑް އޮރެންޖް، ޖިންޖަ ލައިމް އަދި ޓްވިސްޓެޑް މެންގޯ އެވެ.