މިދިޔަ އަހަރު 200 އޮޑިޓް ރިޕޯޓު ނިންމިން: ޒިޔަތު

ވޭތުވެދިޔަ އަހަރު 200 އޮޑިޓް ރިޕޯޓު ނިންމާފައިވާ ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މިރޭ ވިދާޅުވެއްޖެ އެވެ.


އޮޑިޓް އޮފީހުން ބޭއްވި އޮޑިޓްނާމާ ޖަލްސާގައި އޭނާ ވިދާޅުވީ، އޮޑިޓް އޮފީހުގެ 70 އަހަރުގެ މާޒީގައި ބޮޑު ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށާއި ރައްޔިތުންނަށް ގާތުން، ފަސޭހަކޮށް އެ އޮފީހުގެ މައުލޫމާތުތައް ފޯރުކޮށްދިނުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ އޮފީހުގެ މަސައްކަތްތައް ހަރުދަނާކުރުމަށް އެއް އަހަރުން އަނެއް އަހަރަށް ކުރެވޭ މަސައްކަތްތައް އިތުރުކަން އޭނާ ފާހަގަކުރެއްވި އެވެ.

"ހަލުއި ކަމާ އެކު ބަވަނަވަމުންދާ ދުނިޔޭގެ ބަދަލުތަކަށް ދިވެހި ރާއްޖެ ފައިތިލަ ސާބިތު ކުރަމުންދާ އިރު އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖެ އަށް އަންނަ ބަދަލުތަކަށް ރިޔާއަތްކޮށްގެން މަސައްކަތް ކުރުން. އެގޮތުން ވޭތުވެދިޔަ އަހަރު ސްޓޭކްހޯލްޑަރުންނާ އެކު ވަރަށް ގިނަ ބައްދަލުވުންތަކެއް ބޭއްވިފައިވޭ،" އޭނާ ވިދާޅުވި އެވެ.

ޒިޔަތު ވިދާޅުވީ، އެކައުންޓެންޓުންނާއި އޮޑިޓަރުން އެއް ފުރާޅަކަށް ގެނެސް މި ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ވެސް އެ އޮފީހުން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. އެގޮތުން މޯލްޑިވްސް އެކައުންޓިން ފޯރަމްގެ ތެރެއިން މުހިއްމު ގިނަ މަސައްކަތްތަކެއް މިދިޔަ އަހަރު ވެސް ކުރި ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުރިއަރާފައިވާ ގައުމުތަކުގައި އޮޑިޓަރުންނާއި އެކައުންޓެންޓުންނަށް ގާނޫނީ ބާރުތައް ދެވޭ އިދާރާތައް ހަދާފައި ހުންނަ އިރު މިހާތަނަށް ރާއްޖޭގައި އެފަދަ އިދާރާއެއް ނެތް ކަމަށެވެ.

އޮޑިޓް އޮފީހުން މިހާރު އަންނަނީ އެކައުންޓިން ދާއިރާގެ ފަރާތްތަކަށް ގާނޫނީ ބާރުތައް ދެވޭނެ އިދާރާއެއް ހެދުމަށްޓަކައި މަސައްކަތް ކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ. ޕްރޮފެޝަނަލް އެކައުންޓެންސީގެ ގާނޫނު އެކުލަވާލައި މިހާރު އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ޒިޔަތު ވިދާޅުވި އެވެ.