ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިތުރު 14 ޗެކިން ކައުންޓަރު ބަހައްޓައި ހިދުމަތް ދޭން ފަށައިފި އެވެ.
އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހިދުމަތް ފައްޓަވައިދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ މިއީ ފަސިންޖަރުންނަށް ދޭ ހިދުމަތް ރަނގަޅު ކުރުމަށް އަލަށް ބެހެއްޓި ކައުންޓަރުތަކާ އެކު މިހާރު އެއާޕޯޓުގައި 42 ކައުންޓަރު ހުންނާނެ ކަމަށެވެ. މި އިތުރުވުމާ އެކު އިތުރު 400 ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ، މިއަދު ހުޅުވި 14 ޗެކިން ކައުންޓަރަކީ "14 ހިނިތުންވުން" ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއާޕޯޓުން ފުރިހަމަ ހިދުމަތްތައް ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.
"ދިވެހި ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އުފާވެރި ހުވަފެނީ މަންޒިލްގެ ފެށުމަކީ ވެސް ނިމުމަކީ ވެސް މިއީ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ރާއްޖެ އަންނަ ޓޫރިސްޓެއްގެ ހުވަފެނެއް ނުއެއް ނިމޭނެ. އޭނަ އަނެއްކާވެސް އަނބުރާ އަންނާނެ. އެހެންވީމަ އޭނަ ފުރައިގެންދާންވާނީ އުފާވެރިކަންމަތީގައި،" އަލީ ވަހީދު ވިދާޅުވި އެވެ.
އެމްއޭސީއެލްގެ އެކްޓިން އެމްޑީ މޫސާ ސޯލިހު ވިދާޅުވީ، މި ކައުންޓަރުތައް ހުޅުވީ އެމްއޭސީއެލްގެ 53 ވަނަ އަހަރާ ދިމާކޮށް ކަމަށެވެ. އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް އަދި ތިން އަހަރު އެބައޮތް ކަމަށާއި އެހެންކަމުން އެ މުއްދަތުގައި ވެސް ފަސިންޖަރުންނަށް ދޭ ހިދުމަތް ބުރޫއެރުމެއް ނެތި ދިނުމަށްޓަކައި އާ ކައުންޓަރުތަކެއް ހުޅުވުން މުހިއްމު ކަމަށެވެ.
"އެއާޕޯޓުގައި މިވަގުތު ތިން ޕީކު ގަޑިއެއް އެބަދިމާވޭ. ގާތްގަނޑަކަށް ދުވާލެއްގެ މައްޗަށް 5،000 އަށް ވުރެ ގިނަ ފަސިންޖަރުންނަށް އެބަ ހެންޑުލް ކުރެވޭ،" އޭނާ ވިދާޅުވި އެވެ.
ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި، ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރުވާނެ ކަމަށް ބެލެވޭ އިރު އެފަރާތްތަކަށް ފަސޭހަކަމާ އެކު ހިދުމަތް ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.