މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެރޯޑްރަމްގެ އާ އޮފީހެއް ހުޅުވައި އެ ކުންފުނީގެ އާ ވެބްސައިޓާއި މޮބައިލް އެޕްލިކޭޝަން މިއަދު ލޯންޗުކޮށްފި އެވެ.
އެމްއޭސީއެލްގެ 53 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހެދި ވެބްސައިޓާއި އެޕްލިކޭޝަން ލޯންޗުކޮށްދެއްވީ އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހެވެ.
އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުކޭޝަންގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު ވިދާޅުވި ގޮތުގައި ބަދަލުތަކަކާއެކު ހެދި ވެބްސައިޓުން އެ ބޭނުންކުރާ މީހުންނަށް އިތުރު ފަސޭހަތަކެއް ލިބޭނެ އެވެ. އެގޮތުން ފަސިންޖަރުންނަށް މެޕާއި ފްލައިޓް ޝެޑިއުލް ބެލޭނެ ކަމަށާއި ކޯޕަރޭޓަށް ހާއްސަ ބައެއް ވެސް ވެބްސައިޓުގައި ކަނޑައަޅާފައި ވެ އެވެ. އެތަނުން ވަޒީފާއާ ޓެންޑާއާ ގުޅޭ މައުލޫމާތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވެލާނާ އެއާޕޯޓު ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު އެތަނުގެ ތަރައްގީއާ ގުޅޭ މައުލޫމާތުތައް ވެސް ވެބްސައިޓުން ފަސޭހައިން ބަލައިލެވޭނެ ގޮތް ހަމަޖައްސާފައިވެ އެވެ.
ހަސަން ވިދާޅުވީ ވެލާނާ އެއާޕޯޓަށް ހާއްސަ މޮބައިލް އެޕްލިކޭޝަނުން އެތަނުން ދޭ ހިދުމަތްތައް އެނގޭނެ ކަމަށެވެ. އެ އެޕްލިކޭޝަން އެންޑްރޮއިޑް އަދި އައިފޯނަށް ޑައުންލޯންޑުކުރެވޭނެ އެވެ.
އެރޯޑްރަމްގެ އާ އޮފީސް އިމާރާތް ހުޅުވައިދެއްވީ އެމްއޭސީއެލްގެ ބޯޑު މެމްބަރު އިބްރާހިމް ނޫރައްދީނެވެ. އެ އިމާރާތަށާއި އެތަނުގެ މެޝިނަރީޒްތަކަށް 17 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
އާ ރަންވޭއަށް ހާއްސަކޮށްގެން ހެދި އެރޯޑްރަމްގެ އޮފީސް އިމާރާތް ހެދީ ދިވެހި ކުންފުންޏަކުންނެވެ. އެ މަސައްކަތް ފުރިހަމަކޮށްފައިވަނީ 11 މަސް ދުވަހުންނެވެ.