26 އެޕްރީލް 2019 - 06:30
މަޝްހޫރު އޯޑިއޯ ސްޓްރީމިން ޕްލެޓްފޯމް ސްޕޮޓިފައި އިންޑިއާގައި ލޯންޗްކުރިތާ ހަފުތާތަކެއް ފަހުން، އެ ގައުމުގެ ކުންފުންޏަކުން ސްޕޮޓިފައި އަށް ދައުވާކޮށްފި އެވެ.
އިންޑިއާގެ އެންމެ ދުވަސްވީ އެއް މިއުޒިކް ކުންފުނި ކަމަށްވާ ސާރޭގާމާ އިން ސްވިޑްންގެ ސްޕޮޓިފައި އަށް ދައުވާކުރީ އެ ލޭބަލްގެ ލަވަތައް ސްޕޮޓިފައިގައި ހިމަނަން މަޝްވަރާކޮށް، އެއްބަސްވުމަކަށް ނާދެވެނީސް އެތައް ހާސް ލަވައެއް ސްޓްރީމްކުރަން ފެށި މައްސަލައިގަ އެވެ. އިންޑިއާގައި ސްޕޮޓިފައި ލޯންޗްކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ.
ސާރޭގާމާ އިން ސްޕޮޓިފައި އަށް ދައުވާކުރި މައްސަލާގައި ފުރަތަމަ އަޑުއެހުން މިދިޔަ އަންގާރަ ދުވަހު ދިއްލީ ހައި ކޯޓްގައި ވަނީ ބާއްވައިފަ އެވެ. އެ އަޑު އެހުމުގައި ސާރޭގާމާގެ ވަކީލު ސަޖަން ޕޫވައްޔާ ކޯޓްގައި ވިދާޅުވީ އެއްބަސްވުމަކަށް ނާދެވެނީސް ސްޕޮޓިފައި އިން އެ ކުންފުނީގެ ލަވަތައް ސްޓްރީމްކުރަން ފަށާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
އެހެންވެ ސްޕޮޓިފައިގައި ހިމެނި ސާރޭގާމާގެ 120،000 ލަވަ 10 ދުވަހުގެ ތެރޭގައި އެ ޕްލެޓްފޯމުން ނެގުމުގެ އަމުރަކަށް ކޯޓްގައި އެދިފައިވެ އެވެ.
Let the track grow on you Slowly Slowly (not) 😉
— Spotify India (@spotifyindia) April 19, 2019
Go listen to this fresh track by @GuruOfficial & @pitbull now: https://t.co/cuY3grgocy pic.twitter.com/Gg3iLQ4go3
މި މައްސަލާގައި ބާއްވާ ދެވަނަ އަޑުއެހުން ވަނީ ވަނީ އަންނަ މަހުގެ 5 އަށް ތާވަލުކޮށްފަ އެވެ. މިކަމާ ގުޅިގެން ސްޕޮޓިފައި އިން މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ސްޕޮޓިފައި އިން މިހާރު ވަނީ ދުނިޔޭގެ އެންމެ ގިނަ އޯޑިއޯ (ލަވަތައް) ހުރި އިންޑިއާގެ ޓީ ސީރީޒާ އެކު އެއްބަސްވުމެއް ހަދައި، އެ ލޭބަލްގެ ކޮންޓެންޓް ވެސް ސްޓްރީމިން ސާވިސްގެ ތެރެއަށް ގެނެސްފަ އެވެ.
ދެހާސް ހައެއްގައި ވުޖޫދަށް އައި ސްޕޮޓިފައި ބޭނުންކުރާ މީހުންގެ އަދަދު 200 މިލިއަނަށް ވުރެ ގިނަ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އިންޑިއާގައި ސްޕޮޓިފައި ލޯންޗް ކުރުމަށް ފަހު، ފުރަތަމަ 30 ދުވަހު ޕްރިމިއަމް ޕެކޭޖް ހިލޭކޮށްފައިވާ އިރު، އޭގެ ފަހުން މަހު ފީގެ ގޮތުގައި ކަސްޓަމަރުންގެ އަތުން 119 ރުޕީސް (1.67 ޑޮލަރު) ޗާޖް ކުރާނެ އެވެ. ސްޕޮޓިފައިގައި ތަފާތު ޕެކެޖްތަކެއް ހުރެ އެވެ. އޭގެ ތެރޭގައި ސިންގަލް-ޑޭ، ވީކްލީ، މަންތުލީ، 3 މަސް، 6 މަސް އަދި އަހަރު ދުވަހުގެ ޕްލޭންތައް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy