13 މެއި 2019 - 13:16
މެލޭޝިއާގައި 8000 ވުރެ ގިނަ ދިވެހިން ދިރިއުޅެމުންދާ އިރު ރައްޓެއްސަކު ނުވަތަ އާއިލާގެ މީހަކު މެލޭޝިއާ އަށް ދާ ކޮންމެ ފަހަރަކު ދިވެހި މަހުގެ ބާވްތައް ގެންދަން ޖެހެ އެވެ. އެކަމަކު މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް މަސް ދަޅު ކޭސް ޕެކް ކޮށްގެން ގެންދިޔުމުގެ ތަފްލީފު އުފުލާކަށް މިހާރަކު ނުޖެހޭނެ އެވެ. އެ ގައުމުގައި މިވަނީ، ދިވެހި މަސްހުގެ އުފެއްދުންތަކަށް ހާއްސަ ފިހާރައެއް ހުޅުވައުފަ އެވެ.
"ދަ މޯލްޑިވްސް ފިޝް މާކެޓް" ހުޅުވާފައި ވަނީ އޯލް އެޗް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި މެލޭޝިޔާގެ ކުންފުންޏަކާ ގުޅިގެންނެވެ. މި ފިހާރައިގެ ދިވެހި ހިއްސާދާރަކީ އަބްދުލް ހަމީދު އަބްދުލް ގަފޫރު (އައްޑޯ) އެވެ. އައްޑޯ ވިދާޅުވީ، މި ފިހާރަ ހުޅުވުމުގެ ވިސްނުން 2016 ވަނަ އަހަރުން ފެށިގެން ގެންގުޅުއްވި ކަމަށެވެ. އެންމެ ފުރަތަމަ މި ވިސްނުން އުފެދުނީ، އޯލް އެޗް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އެއާ އޭޝިއާގެ ކާގޯ އޭޖެންޓްކަން ލިބުނު ހިސާބުންނެވެ.
ފިޝް މާކެޓް
"އެއާ އޭޝިއާ ދިވެހި ޕާޓްނަރަކީ އޯލް އެޗް މޯލްޑިވްސް. އެ އެއާލައިނުގެ ކާގޯ އޭޖެންޓުކަން ލިބުނު އިރު މާގިނަ ކާގޯއެއް ނުހުރޭ މެލޭޝިއާ އަށް ގެންދާކަށް. އެހެންވެ ދިވެހި އުފެއްދުންތަކަށް ހާއްސަ ފިހާރައެއް މެލޭޝިއާގައި ހުޅުވަން ނިންމީ. އޭރުން ދިވެހި އުފެއްދުންތައް ފަސޭހަ ކަމާ އެކު ގެންދެވޭނެތާ،" އޭނާ ވިދާޅުވި އެވެ.
މިދިޔަ މަހު ހުޅުވި "ދަ މޯލްޑިވްސް ފިޝް މާކެޓް" މިނަން ކިޔުނީ ވީހާ ވެސް ދިވެހިވަންތަ ފަސޭހަ ނަމެއް ކިޔުމުގެ ބޭނުމުގަ އެވެ. އެތައް ބައެއްގެ ބުރަ މަސައްކަތަކާ އެކު މި ފިހާރަ ހުޅުވުމުން މެލޭޝިޔާގެ ދިވެހިންނަށް މި ފިހާރައިން ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް އައްޑޯ ގަބޫލު ކުރައްވަ އެވެ.
"އާންމުކޮށް މަހުގެ ބާވަތްތައް އެހާ ގިނައިން ނުގަނެވޭނެ. އެހެންވީމަ މި ފިހާރައިން ދިވެހިންނަށް ވަރަށް ބޮޑު ފަސޭހައެއް ވާނެ. އަޅުގަނޑުމެން ހަމައެކަނި ޓާގެޓް ކުރަނީ ދިވެހިންނަކަށް ނޫން. ދިވެހިންނާއި ޗައިނާ މީހުންނާއި މެލޭޝިއާ މީހުންނަށް އަމާޒުކުރަން،" އޭނާ ވިދާޅުވި އެވެ.
އެ ފިހާރައިން 11 ދިވެހި އުފެއްދުމެއް މިހާރު ވިއްކަ އެވެ. އޭގެ ތެރޭގައި ދަޅު މަހާއި ގަނޑުކުރި ކަންނެއްޏާއި ފަރުގެ މަހުގެ ބާވަތްތައް ހިމެނެ އެވެ. ދިވެހި އުފެއްދުންތައް ކަމަށްވާ އެންޒީގެ އުފެއްދުންތަކާއި ހޮރައިޒަންގެ އުފެއްދުންތައް ވެސް އެ ފިހާރައިން ލިބެ އެވެ. ކުރިއަށް އޮތްތަނުގައި މިފްކޯގެ އުފެއްދުންތައް ވެސް ވިއްކާނެ ކަމަށް އެ ފިހާރައިން ބުނެ އެވެ. މަހުގެ އެހެން ދިވެހި އުފެއްދުންތައް ގެނެސް ވިޔަފާރި ފުޅާ ކުރާނެ ކަމަށް އައްޑޯ ވިދާޅުވި އެވެ.
މެލޭޝިއާގައި ދިވެހި މަހުގެ ބާވަތްތަކަށް ހާއްސަކޮށް ހުޅުވި މި ފިހާރަ ހުޅުވުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެންނެވެ. މި ފިހާރަ ހުޅުވުމުގެ މަސައްކަތުގެ ތެރެއިން އެންމެ ގިނަ ވަގުތު ނެގީ މެލޭޝިއާގައި ވިޔަފާރިއެއް ފެށުމަށް ބޭނުންވާ ހުއްދަތައް ނެގުމަށެވެ. މިހާރު ހުރިހާ ކަމެއް ހަމަޖެހުމުން މާބޮޑު ދަތިކަމެއް ނެތް ކަމަށް އައްޑޯ ވިދާޅުވި އެވެ. އެއާ އޭޝިއާ މެދުވެރިކޮށް ތަކެތި ގެންދާ އިރު ހަފްތާއަކު 10 ދަތުރު އެ އެއާލައިނުން މެލޭޝިއާ އަށް ކުރެ އެވެ. އެހެންކަމުން ބޭނުންވާ ކޮންމެ ވަގުތެއްގައި ވެސް ތަކެތި ރާއްޖެއިން ގެންދެވޭނެ އެވެ.
އައްޑޯ ގަބޫލުކުރައްވާ ގޮތުގައި މެލޭޝިއާ މީހުންނަކީ މަހުގެ ބާވަތްތައް، ކެއުމުގައި ބޭނުން ކުރާ ބަޔަކަށްވުމުން އިތުރު ފިހާރަތައް ހުޅުވައިގެން ވިޔަފާރި ފުޅާ ކުރުމުގެ ފުރުސަތު ވެސް ވަރަށް ބޮޑު ކަމަށެވެ. ދިވެހި މަހުގެ އުފެއްދުންތަކަކީ ކުއަލިޓީ ރަނގަޅު އުފެއްދުންތަކެކެވެ. މިއީ ވެސް ދިވެހި މާކެޓު ހާއްސަވާ އެއްކަމެވެ. މި ފިހާރަ އަންނަނީ މެލޭޝިއާގައި ބޮޑު މަގްބޫލު ކަމެއް ހޯދަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާލުސޮރު
14 May 2019
ފައިސާ ގިނަ ވީމާ މިކަންވެސް ކުރަންވީ، ހަގީގަތުގައި މެލޭޝިޔާގައި ކާބޯތަކެތި ދިވެހިން ވިއްކަން އުޅުމަކީ ބަސަރާއަށް ކަދުރު ވިއްކުން ކަހަލަ ކަމެއް
ކަރިސް
14 May 2019
އެތަނުން ލިބޭ ހުރިހާބާވަތެއްގެމަސް ތިފިހަރައިން އަދި މާ އަގު ފަލަވާނެ. އެހެންވެ މެލޭސިއާއަށްދާއިރު މަސްގެންގޮސްލީމަ ފުދޭ
ވާލުސޮރު
14 May 2019
ކޮންމެހެން މަހާ ރިހާކުރާ ގެންދަން ޖެހޭތަ؟ އެގައުމަކަށް ގޮއްސަ ނޫޅެވެންޏާ ނުދާނީ
އަބްދުއްالله
14 May 2019
އެތަކެއް ހާސް އަހަރު މަސްވެރިކަން ކުރިއިރުވެސް ދިވެހިންނަކަށް ނޭގުނު ކަޅިމަސް ނުލާގޮތަށް މަސް ބާނާކަށް. ކަޅިމަހުގެ އަސަރު ހުރެއްޖެ ނަމަ، އިންޓަނެޝަނަލް ބާޒާރު ތަކުގަ ބަލަނީ ފެންވަރު ނެތް މަސް ކަމުގަ. މަރުބޭނީ ކޯޕަރޭޝަނުން ދިވެހިރާއްޖެ ދޫކުރީވެސް މިހެންވެގެން. މި ފިހާރައިން މަސް ގަންނާނީ ހަމަ އެކަނި، ތަންދޮރު ނުދަންނަ ދިވެހިން.
ައޮހެއި
13 May 2019
ލަންކާގަ މަސްފިހާރައެއް ހުޅުވަންވީނުން...
ހަސަންބެ.
13 May 2019
ހުޅުވިވަރަށް ވުރެ ބާރަށް ވިޔަފާރި ނުވާތީ ބަންދު ކުރާނެ.
ބަބުރަންޖީ ހާޖީ
13 May 2019
އައްޑޯ މިހާރު ފުޓުބޯޅައަށް އަލްވަދާއުކީތޯ؟ ކޮންމެއަކަސް ތިފެށިމަސައްކަތުގައި ބަރަކާތްލައްވާންދޭވެ.