އެއް މަސްތެރޭގައި ރިޒާވުން 162 މިލިއަން ޑޮލަރު މަދުވެއްޖެ

ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖޭގެ ރިޒާވް 938 މިލިއަން ޑޮލަރުގައި ހުރުމަށް ފަހު، މާޗް ނިމުނު އިރު އެ އަދަދުން 162 މިލިއަން ޑޮލަރު މަދުވެއްޖެ އެވެ.


މާޗު މަހުގެ ދައުލަތުގެ ރަސްމީ ރިޒާވް ވަނީ 776.2 މިލިއަން އެމެރިކާ ޑޮލަރަށް ދަށްވެފަ އެވެ. މިއީ 17 ޕަސެންޓްގެ މަދުވުމެކެވެ. އެކަމަކު އެ ފައިސާ ހޭދަކުރީ ކޮން ކަމަކަށް ކަމެއް އެމްއެމްއޭއިން ނުބުނެ އެވެ.

ދައުލަތުގެ ރަސްމީ ރިޒާވް ދަށްވެފައިވާއިރު ޔޫސެބަލް ރިޒާވް ވެސް ވަނީ ދަށްވެފަ އެވެ. އެގޮތުން ފެބްރުއަރީގެ ނިޔަލަށް ޔޫސެބަލް ރިޒާވް 295.3 މިލިއަން ޑޮލަރުގައި ހުރި އިރު މިހާރު އެ އަދަދު ވަނީ 251.8 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ.

އެމްއެމްއޭގެ މި އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖެނުއަރީީ އިން ފެށިގެން މާޗް މަހުގެ ނިޔަލަށް ޔޫސެބަލް ރިޒާވް ވަނީ ދަށް ވެފަ އެވެ. އެގޮތުން މި އަހަރުގެ ޖެނުއަރީ މަހު ޔޫސެބަލް ރިޒާވް ހުރީ 317.9 މިލިއަން ޑޮލަރުގަ އެވެ.

މި ވެރިކަމުގެ ފަސް އަަހަރުގެ ތެރޭގައި ދައުލަތުގެ ރިޒާވް އެއް ބިލިއަން ޑޮލަަރަށް އިތުރުކޮށްދެއްވުމަކީ ރައީސުލްޖޫމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސިީ ވައުދެކެވެ.

މި އަހަރު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ މި ސަރުކާރުގެ މަގުސަދަކީ ރާއްޖެ އަށް އިގްތިސާދީ ގޮތުން ކުރިއެރުން ހޯދައިދިނުން ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި ދައުލަތަށް 23.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.