27 މެއި 2019 - 08:36
އިމާރާތް ކުރުމުގެ ދާއިރާ އަށް އަންނަ ބޮޑެތި ކުރިއެރުންތަކާ އެކު، ތަރައްގީވެފައިވާ ބޮޑެތި ގައުމުތަކުގެ އިމާރާތްތަކުގެ ސިފަ އާއި ބައްޓަމަށް ވެސް އަންނަނީ ހީވެސް ނުކުރާ ކަހަލަ ބޮޑެތި ބަދަލުތައް އަންނަމުންނެވެ.
އިނގިރޭސިވިލާތުގެ މަޝްހޫރު ރެސްޓޯރަންޓް ކުންފުނި "ހާޑް ރޮކް" އިން މިހާރު ތައްޔާރުވަމުން އަންނަނީ ގިޓައެއްގެ ބައްޓަމަށް ހަދާފައިވާ ހޮޓަލެއް ހުޅުވަން ތައްޔާރުވަމުންނެވެ. "ހާޑް ރޮކް ހޮޓެލް އެންޑް ކެސިނޯ ހޮލީވުޑް" ގެ ނަމުގައި ތަރައްގީ ކުރަމުން އަންނަ ހޮޓާ ހުޅުވަން ތާވަލުކޮށްފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު އެވެ.
ދުނިޔޭގައި ފުރަތަމަ ފަހަރަށް ގިޓައެއްގެ ބައްޓަމަށް ހަދާ އިމާރާތް ފަރުމާކޮށްފައި ވަނީ ކްލާއީ ޖޫބާ ވާލްޑެވެ. ހޮޓެލްގެ އިންޓީރިއާ ޑިޒައިންކޮށްފައި ވަނީ ޑޭވިޑް ރޮކްވެލް އެވެ.
އެންމެ މަތީ ފެންވަރުގެ ގިނަ ހިދުމަތްތަކެއް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ގިޓާ ހޮޓަލަކީ 137 މީޓަރު އުސް އިމާރާތެކެވެ. ގާތްގަނޑަލަށް 1.5 ބިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީކުރާ ހޮޓަލުގައި ހުންނާނީ 638 ކޮޓަރި އާއި ސުއިޓްސް އެވެ. ގިޓާ ބައްޓަމުގެ ހޮޓަލުގެ އެންމެ ހާއްސަ އެއް ސިފައަކީ މުޅި އިމާރާތް ލައިވް މިއުޒިކަށް ހާއްސަކޮށްފައި އޮތުމެވެ.
މި ޕްރޮޖެކްޓާ ބެހޭ ގޮތުން ހާޑް ރޮކްގެ ސީއީއޯ ޖިމް އެލެން ވިދާޅުވީ، ބޭނުންވަނީ މުޅިން ތަފާތު ބައްޓަމެއްގެ ހޮޓަލެއް ކަމަށެވެ.
"މިތަން ތަޖުރިބާކޮށްލީމަ އެނގޭނީ ތަނުގެ ހާއްސަކަން. ވަރަށް ވެސް ފުރިހަމަ އަދި ވަރަށް ވެސް އާދަޔާހިލާފު ކަންތައްތަކެއް ހޮޓަލުން އިހުސާސްކޮށްލެވޭނެ،" އޭނާ ވިދާޅުވި އެވެ.
މި ހޮޓާ ހުޅުވަން ތައްޔާރުވަމުން އަންނަ އިރު އަންނަ ޖުލައި މަހުގެ 24 އިން ފެށިގެން އެތަނުގެ ބުކިންސް ހުޅުވައިލާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާގަބާޑި
27 May 2019
ތިއައް ވުރެން ރީތި ދަރުމަވަންތަ ހޮސްޕިޓަލްވެސް
ރަންނަ
27 May 2019
ތިހޮސްޕިޓަލްގެ ބިލްޑިންގް އެކަނިވެސް އެ މުޅިޕްރޮޖެކްޓަށްވުރެ އަގުބޮޑު.