ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ--ފޮޓޯ:ހުސައިން ވަހީދު/މިހާރު
28 މެއި 2019 - 15:37
ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ މަސްލަހަތު އޮންނަ ތްރީއޭ ކުންފުނިން ދައުލަތަށް ފައިސާ ދައްކަން 10 އަހަރުގެ މުއްދަތެއް ދިނުމަށް އެދުނަސް އެ ކުންފުންޏާ މެދު ވެސް އަމަލު ކޮށްފައި ވާނީ އެހެން މީހުންނާ އެއް ހަމައަކުން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ، ލައިސަންސް އަނބުރާ ދިން ހަ ރިސޯޓުގެ ތެރެއިން ތިން ރިސޯޓެއް ނިސްބަތް ވަނީ މި ސަރުކާރުގެ އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ އަލީ ޝިޔާމުގެ އާއިލާ އަށް ކަމަށް ވުމުން އަންނަ ފާޑުކިޔުންތަކަށް ރައްދު ދިނުމަށް ބޭއްވި ނިއުސް ކޮންފަރެންސްގަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ލައިސަންސް ދިން ރިސޯޓުތަކަށް، ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދެއްކުމަށް ދީފައި ވަނީ އެއް އަހަރުގެ މުއްދަތެކެވެ. އެކަމަކު ޓޫރިޒަމް މިިނިސްޓްރީން މިއަދު ބުނިގޮތުގައި ތްރީއޭގެ ކުންފުނީގެ ރިސޯޓުތަކުން އެދުނީ 10 އަހަރަށް އެ މުއްދަތު ދަންމައި ދިނުމަށެވެ.
ތްރީއޭގެ ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ، ފިލިތެޔޮ އާއި ހޮނޑާފުއްޓާއި މެދުފުށި ނިސްބަތް ވަނީ އަލީ ޝިޔާމްގެ އާއިލާ އަށެވެ. ހޮޑާފުށީގެ ވެރިޔާ އަކީ އަލީ ޝިޔާމްގެ ބައްޕަ އަބްދުﷲ އަލީ އެވެ. އަދި ފިލިތެޔޮ އަކީ އަލީ ޝިޔާމްގެ އައިލާގެ ކުންފުނި ތްރީއޭ ޓްރޭޑިން އެވެ. މި ކުންފުންޏަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ހަމްޒާގެ އާއިލާގެ ވެސް ކުންފުންޏެކެވެ. އަލީ ޝިޔާމާއި ހަމްޒާ އަކީ ދެބެއިންނެވެ. ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި އަލީ ޝިޔާމް ކައިވެނި ބައްލަވައިގެން އުޅުއްވަނީ އެއް ގެއެއްގެ ދެ ބޭފުޅުންނާ އެވެ.
މި މައްސަލައިގައި މިނިސްޓަރު އަލީ ވިދާޅުވީ، އޮޕަރޭޓިން ލައިސަންސް ދިނުމުގައި ވަކި މީހަކަށް ވަކި ގޮތެއް ހަދާފައި ނުވާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، އޮޕަރޭޓިން ލައިސަންސް ދޫކުރުމުގައި އެންމެ އުނދަގޫކޮށް، މުއްދަތެއް ދީފައި ވާނީ ތްރީއޭ ކުންފުންޏަށެވެ. އެމީހުން ސަރުކާރަށް ދައްކަންޖެހޭ ފައިސާ ވެސް ގިނަ ކަމަށާއި އަދި ފައިސާ ދައްކައި ނިންމަން ދިގު މުއްދަތަކަށް ތްރީއޭ އިން އެދުނު ނަމަވެސް އެ މީހުންނާ މެދު އަމަލުކުރީ، އޮޕަރޭޓިން ލައިސަންސް ހިފެހެއްޓި އެހެން މީހުންނެކޭ އެއް އުސޫލަކުން ކަމށް އަލީ ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމް ސަލާމް ކުރައްވަނީ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ލައިސަންސް ދިނުމުގައި ބަދަލު އައީ ފިނޭންސް މިނިސްޓްރީން ނެރެފައިވާ ސާކިއުލާއަކާ ގުޅިގެންނެވެ.
ރިސޯޓް ހިންގުމުގެ ލައިސަންސް ހަމަވެފައިވާ ތަންތަނުގެ ތެރޭގައި 2016 ވަނަ އަހަރާއި 2018 ވަނަ އަހަރު އަދި މި އަހަރު ވެސް ލައިސަންސް ހަމަވެފައިވާ ރިސޯޓުތައް ހިމެނެ އެވެ.
އެހެންވެ، 2016 ވަނަ އަހަރުން ފެށިގެން ހުއްދަ ނެތި ރިސޯޓުތައް ދިޔައީ ހިންގަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ރިސޯޓެއް ބަންދުކޮށްފި ނަމަ، އެތައް ބައެއްގެ ވަޒީފާ ގެއްލި، ބޮޑެތި ގެންލުންތަކެއް ގިނަ ބަޔަކަށް ލިބޭ ކަމަށެވެ. އެހެންވެ، އެ ކަންކަމަށް ބަލައި، ހުއްދަ ނެތި ރިސޯޓު ހިންގަމުންދިޔަ ކުންފުނިތަކަށް ސަރުކާރަށް ދައްކަންޖެހޭ ފައިސާ ދައްކައި ހަލާސް ކުރުމަށް މުއްދަތެއް ދިނީ ކަމަށް އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ގަވައިދާ ހިލާފަށް ހިންގާ ރިސޯޓުތަކަށް އެއްވެސް ފުރުސަތެއް ނުދީ ވަގުތުން ބަންދުކޮށްފި ނަމަ އޭގެ ސަބަބުން ކުރާ އަސަރު ވަރަށް ބޮޑުވާނެ ކަމަށެވެ. އަދި ވިދާޅުވީ، ޓޫރިޒަމްގެ ސިނާއަތު ފުނޑުފުނޑު ވާނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.
"ދެން ސުވާލަކީ އެއް އަހަރު ފަހުން ކިހިނެތްތޯއޭ ވާނީ. އެއް އަހަރު ފަހުން ކޮންޓްރެޓްގައި އޮތް ގޮތަށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅެއް އަޅާނަން. ނުބަލާނަން ވަކި މީހަކަށް. އެންމެ ފަހު މަރުހަލާ އަށް ދާން ޖެހުނަސް ދާނަން،" އަލީ ވިދާޅުވި އެވެ.
ބައެއް ފަރާތްތަކުން ގާނޫނާ ގަވައިދާ ހިލާފަށް އަމަލު ކުރި ނަމަވެސް ރާއްޖޭގައި ހިންގާ ގިނަ ރިސޯޓުތަކަކީ އޮންނަ އުސޫލުތަކުގެ ތެރެއިން އަމަލު ކުރަމުންދާ ރިސޯޓުތައް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
1. ފިލިތެޔޮ ރިސޯޓް؛ 10 މަސް ދުވަސް 2. މެދުފުށި އައިލެންޑް ރިސޯޓް: 1 އަހަރާއި ދެ މަސް 3. ހޮނޑާފުށި އައިލެންޑް ރިސޯޓް: 2 މަސް 4. ޑްރިފްޓް ތެލު ވެލިގާ ރީޓްރީޓް: 2 އަހަރާއި 11 މަސް ދުވަސް 5. ކިހާ މޯލްޑިވްސް: 10 މަސް ދުވަސް 6. ޕާމް ބީޗް އައިލެންޑް ރިސޯޓް އެންޑް ސްޕާ: ފަސް މަސް
މި ރިސޯޓުތަކުން ދައުލަތަށް 20 މިލިއަން ޑޮލަރު ދައުލަތަށް ދައްކަންޖެހެ އެވެ. އެންމެ ބޮޑު އަދަދެއް ދައްކަންޖެހޭ ފިލިތެޔޮ ރިސޯޓުން އަށް މިލިއަން ޑޮލަރު ދައްކަންޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުސާމް
28 May 2019
ޢަލީ ވަޙީދު އަކީ ނަސީބު ވެރިއެއް
އަޑަފި
28 May 2019
ތްރީއޭއާ ތަފާތެއް ނުކުރިއަސް ތިޔަކަން ތިޔަ ކުރީ ތްރީއޭ އަށް ޓަކައި ކަމަށް ވެދާނެ އެއްނޫންތޯ.
ހަސަން ނުވަވަނަ
28 May 2019
ރޫމްތަކާ އެހެނިހެން ފެސިލިޓިޒް ވިއްކައިގެން ބަރާބަރަށް ގެސްޓުން އަތުން ލާރި ނަގައިގެން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ނުދައްކައިގެން ތަން ބަންދުކުރަން އެންގީމަ ވެރިކަމަށް އައިސް އާނ މަ ދައްކާނަމޭ ކިޔައިގެން އަނެއް ވިިހި ތިރީސް އަހަރަށް ދައްމާލަނީ. ކިހާ ތާހިރު ކިހާ އޯގާތެރި. ޖަޒީރާ ގެނައި ރާއްޖޭގެ 95ޕަސެންޓް މީހުންނޭ. ފެނޭތަ
ނިޔާމަ
28 May 2019
ހަސަން ނުވަވަނަ ގެ ވާހަކައަށް ތާއީދު. އެކަމަކު ސަރުކާރު ގަ ހިނގަނީ ގައުމު ވިއްކައިގެން މުއްސަނދިވާ މި މަހުޖަނުން. ޖީޑީޕީގެ ނިސްބަތް 1 މިލިއަނަށް އެރިޔަސް ރައްޔތުން ތިބޭނީ އަނގަޔާއި އަތާއި ދިމާ ނުވެ.