ލައިސަންސް އަނބުރާ ދިން ހަ ރިސޯޓުގެ ތެރެއިން ތިން ރިސޯޓެއް ނިސްބަތް ވަނީ ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރައްވާ އަދި އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ އަލީ ޝިޔާމުގެ އައިލާ އަށް ކަން ހާމަވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ ވަނީ ލައިސަންސް އަނބުރާ ދިން ރިސޯޓުތަކުގެ ތަފްސީލު ހާމަކޮށްފަ އެވެ. އެ ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ، ފިލިތެޔޮ އާއި ހޮނޑާފުއްޓާއި މެދުފުށި ނިސްބަތް ވަނީ އަލީ ޝިޔާމްގެ އާއިލާއަށެވެ. ހޮޑާފުށީގެ ވެރިޔާ އަކީ އަލީ ޝިޔާމްގެ ބައްޕަ އަބްދުﷲ އަލީ އެވެ. އަދި ފިލިތެޔޮ އަކީ އަލީ ޝިޔާމްގެ އައިލާގެ ކުންފުނި ތްރީއޭ ޓްރޭޑިން އެވެ. މި ކުންފުންޏަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ހަމްޒާގެ އާއިލާގެ ވެސް ކުންފުންޏެކެވެ. އަލީ ޝިޔާމާއި ހަމްޒާ އަކީ ދެބެއިންނެވެ. ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި އަލީ ޝިޔާމް ކައިވެނި ބައްލަވައިގެން އުޅުއްވަނީ އެއް ގެއެއްގެ ދެ ބޭފުޅުންނާ އެވެ.
ރިސޯޓް ހިންގުމުގެ ލައިސަންސް އަނބުރާ ދީފައިވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައުލަތަށް ދައްކަންޖެހެނީ ފިލިތެޔޮ އިންނެވެ. އެގޮތުން އެ ރިސޯޓުން 8.1 މިލިއަން ޑޮލަރު (124.9 މިލިއަން ރުފިޔާ) ދައްކަން ޖެހެ އެވެ. ދެ ވަނަ އަށް އެންމެ ބޮޑު އަދަދެއް ދައްކަންޖެހޭ މެދުފުށިން 4.2 މިލިއަން ޑޮލަރު (64 މިލިއަން ރުފިޔާ) ރިސޯޓު ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހެ އެވެ. މި ތިން ރިސޯޓުން ގާތްގަނޑަކަށް 200 މިލިއަން ރުފިޔާ ސަރުކާރަށް ދައްކަން ޖެހެ އެވެ.
މީގެ އިތުރުން ހޮނޑާފުށިން ހަތަރު ލައްކަ ޑޮލަރު ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހެ އެވެ.
ލައިސަންސް އަނބުރާދިން ހަ ރިސޯޓުގެ އިތުރުން ތިން ރިސޯޓު ސަރުކާރުގެ އިސް ސަފުގައި މަސައްކަތް ކުރާ މީހެއްގެ އާއިލާ އަށް ނިސްބަތްވި އިރު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ލައިސަންސް ދިނުމުގައި ސަރުކާރުގެ އިސް ސަފުގައި މަސައްކަތް ކުރާ މީހުންނަށް ވަކި ހާއްސަ ކަމެއް ދީފައި ނުވާނެ ކަމަށެވެ.
"މިއީ ރާއްޖޭގައި އިންވެސްޓަރުންގެ ގޮތުގައި އިންވެސްޓް ކުރަން ނަގާފައިވާ ތަންތަން. އަޅުގަނޑުމެން މިނިސްޓްރީން ހިދުމަތް ދިނުމުގައި އަދި ޖޫރިމަނާ ކުރުމުގައި ވެސް ކޮން ޕާޓީއެއްގެ ކޮން ފަރާތެއްތޯ ނުބަލާނަން. އަދި އަތުލަން ޖެހުނަސް އެގޮތަކަށް ނުބަލާނަން،" އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ، މަގާމާ ހަވާލުވެ މިވީ ހަ މަސް ދުވަހުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއަކަށް ނުވަތަ ވަކި މީހަކަށް ވަކި ގޮތެއް ހަދާފައިވާ ކަމަށް ބުނުމުގެ ޖާގައެއް ނޯންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، މިހާރު ހިންގަމުންދާ ރިސޯޓުތަކުގެ ތެރެއިން ހަތް ރިސޯޓެއްގެ ރިސޯޓް ލައިސަންސް ހަމަވެފައިވާ އިރު މިދިޔަ ސަރުކާރުގެ އިހުމާލު އެބައޮތް ކަމަށެވެ. މި ހަތް ރިސޯޓުން ދައުލަތަށް ދައްކަން ޖެހޭ ވަރު 20 މިލިއަން ޑޮލަރަށް އަރަ އެވެ.
"އަމަލު ނުކޮށް ވެކިއުމެއްގައި މިއޮތީ. އަޅުގަނޑުގެ ޒަމީރު ގަބޫލެއް ނުކުރޭ ރިސޯޓުތައް ހިންގުމުގެ ލައިސަންސް ނެތި ހިންގާ އިރު ގެސްޓްހައުސްތަކަށް އެ ފިޔަވަޅުތައް އަޅަންޖެހޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި، އެ މިނިސްޓްރީން މަސައްކަތް ކުރަނީ ހުރިހާ ކަމެއް ގާނޫނާ ގަވައިދުގެ ތެރެއަށް ވެއްދުމަށް ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން ލައިސަންސް ދިން ރިސޯޓުތަކަށް ރިސޯޓު ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދެއްކުމަށް އެއް އަހަރުގެ މުއްދަތެއް ވަނީ ދީފަ އެވެ.