މި އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 6.5 ޕަސެންޓަށް ވުރެ މަތީގައި ހިފެހެއްޓޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރޭ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ދުވެލި، މާލީ އިދާރާތަކުން އަންދާޒާ ކުރަނީ ވޭތުވެދިޔަ ދުވަސްތަކުގައި އޮތް ހާލަތަށް ބަލައިގެން ކަމަށް ވިޔަސް މަޝްރޫއުތައް ފެށުމުން އިގްތިސާދު ކުރިއަރައިގެންދާނެ ކަމަށެވެ.
މިނިސްޓަރު މިހެން ވިދާޅުވި އިރު، ވޯލްޑް ބޭންކުން ދާދި ފަހުން އާއްމުކުރި ރިޕޯޓުގައި ވަނީ، ކުރިއަށް އޮތް ތިން އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހުންނާނީ އެވްރެޖްކޮށް ފަސް ޕަސެންޓުގަ އެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ވެސް ބުނެފައި ވަނީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މިއަހަރު ނިމޭ އިރު ހުންނާނީ 6.5 ޕަސެންޓްގަ އެވެ.
ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މިދިޔަ އަހަރު ހުރީ 7.5 ޕަސެންޓްގަ އެވެ.
މިނިސްޓަރު ވިދާޅުވި އަމީރު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ތަރައްގީގެ ގިނަ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށޭނެ އެވެ. ބަޖެޓްގައި ހިމެނި ގިނަ މަޝްރޫއުތަކެއް މިހާރު ހުރީ ބީލަމަށް ލުމުގެ މަރުހަލާގައި ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅިވި ގޮތުގައި ބަޖެޓްގައި ހުރި ހުރިހާ މަޝްރޫއުއެއް ވެސް މި އަހަރު ކުރިއަށް ގެންދާނެ އެވެ.