ބެސްޓް އެއާލައިން އެވޯޑު އަނެއްކާވެސް ގަތަރު އެއާވޭސް އަށް

ސްކައި ޓްރެކްސް ވޯލްޑް އެއާލައިނުން ދޭ ދުނިޔޭގެ "ބެސްޓު އެއާލައިން"ގެ އެވޯޑު ގަތަރު އެއާވޭސް އަށް އަނެއްކާވެސް ލިބިއްޖެ އެވެ.


މިއީ މި އެވޯޑު އެ އެއާލައިނުން ކާމިޔާބުކުރި ފަސް ވަނަ އަހަރެވެ. އެގޮތުން އެ އެއާލައިނަށް މި އެވޯޑު އެންމެ ފަހުން ލިބުނީ 2017 ވަނަ އަހަރު އެވެ. މިއީ މި އެވޯޑު ފަސް ފަހަރަށް އެއް އެއާލައިނަކަށް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.

ފްރާންސްގެ ޕެރިހުގައި ބޭއްވި ހަފުލާގައި ގަތަރު އެއާވޭސް އަށް ވަނީ ދުނިޔޭގެ ބެސްޓު އެއާލައިންގެ އިތުރުން މެދުއިރުމަތީގެ ބެސްޓް އެއާލައިނާއި ދުނިޔޭގެ ބެސްޓް ބިޒްނަސް ކްލާސް އަދި ދުނިޔޭގެ ބެސްޓް ވޯލްޑް ކްލާސް ސީޓުގެ އެވޯޑު ލިބިފަ އެވެ.

ގަތަރު އެއާވޭސް ގުރޫޕުގެ ޗީފް އެގްޒެކެޓިވް އޮފިސާ އަކްބަރު އަލް ބަކާރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ދުނިޔޭގެ އެތައް އެއާލައިނަކާ ވާދަކޮށް މިފަދަ އެވޯޑުތަކެއް ލިބުމުން އެ ކުންފުންޏާއި ގައުމު ފަހުރުވެރިވާ ކަމަށެވެ. އަދި އިތުރު ހިދުމަތްތަކާ އެކު ކަސްޓަމަރުންގެ ދަތުރުތައް ފުރިހަމަކުރަން މަސައްކަތް ކުރާނެ ކަމަށްވެސް އަކްބަރު ވިދާޅުވި އެވެ.

ސްކައި ޓްރެކްސް ވޯލްޑް އެއާލައިން އެވޯޑަށް މިއަހަރު 300 އަށް ވުރެ ގިނަ އެއާލައިން ވަނީ ނޮމިނޭޓު ވެފަ އެވެ. މި އެއާލައިނުތަކުގެ ތެރެއިން ވަނަތައް ހޮވާފައިވަނީ ސްކައި ޓްރެކްސް އިން ދުނިޔޭގެ އެކި ގައުމުތަކުގައި ކުރި ދިރާސާތަކަށް ފަހުގަ އެވެ.

ގަތަރު އެއާވޭސް އިން، ރާއްޖެ ހިމެނޭ ގޮތުން 160 މަންޒިލަކަށް ދަތުރުކުރެ އެވެ.