އެސްޓީ ލޯޑާގެ ތިން ބްރޭންޑެއް ޑިއުޓީ ފްރީގައި އިފްތިތާހުކޮށްފި

ލަންޑަނުގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އެސްޓީ ލޯޑާގެ ތިން ބްރޭންޑެއްގެ ފިހާރައެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީގައި ހުޅުވައިފި އެވެ.


މިއަދު ހުޅުވާފައި ވަނީ ޖޯ މެލޯން ލަންޑަން އާއި މެކްގެ އިތުރުން ޓޮމް ފޯޑުގެ ފިހާރައެކެވެ. މިއީ މި ތިން ބްރޭންޑުގެ ފިހާރައެއް ރާއްޖޭގައި ހުޅުވި ފުރަތަމަ ފަހަރެވެ. މި ބްރޭންޑުތަކަކީ ދިވެހިންގެ ތެރޭގައި މަގުބޫލު ބްރޭންޑްތަކެކެވެ.

ޖޯ މެލޯން އަކީ ސެންޓުގެ ދާއިރާގައި އެންމެ ކުރީގައި އުޅޭ އެއް ބްރޭންޑެވެ. ވީއައިއޭގެ ޑިއުޓީ ފްރީއިން މި ބްރޭންޑުގެ ސެންޓު ފުޅިއެއް 85 ޑޮލަރު (1،310 ރުފިޔާ) އަށް ލިބޭނެ އެވެ. އަދި މޭކަޕްގެ ދާއިރާގައި ކުރި ހޯދާފައިވާ މެކް ބްރޭންޑުގެ ލިޕްސްޓިކްތައް 20-23 ޑޮލަރު (308-355ރ.) އަށް ލިބޭނެ އެވެ.

ޓޫރިސްޓަކު މެކް ބްރޭންޑުގެ ލިޕްސްޓިކުތަކުގެ އަޖުމަ ބަލާލަނީ-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

މީގެ އިތުރުން ބިއުޓީ ޕްރޮޑަކްޓުތައް އުފައްދާ ކުންފުނި ކަމަށްވާ ޓޮމް ފޯޑުގެ މޭކަޕާއި ސެންޓު ވެސް މި ފިހާރައިން ލިބެ އެވެ. އެގޮތުން މި ބްރޭންޑުގެ ސެންޓު ފުޅިއެއް 216 ޑޮލަރު (3،330ރ.) އަށް ލިބޭއިރު މޭކަޕްގެ ސާމާނު 48 ޑޮލަރު (740ރ.) އަށް ލިބޭނެ އެވެ.

އެމްއޭސީއެލްގެ ޑިއުޓީ ފްރީގެ މާޗެންޑައިޒިން މެނޭޖަރު އެވެލިން ހަރޭރާ ބުނީ ޑިއުޓީ ފްރީގައި މިއަދު ތައާރަފު ކުރި މި ބްރޭންޑުތަކުގެ ސަބަބުން ވިޔަފާރި 25 ޕަސެންޓަށް އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި މިއީ ޑިއުޓީ ފްރީގައި މަސައްކަތް ކުރާ ފަރާތްތަކަށާއި ވިޔަފާރި ކުރާ ފަރަތްތަކަށް ލިބިގެންދިޔަ ރަނުގެ ފުރުސަތެއް ކަމަށް އޭނާ ބުންޏެވެ.

"އެސްޓީ ލޯޑާގެ މި ތިން ބްރޭންޑު ޑިއުޓީ ފްރީގައި ހުޅުވުމުން އަޅުގަނޑުމެންގެ ވިޔަފާރި ވަރަށް ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ. އެގޮތުން މި ތިން ބްރޭންޑުގެ ސަބަބުން އަޅުގަނޑުމެންގެ ވިޔަފާރި 25 ޕަސެންޓަށް އިތުރުވާނެ ކަމަށް ލަފާކުރެވޭ،" އެވެލިން ބުންޏެވެ

މި ތިން ބްރޭންޑު އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހުގެ އިތުރުން އެސްޓީ ލޯޑާގެ ރީޖަނަލް މެނޭޖާ ލުއީޒިއާ ފެގަން އަދި އެމްއޭސީއެލްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.