ހަމުގެ މައްސަލަތައް ހުންނަ ތުއްތު ކުދިންނަށް ހާއްސަ ކްލޯތިން ރޭންޖެއް

އެކްޒީމާ އާއި އެ ނޫން ވެސް ހަމުގެ އެކި ކަހަލަ މައްސަލަތައް ހުންނަ ތުއްތު ކުދިންނަށް ހާއްސަ ކްލޯތިން ރޭންޖެއް ލޯންޗްކުރަން އިނގިރޭސިވިލާތުގެ މަޝްހޫރު ކުންފުނި މާކް އެންޑް ސްޕެންސާ (އެސްއެންޑްއެމް) އިން ތައްޔާރުވެއްޖެ އެވެ.


އެ ކުންފުނިން ބުނީ ޑްރީމް ސްކިންއާ ގުޅިގެން ނެރޭ ރޭންޖް އަންނަ މަހުގެ ތެރޭގައި ލޯންޗްކުރާނެ ކަމަށެވެ. އެގޮތުން ތުއްތު ކުދިންނަށް ދުވާލާއި ރޭގަނޑު ބޭނުން ކުރެވޭނެ 22 އުފެއްދުމެއް ކަލެކްޝަންގެ ތެރެއިން ނެރޭނެ އެވެ. އަދި އެއްޗެހި ތައްޔާރުކޮށްފައި ހުންނާނީ ޑްރީމް ސްކީމުން މެޑިކަލީ އެޕްރޫވަލް ވެސް ހޯދާފައިވާ ޕޮލިމާ ޓެކްނޮލޮޖީން އެހީގައި ތައްޔާރުކޮށްފައިވާ މެޓީރިއަލްތަކުން ކަމަށް ބުންޏެވެ.

އެެމްއެންޑްއެސް އިން ބުނީ އަލަށް ނެރޭ ކްލޯތިން ރޭންޖަކީ ތުއްތު ކުދިންގެ ނާޒުކު ހަމާ ވަރަށް ގުޅޭނެ އަދި ސިއްހީ ގޮތުން އެއްވެސް ކަހަލަ މައްސަލައެއް ކުރިމަނުވާނެ އުފެއްދުންތަކެއް ކަމަށެވެ.

އެސްއެންޑްއެމްގެ ޗިލްޑްރެންސް ޕްރޮޑަކްޓް ޑިވެލޮޕްމަންޓް ޓެކްނޮލޮޖީގެ ހެޑް ޑެބޯރާ ޝާޕް ބުނީ ޑްރީމް ސްކިންއާ ގުޅިގެން ކްލޯތިން ރޭންޖް އަންނަ މަހު ނެރެނީ ދޮޅު އަހަރުގެ މަސައްކަތްތަކަކަށް ފަހު ކަމަށެވެ.

"މި ކަލެކްޝަން މި ނެރެނީ ޓެސްޓްކޮށް، ވަރަށް ގިނަ ކަސްޓަމަރުންގެ ފީޑްބެކް ވެސް ހޯދާފައި. އެހެންވީމާ ވަރަށް ވެސް އިތުބާރު ކުރެވޭ ކަހަލަ ކްލޯތިން ރޭންޖަކަށް މީތި ވާނެ ކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް،" އޭނާ ބުންޏެވެ. "މިހާތަނަށް ވަރަށް ޕޮޒިޓިވްކޮށް ކޮމެންޓްތައް ވެސް އައިސްފައި ހުރީމަ ގަބޫލު ކުރެވޭ މިއީ ހަމުގެ މައްސަލަތައް ހުންނަ ކުދިންނަށް ދިމާވާ މައްސަލަތަކަށް ލިބޭނެ ވަރަށް ބޮޑު ހައްލެއް ކަމަށް."

ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ތުއްތު ކުދިންނަށް ވެސް ހާއްސަ ކްލޯތިން ރޭންޖެއް އެމްއެންޑްއެސް އިން މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ނެރުނެވެ.