ކުރީގެ ސަރުކާރުން އެސްޓީއޯ އަށް 800 މިލިއަން ރުފިޔާ ނުދައްކާ އެބަހުރި: ފެނަކަ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ފެނަކަ އިން އެސްޓީއޯ އަށް ދައްކަން ޖެހޭ 800 މިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.


ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި އޮތް ޕެނަލް ޑިސްކަޝަން ގައި، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު އެހެން ވިދާޅުވީ، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވި ވާހަކަތަކާ ގުޅިގެންނެވެ.

އަމްރު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެސްޓީއޯ އަކީ ލިބޭ ފައިދާ އިން ހިންގަމުން އަންނަ ކުންފުންޏެއް ކަމަށެވެ. އެކަމަކު، އެ ކުންފުނިން ފެނަކަ އަށް ވިއްކާ ތެލަށް ލިބެންޖެހޭ ފައިސާ ނުދީ ހުރުމުން ދަތިވާ ކަމަށް އަމްރު ވިދާޅުވި އެވެ.

"ބޭރުން ތެޔޮ ގެނެސް އަޅުގަނޑުމެން ފެނަކަ އަށް އެ ތެޔޮ މި ދެނީ ރަށްތަކަށް ކަރަންޓު ދިނުމަށް. އަޅުގަނޑުމެން ފައިނޭންސް ހަމަޖައްސައިގެން ތެޔޮ ގެނެސް އެ ލާރި ވެސް ދައްކަން ޖެހޭއިރު، ފެނަކަ އިން ލިބޭ އެއްޗަކީ ވަރަށް މަދު އެއްޗެއް. މިހާރު ވެސް ފެނަކަ އިން އެސްޓީއޯ އަށް 800 މިލިއަން ޑޮލަރު ދޭން ޖެހޭ،" އަމްރު ވިދާޅުވި އެވެ.

އަމްރުގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ފެނަކައިގެ އެމްޑީ ސައީދު ވިދާޅުވީ، އެ ފައިސާ އަކީ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ނުދައްކާ ހުރި ފައިސާ ކަމަށެވެ. އަދި ފެނަކަ އިން މިހާރު ކޮންމެ މަހަކު ގާތްގަނޑަކަށް 60 މިލިއަނެއްހާ ރުފިޔާ އެސްޓީއޯ އަށް ދައްކާ ކަމަށް ސައީދު ވިދާޅުވި އެވެ.

ސަރުކާރުން ދައްކަން ހުރި ފައިސާތައް އެކި ކުންފުނިތަކަށް ނުދައްކާތީ އެކަމާ ގުޅޭ ގޮތުން ވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ މަޝްވަރާ ކޮށްފަ އެވެ.

ސަރުކާރުގެ ކުންފުނިތަކުން ބުނާ ގޮތުގައި ލިބެންޖެހޭ ފައިސާ ނުލިބި ލަސްވުމަކީ މަސައްކަތް ކުރުމަށް އެޅޭ ހުރަހެކެވެ.