ގދ. ވާދޫގައި ގެސްޓް ހައުސް ތަރައްގީ ކުރުމަށް ބިން ކުއްޔަށް ދޭން ސަރުކާރުން ނިންމައިފި

ގދ. ވާދޫގައި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށްޓަކައި ގެސްޓް ހައުސް ތަރައްގީ ކުރުމަށް ބިން ކުއްޔަށް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.


ޓޫރިޒަމް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން، ވާދޫގައި ގެސްޓް ހައުސް ތަރައްގީ ކުރުމަށް 5،000 އަކަފޫޓުގެ 16 ޕްލޮޓު ގެސްޓް ހައުސް ތަރައްގީ ކުރުމަށް ބޭނުން ކުރާ ބިމުގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި، ދެން ކުރިއަށް ގެންދާނީ ބިން ކުއްޔަށް ދޫކުރުމަށްޓަކައި ބީލަން ހުށަހެޅުމުގެ މަސައްކަތެވެ. އެގޮތުން ވާދޫގެ ކައުންސިލާއި ކަމާ ބެހޭ އިދާރާތައް ގުޅިގެން އެ މަސައްކަތް ވީހާ ވެސް އަވަހަކަށް ފަށާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ލޯކަލް ޓޫރިޒަމް ތަރައްގީ ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެގޮތުން، މިހާރު ވެސް މި މަސައްކަތް ކުރުމަށް ޓޫރިޒަމް މިނިސްޓްރީ އާއި އެކި އަމިއްލަ ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.