ހޮންކޮންގު މުޒާހަރާ އަށް ބޭކަރީއަކުން ތަފާތު ގޮތަކަށް ހިތްވަރުދެނީ

ކުށުގެ ތުހުމަތު ކުރެވޭ މީހުން ޗައިނާއާ ހަވާލުކުރެވޭ ގޮތަށް ގާނޫނަށް ގެންނަން އުޅޭ ބަދަލުތަކާ ދެކޮޅަށް ހޮންކޮންގުގައި މިދިޔަ މަހުން ފެށިގެން ކުރަމުން އަންނަ މުޒާހަރާ އަދިވެސް ކޮންޓްރޯލް ކުރެވޭ ގޮތެއް ނުވެ އެވެ. މަގުތައް ނުކުންނަ މީހުން ވަނީ އިތުރުވެ. މުޒާހަރާކުރާ މީހުން ތިބި އެ މީހުންގެ ގޮވާލުންތަކަށް އިޖާބަނުދެނީސް ގެއަށް ވަންނަ ގޮތަކަށް ނޫނެވެ.


މުޒާހަރާގެ ބައިވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން ހޮންކޮންގުގެ ބޭކަރީއަކުން މިހާރު އަންނަނީ އެތަނުން ތައްޔާރުކުރާ "މޫން ކޭކް" ހާއްސަ މެސެޖްތަކާއެކީ ވިއްކަން ފަށައިފަ އެވެ. ބޭނުމަކީ މުޒާހަރާ އިން ނެރެން ބޭނުންވާ ނަތީޖާ ނެރެވެންދެން ސާބިތުވެ ތިބުމަށް ބާރުއެޅުމެވެ.

އެގޮތުން ހޮންކޮންގުގެ ސައި ޔިންގް ޕުން ޑިސްޓްރިކްޓްގައި ހިންގާ ބޭކަރީ "ވާ ޔީ ޓަންގް" އިން ވިއްކާ ކޭކްގައި އެކި ކަހަލަ ނިޝާންތައް ނަގައި އެކި ކަހަލަ މެސެޖްތައް ޖަހާފައި ހުރެ އެވެ. އޭގެ ތެރޭގައި "ހޮންކޮންގް ޕީޕަލް"، "ލެޓްސް ފައިޓް ޓްގެދާ" އަދި "ރިޕޯޓް ޔޯ މަދާ" ފަދަ އިބާރާތްތައް ހިމެނެ އެވެ.

މިކަމާ ބެހޭ ގޮތުން ބޭކަރީގެ މެނޭޖަރު ނައޯމީ ސުއެން، 33، ބުނީ މެސެޖްތަކާ އެކު ކޭކް ވިއްކަނީ މުޒާހަރާގެ ބައިވެރިން ކުރާ މަސައްކަތަށް ދޭ ހިތްވަރާއި އެކަން ބަލައިގަންނަކަން އަންގައިދިނުމުގެ ގޮތުން ކަމަށެވެ.

"އަހަރެންގެ އެންމެ ބޮޑު އުންމީދަކީ ހޮންކޮންގްގެ ރައްޔިތުންނަށް އުފާވެރި އަދި ހަމަޖެހޭ ދިރިއުޅުމެއް ލިބުން،" އޭނާ ބުންޏެވެ. "މަގުތަކަށް ނުކުމު މުޒާހަރާކުރާ އެންމެން އެ ދައްކައިދެނީ އެ ހިތްވަރު."

ސުއެން ބުނި ގޮތުގައި އޭނާ އުޅެބޮޑުވީ ވެސް މުޖުތަމައުގެ ބަދަހިކަމާއި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ތެރޭގަ އެވެ. އެހެންވެ ރައްޔިތުންނާ އެކު އޭނާ ވެސް ހުރިކަން މެސެޖް ޖެހި ކޭކްތަކުން ސާބިތުކޮށް ދޭން ބޭނުންވާ ކަމަށް ބުންޏެވެ.

މަަންމައާ ގުޅިގެން އާއިލީ ވިޔފާރިއެއްގެ ގޮތުގައި ހިންގާ ސުއެންގެ ބޭކަރީއަކީ ޕޭސްޓްރީގެ ވަރަށް ގިނަ ބާވަތްތައް ވިއްކަމުން އަންނަ، ގިނަ ބައެއްގެ މެދުގައި މަގުބޫލު ތަނެކެވެ. މުޒާހަރާ ކުރާ މީހުންނަށް ހިތްވަރުދޭ މެސެޖްތަކާ އެކު ކޭކް ވިއްކަން ފެށުމުން ގިނަ ބައެއްގެ ތަރުހީބު ވެސް އެއަށް ވަރަށް ބޮޑަށް ލިބިފައިވެ އެވެ.

އަދި ވަރަށް ގިނަ ބަޔަކު ސުއެންގެ ޓީމުން ކުރަމުން އަންނަ މަސައްކަތަށް ޝުކުރު އަދާކޮށް، މަރުހަބާ ވެސް ކިޔާފައިވެ އެވެ.

"މި ވެސް ގައުމުގެ ހައްގުގައި މީހަކު ކުރާ މަސައްކަތެއް. އަދި މިއީ ގައުމަށްޓަކައި އެ މީހަކު މަސައްކަތް ކުރާ ދާއިރާގެ ތެރެއިން ވެސް ކަންކަން ކުރެވިދާނެކަން ދައްކުވައި ދޭ ކަމެއް،" މެސެޖް ޖެހި ކޭކްގެ ބޮޑު ފޭނެއް ކަމަށްވާ ލިންޑާ ޗަން ރޮއިޓާޒް އަށް ބުންޏެވެ.