ބޭނުންވަނީ 50 ޕަސެންޓް ކަރަންޓް ސޯލާއިން އުފައްދަން: ސްޓެލްކޯ

ކުރިއަށް އޮތް ފަސް އަހަރު ނިމޭއިރު ކަރަންޓުގެ 50 ޕަސެންޓް ސޯލާ ބޭނުންކޮށްގެން އުފައްދަން ބޭނުންވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގްނީ ވިދާޅުވެއްޖެ އެވެ.


ސްޓެލްކޯއިން މިހާރު ވެސް ވަނީ ވ. ރަކީދޫ އާއި އދ. ދިއްދޫގައި ސޯލާ އިން ހަކަތަ އުފައްދާ ދެ ސްޓޭޝަން ގާއިމްކޮށްފަ އެވެ. އެގޮތުން އެ ކުންފުނީގެ ބިޒްނަސް ރިޕޯޓުގައި މުގްނީ ވިދާޅުވީ އެ ދެ ސްޓޭޝަނުން އުފައްދާ ކަރަންޓް ބޭނުންކޮށްގެން ދެ ރަށުގެ ވެސް 100 ޕަސެންޓް ކަރަންޓް ސޯލާ ބޭނުން ކޮށްގެން ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި ފްލޯޓިން ސޯލާ ޕްރޮޖެކްޓެއް ވެސް މިހާރު ފަށާފައިވާ ކަމަށާއި މި ސްޓޭޝަންތަކުން ތިން މެގަވޮޓުގެ ސޯލާ ޖަނަރޭޓަރު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި ހުރި އިއާދަކުރަނިވި ހަކަތަ އުފައްދާ ގްރިޑްތައް ކުޑަ ނަމަވެސް ދުވަހެއް ދުވަހަކަށް މިދަނީ އިތުރުވަމުން. މިހާރު ވެސް އަޅުގަނޑުމެންގެ ދެ ސޯލާ ސްޓޭޝަން އެބަހުރި ދެ ރަށެއްގައި. މީގެ އިތުރުން ފްލޯޓިން ޕައިލެޓް ޕްރޮގްރާމެއް ވެސް މިވަނީ ފަށާފައި. މިއީ ސްޓޭޝަންތަކުން ތިން މެގަވޮޓް ކަރަންޓް އުފެއްދޭނެ. މީގެ އިތުރުން އަޅުގަނޑުމެން މިދަނީ ސްޓޭޝަން ބަހައްޓާފައި ހުންނަ ދެ ރަށަށް 100 ޕަސެންޓް އިއާދަކުރަނިވި ހަކަތައިން ކަރަންޓް ދޭން މަސައްކަތް ކުރަމުން." މުގްނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި މިހާރު ބޭނުން ކުރާ ޖަނަރޭޓަރުތަކުގައި ބޭނުންކުރާ ތެލަކީ ތިމާވެއްޓައް ގެއްލުން ހުރި އެއްޗެއް ކަމަށާއި އެކަމަށް ހައްލު ބޭނުން ވެފައިވާ ކަމަށެވެ. އެގޮތުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް ސޯލާ ހަކަތައަށް ބަދަލު ކުރުމަކީ މުހިންމު ކަމެއް ކަމަށް މުގްނީ ވިދާޅުވި އެވެ.

ދިވެހިރާއްޖެއަކީ އެހެން ގައުމުތަކާއި ހިލާފަށް ރަށްތައް ވަކިވަކިން އޮންނަ ގައުމަކަށް ވާއިރު ސޯލާއިން އުފައްދާ ކަރަންޓު އެއް ސްޓޭޝަނެއް މެދުވެރިކޮށްދިނުން ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ސްޓެލްކޯގެ ބިޒްނަސް ރިޕޯޓުގައި މުގްނީ ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން ހައިބްރިޑް ސިސްޓަމް ބޭނުންކޮށްގެން ދުވާލު ގަޑީގައި ސޯލާ ބޭނުންކޮށް ރޭގަނޑު ޖަނެރޭޓަރު ބޭނުންކުރެވޭ ގޮތަށް ހެދުމަށް މަސައްކަތް ކުރާ ކަމަށް އޭނާ ވިދަޅުވި އެވެ.

"ދިވެހިރާއްޖެއަކީ ވަކިވަކިން ރަށްތައް އޮންނަ ގައުމެއް. އެހެން ކަމުން ސެންޓްރަލް ސްޓޭޝަނެއް ގާއިމްކޮށް ސޯލާ އިން ކަރަންޓު ދިނުމަކީ އުނދަގޫ ކަމެއް. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ހައިބްރިޑް ސިސްޓަމެއް ބޭނުންކޮށްގެން ކަރަންޓް ދޭނެ. އޭރުން ރޭގަނޑު ޖަނެރޭޓަރު ބޭނުންކޮށް ދުވާލު ސޯލާ ބޭނުން ކުރެވިދާނެ." މުގުނީ ވިދާޅުވި އެވެ.

މުގުނީ ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން ސަރުކާރުގެ އަމާޒު ހާސިލް ކުރެވޭނެ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ އަށް ޕަސެންޓް އިއާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމެވެ. ނަމަވެސް ސްޓެލްކޯގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭ އެ ކުންފުނިން އުފައްދާ ހަކަތައިގެ 50 ޕަސެންޓް ސޯލާ އަށް ބަދަލުކުރުން ކަމުގައި މުގްނީ ވަނީ ވިދާޅުވެފަ އެވެ.