އަލަށް ދޫކުރާ ބިންތަކާ އެކު އައްޑޫގައި 4،000 އެނދު ތަރައްގީ ކުރެވޭނެ: އަލީ ވަހީދު

ޓޫރިޒަމްގެ ބޭނުމަށް އައްޑޫގެ ހަ ރަށަކުން ދޫކުރާ ބިންތަކުގައި 4،000 އެނދު ތަރައްގީ ކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.


ކުރިއަށް އޮފް ފަސް އަހަރަށް އެކުލަވައިލާ ޓޫރިޒަމްގެ މާސްޓާ ޕްލޭންގެ މަސައްކަތް ފެށުމަށް މިރޭ ބޭއްވި ޖަލްސާގައި އަލީ ވަހީދު ވިދާޅުވީ، މި ސަރުކާރުން އައްޑޫގައި 8،000 އެނދު ތަރައްގީ ކުރަން ވައުދުވި އިރު އެ އަދަދުގެ ދެބައި ކުޅަ އެއްބައި، އަލަށް ދޫކުރާ ބިންތަކުން ލިބޭނެ ކަމަށެވެ.

"ކެލަޔަށް އިތުރު ފުރިހަމަކަން އަންނާނެ. ދައްޕަރަށް ބަދަލު އަންނާނެ. ބޮޑު ތިލަދުންމައްޗާއި އައްޑު އަށް ބަދަލު ގެންނާނަން،" ޓޫރިޒަމްގެ ބޭނުމަށް އަލަށް ދޫކުރަން ނިންމި 11 ރަށާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި ޓޫރިޒަމް ފެތުރިފައި ނެތް ނެތް ސަރަހައްދުތަކަށް ހާއްސަ ސަމާލުކަމެއް ދީގެން އެ ތަންތަނަށް ޓޫރިޒަމް ފުޅާނެ އެވެ.

މިރޭގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މީހުން ދިރިއުޅޭ 11 ރަށަކުން ޓޫރިޒަމްގެ ބޭނުމަށް ބިން ދޫކުރުމަށް ސަރުކާރުން ނިންމާފައިވާ ކަން އިއުލާން ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހއ. ފިއްލަދޫ އިން ދައްޕަރު ސަރަހައްދާއި ހއ. އުލިގަމާއި ހއ. ކެލާގެ އިތުރުން އައްޑޫގެ ހަ ރަށަކުންންނާއި ލ. ގަމާއި ފުވައްމުލަކު ތުނޑި ސަރަހައްދެވެ.

އަލީ ވަހީދު ވިދާޅުވީ، ޓޫރިޒަމް ދާއިރާ ތަރައްގީ ކުރާނީ ހުރިހާ ރައްޔިތުން ޝާމިލުވާ ގޮތަށް ކަމަށާއި އެއްވެސް މީހެއްގެ ސިޔާސީ ފިކުރަށް ނުބަލާނެ ކަމަށެވެ.

އައްޑޫގެ ހަ ރަށަކުން ޓޫރިޒަމްގެ ބޭނުމަށް ބިން ދޫކުރަން ނިންމާފައިވާ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި އިއުލާން ކުރެއްވީ، އެކަން ލަސްވާތީ އައްޑޫގެ މީހުންގެ މެދުގައި އިންތިހާ އަށް ކަންބޮޑުވުން އުފެދިފައި ވަނިކޮށެވެ. ޚާއްސަކޮށް އައްޑޫގައި ނަރުދަމާ ކަހަލަ އެންމެ އަސާސީ ކަންކަން ވެސް މިހާތަނަށް ފުރިހަމަ ވެފައި ނުވާތީ، މި ސަރުކާރާ މެދު އެ ސިޓީގެ މީހުންގެ އުންމީދު ވަރަށް ބޮޑެވެ.