ކުޅުދުއްފުށީ އެއާޕޯޓް ހުކުރު ދުވަހު އޮޕަރޭޓް ކުރަން ފަށަނީ

އަންނަ ހުކުރު ދުވަހު ކުޅުދުއްފުއްޓަށް ދަތުރުތައް ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.


އެ މިނިސްޓްރީން ބުނީ، ކުޅުދުއްފުއްޓަށް ދަތުރުތައް ކުރުމަށްޓަކައި މިއަދުން ފެށިގެން، މޯލްޑިވިއަން އިން ޓިކެޓް ވިއްކާނެ ކަމަށެވެ.

ސިވިލް އޭވިއޭޝަނުން މިހެން ބުނެފައިވާ އިރު އައިލެންޑް އޭވިއޭޝަނުން މިހާތަނަށް ދަތުރުތަކުގެ ޝެޑިއުލް ހާމަކޮށްފައެއް ނުވެ އެވެ. އައިލެންޑް އޭވިއޭޝަނުން ބުނީ މޯލްޑިވިއަންގެ ދަތުރުތައް ކުޅުދުއްފުއްޓަށް ކުރުމަށްޓަކައި ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ޓްވީޓް

މޯލްޑިވިއަންގެ ދަތުރުތައް މި އީދު ބަންދުގައި ކުޅުދުއްފުއްޓަށް އޮންނާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުޅުދުއްފުށި އެއާޕޯޓް ހުޅުވި އެވެ. އެހެން ނަމަވެސް އޭރު ޝެޑިއުލް ދަތުރުތަކެއް ނުފަށަ އެވެ.

ޝެޑިއުލް ދަތުރުތައް ފެށުމަށް ނިންމީ އެއާޕޯޓް ޓާމިނަލާއި ފަޔާ ސްޓޭޝަންގެ މަސައްކަތް ނިމުމުންނެވެ. ގާތްގަނޑަކަށް 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް އޮންނަ މި އެއާޕޯޓަކީ ހދ. އަތޮޅުގައި ތަރައްގީ ކުރި ދެވަނަ އެއާޕޯޓެވެ.