ކުޅުދުއްފުށީގެ ދަތުރުތައް 17 އާ ހަމައަށް ފުލްވެފައި

މާދަމާ ކުޅުދުއްފުށީ އެއާޕޯޓަށް ދަތުރުތައް ފަށާއިރު މި މަހުގެ 17 ވަނަ ދުވަހާ ހަމަ އަށް ޖާގަތައް ފުލްވެފައިވާކަމަށް ގައުމީ އެއާލައިން މޯލްޑިވިއަނުން މިއަދު ބުނެފި އެވެ.


ކުޅުދުއްފުށީ އެއާޕޯޓަށް އެންމެ ފުރަތަމަ ފްލައިޓް ތާވަލްކޮށްފައިވަނީ މާދަމާ ހެނދުނަށެވެ. އެ އެއާޕޯޓަށް މޯލްޑިވިއަނުން ދަތުރުކުރާ ޝެޑިއުލް މާދަމާ އިއުލާނުކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

ކުޅުދުއްފުށީ ދަތުރުތަކަށް ޓިކެޓް ވިއްކަން ފެށީ އަންގާރަ ދުވަހު އެވެ. އަގަކީ ކޮޅަކަށް 1،113 ރުފިޔާ އެވެ. މޯލްޑިވިއަނުން އެ އެއާޕޯޓަށް ކުރާނީ ދުވާލަކު ދަތުރެކެވެ.

ކުޅުދުއްފުއްޓަށް ޝެޑިއުލް ދަތުރުތައް ފެށުމަށް ނިންމީ އެއާޕޯޓް ޓާމިނަލާއި ފަޔަ ސްޓޭޝަންގެ މަސައްކަތް ނިމުމުންނެވެ. ގާތްގަނޑަކަށް 1،200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް އޮންނަ މި އެއާޕޯޓަކީ ހދ. އަތޮޅުގައި ތަރައްގީކުރި ދެވަނަ އެއާޕޯޓެވެ.