ހިއްސާގެ ބާޒާރާ ގުޅޭ މުހިއްމު ދެ ގަވައިދެއް ނެރެފި

ހިއްސާގެ ބާޒާރާ ގުޅޭ މުހިއްމު ދެ ގަވައިދެއް ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އާންމުކޮށްފި އެވެ.


ސީއެމްޑީއޭ އިން ނެރުނު އެއް ގަވައިދަކީ ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުން މައުލޫމާތު ހާމަކުރުމުގެ ޒިންމާއާބެހޭ ގަވާއިދެކެވެ. މި ގަވައިދުގައިވާ ގޮތުން ކުންފުނިތަކުން މައުލޫމާތު ހާމަކުރުމުގައި ގާނޫނުން ލާޒިމުކުރާ އެކައުންޓިން އާއި ފައިނޭންޝަލް ރިޕޯޓިންގެ މިންގަނޑުތަކަށް ތަބާވަން ޖެހޭނެ އެވެ. މީގެ އިތުރުން މައުލޫމާތު ހާމަކުރުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި، ކުންފުނީގެ ޒިންމާ ވަނީ ބަޔާންކޮށްފަ އެވެ.

ސީއެމްޑީއޭ އިން އާންމުކޮށްފައިވާ މި ގަވައިދުގައި ހިއްސާ ވިއްކާ ކުންފުނިތަކުން މުދާ ގަތުމާއި ވިއްކުމުގައި އަމަލުކުރާ ގޮތްތައް ހިމަނާފައިވެ އެވެ. އަދި ސެކިއުރިޓިޒްއާ ގުޅޭ އެކްޝަންތަކަށް ރެކޯޑް ނަގަން ޖެހޭ ތާރީހުތައް ވެސް ކަނޑައަޅާފައިވެ އެވެ.

މީގެ އިތުރުން ލިސްޓު ކޮށްފައިވާ ހިއްސާ، ހިއްސާ ގެ ބާޒާރުން ބޭރުގައި ގަނެވިއްކުމާ ބެހޭ ގަވާއިދެއް ވެސް ސީއެމްޑީއޭ އިން ވަނީ ނެރެފަ އެވެ.

މި ގަވައިދުގައި، ހިއްސާގެ ބާޒާރުން ބޭރުން ކުރުން ހުއްދަ ކަންކަމާއި މިލްކުވެރިކަން ބަދަލު ކުރުމުގެ ހުއްދަ އާއި ހިއްސާގެ މިލްކުވެރިކަން ބަދަލު ކުރުމަށް އަމަލުކުރަންޖެހޭ ގޮތްތައް ބަޔާންކޮށްފައިވެ އެވެ.

ސީއެމްޑީއޭގެ އެންމެ މުހިއްމު ބޭނުމަކީ، ހަމަހަމަކަމާ އެކު، ފުރިހަމަ ނިޒާމެއްގެ ތެރެއިން، ހިއްސާގެ ބާޒާރު މެނޭޖް ކުރުމެވެ. ހިއްސާ ވިއްކާ ކުންފުނިތަކުގެ ގޮތުގައި 8 ކުންފުންޏެއް ރާއްޖޭގައި ލިސްޓު ކޮށްފައިވެ އެވެ. އެއީ، އަމާނާ ތަކާފުލް އާއި ބީއެމްއެލް އާއި ދިރާގާއި އުރީދޫ އާއި އެމްޓީޑީސީ އާއި އެމްޓީސީސީ އާއި ސެންޗޫރިއަންގެ އިތުރުން އެސްޓީއޯ އެވެ.