މީރާ އިން ހިދުމަތް ހޯދަން ގޮސް ތިބި ބަޔަކު މަޑުކޮށްލައިގެން: ރެމިޓެންސް ޓެކްސް ނަގަން ފަށަން ދަނީ ތައްޔާރުވަމުން. --މިހާރު ފޮޓޯ: ނިޝާން އަލީ
19 ސެޕްޓެމްބަރ 2016 - 12:16
ބީދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ތިން ޕަސެންޓްގެ ރެމިޓެންސް ޓެކްސް ނަގަން ފަށަން ތައްޔާރުވެފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު ބުނެފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ ގަވައިދުގެ ޑްރާފްޓެއް ތައްޔާރުކުރުމަށްފަހު އާއްމުންގެ ހިޔާލު ހޯދަން މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ ޓެކްސް ނަގަން ފަށާއިރު އެ ގަވައިދަށް އަމަލުކުރަން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މީގެ ހުރިހާ މާއްދާއެއް އެ ހުރީ އާއްމުންގެ ހިޔާލަށް ހުޅުވާލާފައި. އޭގެ ބޭނުމަކީ ގަވައިދުގެ ހުރިހާ މާއްދާއަކަށް ވެސް ހިޔާލު ހޯދުން. އަޅުގަނޑުމެން މަސައްކަތްކުރަމުން މިގެންދަނީ ގަވައިދު ފައިނަލްކުރުމަށް ފަހު މިމަހުގެ ފަހުކޮޅު އާއްމުކުރުމަށް،" އެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރެމިޓެންސް ޓެކްސް މީރާގެ ސިސްޓަމްތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ޓެކްސް ނަގަން ފަށަން ތައްޔާރުކޮށްފައިވާ ކަމަށެވެ.
ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ތިން ޕަސެންޓް ޓެކްސްގެ ގޮތުގައި ނަގާނީ އެ މީހަކު ފޮނުވާ އަދަދުންނެވެ. އެ ފައިސާ ނަގާނީ ސީދާ ފޮނުވާ މީހެއްގެ އަތުންނެވެ.
"ގާނޫނުގައިވާ ގޮތުން ޓެކްސް ނަގަން ޖެހެނީ ޑިޕޮސިޓްކުރާ އަދަދަކުން ނޫން. އެ މީހަކު ފޮނުވާ އަދަދަކުން. މި ޓެކްސް ނަގަން ފެށުމުން ބޭރަށް ފައިސާ ހިފައިގެން ދެވޭނެ އުސޫލްތަކެއް ވެސް ހިމަނާފައިވާނެ،" މީރާގެ އޮފިޝަލް ވިދާޅުވި އެވެ.
މީރާއިން އެކުލަވާލާފައިވާ ޑްރާފްޓްގައިވާ ގޮތުން ބިދޭސީއަކު ރާއްޖެއިން ބޭރަށް ފުރާ ނަމަ އެ މީހަކު ގެންދާ ބޭރު ފައިސާގެ ޑިކްލެއާކުރަން ޖެހެ އެވެ. އަދި ޑިކްލެއާކުރުމަށް ފަހު ފުރައިގެން ދެވޭނީ ގާނޫނުގައިވާ ގޮތުގެ މަތިން ޓެކްސް ދެއްކުމަށްފަހު ކަމަށް ވެސް އެ ޑްރާފްޓްގައި ބުނެފައިވެ އެވެ. ނަމަވެސް ޑިކްލެއާކުރަން ޖެހެނީ ކިހާ މިންވަރެއްގެ ފައިސާއެއް ކަމެއް އެ ޑްރާފްޓްގައި ހިމަނާފައެއްނުވެ އެވެ.
އެ އޮތޯރިޓީން އަލަށް އެކުލަވާލާ ގަވައިދުގެ ދަށުން ރާއްޖޭގައި ހުރި ވިޔަފާރި ބޭންކުތަކާއި ބޭރަށް ފައިސާ ފޮނުވުމުގެ ހިދުމަތްދޭ ހުރިހާ ތަނެއް މީރާގައި ރެމިޓެންސް ޓެކްސް ފޮނުވުމުގެ ހިދުމަތް ދިނުމަށް ރަޖިސްޓްރީކުރަން ޖެހެ އެވެ. އަދި އެ ގަވައިދުގެ ދަށުން ރަޖިސްޓްރީނުކޮށް ހިދުމަތް ދޭ ފަރާތްތަކާ މެދު ގާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެ ކަމަށް ވެސް އެ ޑްރާފްޓްގައި ބުނެފައިވެ އެވެ.
ރެމިޓެންސް ޓެކްސް ނެގުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ރާއްޖޭގައި ވަޒީފާ އަދާކުރާ ހުރިހާ ބިދޭސީން މުސާރަ ޖަމާކުރަން ޖެހޭނީ ރާއްޖޭގައި ހިންގާ ބޭންކެއްގެ އެކައުންޓަކަށެވެ. އަދި އެ ގާނޫނާ ހިލާފުވެއްޖެ ނަމަ ވަޒީފާދޭ ފަރާތް 50،000ރ. އިން ޖޫރިމަނާކުރެވޭނެ ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތަށް ބިދޭސީންނަށް އެކައުންޓް ހުޅުވައިދިނުމުގެ ކަންތައްތައް ބޭންކުތަކުން ދަނީކުރަމުންނެވެ. އެގޮތުން ބީއެމްއެލްގައި ރުފިޔާއިން އެކަންޓް ހުޅުވާ ނަމަ 500ރ. އަދި ޑޮލަރުން ނަމަ 20 ޑޮލަރު އެކަންޓް ހުޅުވަން ދައްކަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދު
21 September 2016
ސްޓީލިން ބަންގާޅީސް. އީޓިން އެކްސްޓްރާ
އަލްޖިބްރާ
19 September 2016
މީހުންގެ އަތުން ލާރިގަޑެއް މަޅާލެވޭނެ ހުރިހާ މަގެއް ފަހިކުރާތި ! އެހެންކަމެއް ކުރަން އެގޭތަ ؟
އައްޑޫ ރަދުން
19 September 2016
މިއީ ޓެކްސް ނެގުމެއްނޫން މިއައް ކިޔަނީ "ޕޮންޒީ ސްކީމް" މިއީ ބޭރުމީހުނާ އެއްވެސް ގުޅުމެށް ހުރިކަމެއް ނޫން.އެކަމަކު ސްކީމްގެ އަސްލު އޮޅުވާލުމަށްޓަކާ ބޭރުމީހުންނޭ ކިޔަނީ.މިހެން މިބުނީ ބޭރުމީހުން ގެންނަން އިމިގްރޭޝަނަށް ހުށައަޅާ އެގްރީމެންޓުގަ އޮވޭ އެމީހާއައް ދޭންޖެހޭ މުސާރަ އެއަށް އެބަސްވެގެން މީހާމިގެންނަނީ އެއަކުން އެއްވެސް އެއްޗެ އުނިނުކުރެވޭނެ އެކަމައް އެމީހުން އެއްބަސްވެސް ނުކުރެވޭނެ އަދަ ކުރުވައިގެންވެސް ނުވާނެ.އެހެންވީމަ މީހަމަ ވިސާ ފައިސާ ދައްކާ އުސޫލުން ބޭރުމީހުން ގެންގުޅޭ ދިވެހިންގެ އަތުން ދައްކަންޖެހޭ އެއްޗެ.މިހެން ނުހަދާ ވިސާ ފީ ބޮޑުކޮއްލި ނަމަ ހައްޓައް ފަސޭހަވީސް. އަސްލު މިރުފިޔާ ނަގަންޖެހީނީ ވިސާފީ ނުދައްކައި ފިލައިގެން ފްރީ ވިސާގަ އުޅޭ މީހުންއަތުން އެކަނި....
ޒަބީބު
19 September 2016
އިސްލާމީ ޝަރީޢަތުގައި ޒަކާތުގެ އިތުރުން ޓެކްސް ނަގަނީ ވަކި ޝަރްޠުތަކެއް ހަމަވުމުންނެވެ. އެއީ 1. އިސްލާމީ ޝަރީޢަތަށް ޢަމަލުކުރާ ދައުލަތަކަށް އެދައުލަތް ވުން. 2. ޓެކްސްނެގުމުގެ ހަގީގީ ބޭނުމެއް އޮތުން. އެބަހީ ކޮންމެހެން އެކަމެއް ކުރަން ޖެހޭފަދަ ކަމެއް ދިމާވުން. 3. އެ ބޭނުން ފުއްދޭވަރަށް ބައިތުލްމާލުގައި ފައިސާ ނެތުން. 4. މުއްސަދިންގެ އަތުން އެކަނި ޓެކްސް ނެގުން. 5. ބޭނުންވި މިންވަރަށް އަދުލުވެރިކަމާއެކު ޓެކްސް ނެގުން. މި ނޫން ގޮތަކަށް ޓެކްސް ނެގުމަކީ ހަރާމްކަމެއްކަމަށް ފަހުގެ އިލްމުވެރިންބުނެއެވެ. 592، 3808، 20261، 26096. 5107، 5458، 11198، 23330. ފަތްވާގެ ނަންބަރުތައް. މަރްކަޒުލްފަތްވާ http://fatwa.islamweb.net
ޙަސަންދީ
19 September 2016
މިވެސް ވިޔަފާރި ވެރިންނައް ކުރިމަތިވާ އިތުރު ގޮންޖެހުމެއް އަދި އާންމު ރަށްޔިތުންގެ ޖީބައް ބަރުވާނެ އިތުރު 3ޕަސެންޓް ރާއްޖޭގެ އިގްތިސާދައް ލިބޭނެ ގެއްލުމެއް ...
ރަދުން
19 September 2016
ދިވެހިން ނަށް އެމީހުންނާ (ތި ވިދާޅުވާ ބަންގާޅީން) ނުލާ މަސައްކަތް ކުރެވޭ ދުވަހެއް އަންނާނެ ބާ؟ މިތާ ކޮމެންޓް ކުރާ ހުރިހާ ކުދިން އެމީހުންގެ އެއްމެ އާދަިގެ ކަމެއްވެސް ކޮއްލަން ހުންނާނީ ހަމަ ބަންގާޅީއެއް. ދެ ރެމިޓެންސް ފީ އާއި ބޭންކް އެކައުންޓް އާ ބެހޭ ގޮތުން ބުނަންޏާ ބުނަނަް ޖެހޭނީ ދެން ގިނަވާނީ ބަންގާޅަށް ފައިސާ ފޮނުވާ ދިވެހިންކަން ޔަގީން. ތި ވިދާޅުވާ ބަންގާޅީ މީހާ ސައެއް ދިނީމަ ބޭންކަށް ލާރިފޮނުވާނީ ހަމަ އަހަރުމެން ކަހަލަ މިތާ ކޮމެންޓް ކުރަން އިންނަ ދިވެއްސެއް
ބަންގާޅި މީހާ
19 September 2016
ރެމިޓެންސް ޓެކްސް ނަގަން ފެށުމުން ދައުލަތައް ލިބޭ އާމްދަނީ އިތުރުވެގެންދާނެ.. އަދި މިކަމުގެ ސަބަބުން މިގައުމަށް ތަރައްގީ އަންނާނެ... އަދި ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރަށް ކުރުމަށް މަގުފަހިވެގެންދާނެ
ޓެކްސް
19 September 2016
ޓެކްސް ނަގަން ފެށިފަހުން އަހަރުމެންގެ ނަމުގަ ލޯނެއްވެސް ނުނަގާ. މުޅި ގައުމު އޭގެން ތަރައްގީ ކޮށްފި.
ދޮންކަމަނަ
19 September 2016
2 ރުފިޔާ ލިބޭމީހާ ފެލާލައިގެން ތިކަން ކުރަން އުޅޭތީ މައްސަލައަކީ. ލާރި ގިނަވެގެން އެއަށް ހަދަންވީ ނަހަދަންވީ ނޭގޭ މީހުން އެބަތިބި. އެމީހުންގެ އަތުން ނުނެގެނީ ކީއްވެބާ. އެއްވެސް ހަމަހަމަ ކަމެއް ނެތި ހަމައެކަނި ނިކަމެތި މީހާ ލޫޓުވަންއުޅޭތީ މައްސަލައަކީ.
ޏަމްޏަމް
21 September 2016
އިންކަމް ޓެކްސްއިން މުއްސަނދިންގެ އަތުން ލިބޭލެއް މާ ގިނަވާނެ. އެނަގަން އުޅެބަލަ
އަލީ
19 September 2016
ގައުމުގެ ހުރި ގުދުރަތީވަސީލަތް ތަކާއި އެހެނިހެން ވަސީލަތް ތަކުން މުސްސަދިވެފައިވާ މަހުޖަނުން އަތުން އެބައިމީހުންގެ އާމުދަނީއަށް ބިނާކޮށް ނަގާ ޓެކުސް ނަގާނީ ކޮންއިރަކުންތޯ؟ ނިކަމެތި ރައްޔަތު މީހާ އަތުން އެދަނީ ދުނިޔޭގަ ލެއްވިހާ ހުރިހާ ބާވަތެއްގެ ޓެކުސް ނެގި ހަނާވަމުން
ހުސޭނުބޭ އަށްޑޫ
19 September 2016
ތިވަރުވެސް ކުޑަ ނަގަން ވީ %10 މިހާރު ގައުމުގަ ހުރި ހުރިހާ ޑޮލަރުކޮޅު ކޮންމެ މަހަކު ފޮނުވާލަނީ ބަނގާޅިންތަށް. ތިކަން ކުރަން މާލަސްވެސް ވެއްޖެ. މުޅި ގައުމު ދޮވެ ހުސްކޮށްލުމުގ ކުރިން އަވަސް ކުރުމަށް ގޮވާލަން. މިސަރުކާރުން މިހާތަނަށް ކުރަން އުޅޭ އެންމެ ރަންގަޅު ކަންތަށް ކަމަށް ގަބޫލުކުރެވޭ. މަރުހަބާ މީރާޔަށް.
ގްރެވިޓީ
19 September 2016
ބަލަ ބަންގާޅު މީހުން ރާއްޖެގެންނަނީ ދިވެހިންނެއް ނޫންތަ! އެމީހުން ލައްވާ ހެސްކިޔާފަ މަސައްކަތް ކުރުވާފަ ދޭލާރިކޮޅު އެމީހުންވެސް އަނބިދަރީންނަށް ފޮނުވާނެއެއްނު! ރާއްޖެ ދޮވެލަނީ އެމީހުންނެއް ނޫން. އެޢީ ކޮންބައެއްކަން އެންމެނަށްވެސް އިނގޭ!
ހުސޭނުބޭ
19 September 2016
ޙުސޭނުބޭ ހުރިހާ ކަމެއް ތިކުރަނީ އަމިއްލައަށް. ތި އުޅެގޭ ފުރާޅު އެޅިވެސް ހުސޭނުބޭ ދަރިން
އަހުމަދު
19 September 2016
ބީއެމްއެލްގައި ރުފިޔާއިން އެކަންޓް ހުޅުވާ ނަމަ 500ރ. އަދި ޑޮލަރުން ނަމަ 20 ޑޮލަރު އެކަންޓް ހުޅުވަން ދައްކަން ޖެހޭއިރު ހުޅުވާ ކޮންމެ އެކައުންޓަކަށް މަހުފީގެ ގޮތުގައި 75 ރުފިޔާ ޑޮލަރު އެކައުންޓެއްނަމަ 5 ޑޮލަރު ޗާޖްކުރާއިރު މިކަން ކޮށްދޭކަށް ބެންކްތަކަކުންވެސް މާބޮޑު އެއްބާރުލުމެއް ނުލިބޭ..