ރާއްޖޭގެ އެންމެ އުސް އިމާރާތް ކަމަށް ވާ، ދަރުމަވަންތަ ހޮސްޕިޓަލުގައި އެސްޓީއޯގެ ފާމަސީއެއް މިއަދު ހުޅުވައިފި އެވެ.
"އެސްޓީއޯ ފާމަސީ ދަރުމަވަންތަ" ގެ ނަމުގައި ހެދި މި ފާމަސީ ހުޅުއްވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އާއި އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމް (ބަންދު) އެވެ.
މި ރަސްމިއްޔާތުގައި އެސްޓީއޯގެ އިސް ވެރިންނާއި އައިޖީމްއެޗްގެ އިސް ވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.

އެސްޓީއޯ މެޑިކަލްސް އިން ބުނީ، 25 ބުރީގެ އެންމެ ޒަމާނީ ފެންވަރުގެ، މި ހޮސްޕިޓަލުގެ އޯޕީޑީ ހުޅުވާފައި ހުންނަ ހުރިހާ ވަގުތެއްގައި ވެސް އެ ފާމަސީން ހިދުމަތް ދޭނެ ކަމަށެވެ. އެސްޓީއޯގެ އެހެން ފާމަސީތަކާ އެއްގޮތަށް މި ފާމަސީން ވެސް އާސަންދަ އާއި އެލައިޑް އަދި އަމާނާ ތަކަފުލްގެ އިންޝޫރެންސް ގަބޫލުކުރެ އެވެ.
މި ފާމަސީ ހުޅުވުމާ އެކު ރާއްޖޭގައި އެސްޓިއޯއިން ހިންގަމުންދާ ފާމަސީތަކުގެ އަދަދު 188 އަށް ވަނީ އަރާފަ އެވެ.