މެލޭޝިއާގެ އެންމެ މަޝްހޫރު ކޮންޒިއުމާ ފެއާ ކަމުގައިވާ "މާޓާ" ފެއާގައި ރާއްޖެ އިން ބައިވެރިވެއްޖެ އެވެ.
މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުގައި މި މަހުގެ 6-9 އަކަށް ކުރިއަށްދާ ފެއާގައި އެމްއެމްޕީއާރުސީއާ އެކު ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ނުވަ ކުންފުންޏަކުން ބައިވެރިވެ އެވެ.
މި ފެއާގައި ރާއްޖޭގެ މަންޒަރުތައް ދައްކުވައިދޭ 54 އަކަމީޓަރުގެ ސްޓޭންޑެއް ވަނީ ބަހައްޓައިފަ އެވެ. މީގެ އިތުރުން ފަތްމިނި ގްރޫޕުގެ ސަގާފީ ހަރަކާތްތަކާއި ދިވެހި ރަހަތައް ތަޖުރިބާ ކޮށްލުމުގެ އިންތިޒާމް ވެސް މި ސްޓޭންޑުގައި ވަނީ ހަމަޖައްސައިފަ އެވެ.
މި ފެއާ އަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ރާއްޖޭގެ މަންޒަރުތައް ދައްކާލުމުގެ ގޮތުން ވާޗުއަލް ރިއަލިޓީ ބޭނުން ކުރެ އެވެ. މިއީ ވީޑިއޯގެ ޒަރީއާ އިން މީހާގެ މާހައުލު ބަދަލުކޮށްލުމަށް ބޭނުން ކުރާ ޓެކްނޮލޮޖީއެކެވެ.
އެމްއެމްޕީއާރުސީން ބުނީ މި ފެއާގައި މެލޭޝިއާގެ ޓޫރިޒަމް ދާއިރާއާ ގުޅުންހުރި ފަރާތްތަކާ ބައްދަލުކޮށް ރާއްޖެ އިޝްތިހާރު ކުރުމަށް މަޝްވަރާ ކުރާނެ ކަމަށެވެ.