ބިދޭސީންގެ މައްސަލަ ހައްލު ނުވެއްޖެނަމަ އިސްތިއުފާ ދޭނަން: ފައްޔާޒު

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ނުވެއްޖެ ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.


ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފެއްތުމަށް އިކޮނޮމިކް މިނިސްޓްރީން ކުރިއަށްގެންދާ މަސައްކަތާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފައްޔާޒް ވިދާޅުވީ ގަވާއިދާ ހިލާފަށް ބިދޭސީން ރާއްޖެ އަންނަ މައްސަލައިގައި މިނިސްޓަރާ ދިމާލަށް ގިނަ ބަޔަކު އެއްޗެހި ކިޔާކަމަށެވެ. ނަމަވެސް އެކަމުގައި އިހުމާލެއް ނުވާނެ ކަމަށާއި އެ މައްސަލަ އަށް ހައްލެއް ނުލިބިއްޖެ ނަމަ މަގާމުގައި ނުހުންނާނެ ކަމަށެވެ.

"އަޅުގަނޑު އަމިއްލަ އަށް ކޯޓާ ވިއްކާ ވާހަކަ އެކި މީހުން ދައްކާ. އެކަމަކު ވަރަށް ސާފުކޮށް މި ދަންނަވަނީ އަޅުގަނޑުގެ ފަރާތުން އެކަހަލަ އެއްވެސް ކަމެއް ނުހިނގާނެ. އަޅުގަނޑު މިކަން ހައްލު ކުރާނަން. ހައްލު ނުވެއްޖެ ނަމަ އަޅުގަނޑު މި މަގާމުގައި ނުހުންނާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރައީސުލްޖުމްހުރިއްޔާ އުފައްދާފައިވާ ކޮމިޓީގެ ލަފާގެ މަތިން އިކޮނޮމިކް މިނިސްޓްރީން ވަނީ ގަވާއިދުތަކަށް އިތުރު ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ކޯޓާ ދޫކުރުމުގެ އުސޫލަށާއި ބައެއް ފީތަކަށް ވެސް ވަނީ ބަދަލުތައް ގެނެސްފަ އެވެ.

މީގެ އިތުރުން ކޮންމެ ގައުމަކުން ލޭބަރުންގެ ގޮތުގައި މީހުން ގެނެވޭ އަދަދެއް އިކޮނޮމިކް މިނިސްޓްރީން ވަނީ ކަނޑައަޅައިފަ އެވެ. ބަންގްލަދޭޝް އަށް ކަނޑައަޅާފައިވާ އަދަދު ހަމަވެފައިވާތީ އެއް އަހަރު ވަންދެން ބަންގްލަދޭޝް އިން މަސައްކަތްތެރިން ނުގެނެވޭ ގޮތަށް މިނިސްޓްރީން ވަނީ ހަމަޖައްސައިފަ އެވެ.