ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެގި ކްރެޑިޓް ފެސިލިޓީ ނުދައްކައިގެން ތ. ކަޅުދިޔަފުށި ވިއްކާލަން އިއުލާންކޮށްފި އެވެ.
ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ މި ރަށް ވިއްކާލުމަށް ނިންމާފައި ވަނީ 29.5 މިލިއަން ޑޮލަރު (454.9 މިލިއަން ރުފިޔާ) އަށެވެ.
ތ. ގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކުގެ ހިއްސާ އޮންނަ ހުރަވީ އިންވެސްޓްމެންޓުން މި ކްރެޑިޓް ފެސިލިޓީ ބީއެމްއެލުން ނެގީ 2016 ވަނަ އަހަރު އެވެ.
ބީއެމްއެލް އަށް އެ ރަށް ނަގާފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހު ސިވިލް ކޯޓުން ކުރި ހުކުމުގެ ދަށުންނެވެ.
މީގެ ކުރިން، އެމްއެމްޕީއާރްސީ މެދުވެރިކޮށް ކަޅުދިޔަފުށި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ދިން މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލައެއް ބެލި އެވެ. އެ މައްސަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އޭރު ވިދާޅުވެފައި ވަނީ އެ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ދިނީ އުސޫލާ އެއްގޮތަށް ކަމަށެވެ.
ރިސޯޓެއްގެ ގޮތުގައި، ކަޅުދިޔަފުށި ތަރައްގީ ކުރުމަށް ޓޫރިޒަމް މިނިސްޓްރީއާ އެކު ސޮއިކޮށްފައިވަނީ އޮގަސްޓް 24، 2015 ވަނަ އަހަރު އެވެ. އަދި އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއި ކުރީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ.
ތ. ގާދިއްފުށި ކައިރީ އޮންނަ މި ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށް ހުޅުވަން ނިންމާފައި އޮތީ 2017 ވަނަ އަހަރު އެވެ. ބައިނަލްއަގްވާމީ ހޮޓެލް ޗެއިނެއް ކަމުގައިވާ މެލިއާ ހޮޓެލްސްއާ ގުޅިގެން އެ ރަށުގައި 97 ޕްރައިވެޓް ވިލާ އާއި 100 ކޮޓަރި އަދި ތިން ރެސްޓޯރެންޓް އެޅުމަށް ޕްލޭންކޮށްފައިވެ އެވެ.
ނަމަވެސް އަދިވެސް އެރަށުގައި ކުރަމުންދަނީ ކޮންސްޓްރަކްޝަންގެ މަސައްކަތްތަކެވެ.
ބިޑް އުސޫލުން ކަޅުދިޔަފުށި ވިއްކުމަށް ބިއެމްއެލް އިން އިއުލާން ކޮށްފައިވާ އިރު އެ ރަށުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ނޮން-ރީފަންޑަބަލް އަދަދެއްގެ ގޮތުގައި އެއް ލައްކަ ޑޮލަރު ދައްކަން ޖެހެ އެވެ. އެ ރަށް ގަތުމަށް ބޭނުންވާ މީހުން އަންނަ އޮކްޓޫބަރު 20 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހެ އެވެ.