ސާކް ސްޓާޓްއަޕް ބޫޓް ކޭމްޕް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
24 ސެޕްޓެމްބަރ 2019 - 11:38
އަލަށް ފަށާ ވިޔަފާރިތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭ ވަރަށްވުރެ ބޮޑަށް ޕްރައިވެޓް ސެކްޓާއިން އެހީތެރިކަން ފޯރުކޮށްދޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ސާކުން ރާއްޖޭގައި ފަށާ ސްޓާޓްއަޕް ބޫޓް ކޭމްޕް ފެށުމުގެ ގޮތުން މިއަދު މާގިރި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އަލަށް ފަށާ ވިޔަފާރިތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސަރުކާރުން ދޭ އެއްބާރުލުން ކުޑަވުން ކަމަށެވެ. މި ކަންތައް ހައްލުކުރުމަށް މިހާރު ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ރާއްޖޭގެ ޒުވާނުންނަކީ ހިތްވަރު ދޫކޮށްލާ ބައެއް ނޫން. މިފަދަ ޒުވާނުންނަށް ހަމައެކަނި މަދުވަނީ ސަރުކާރުން ލިބޭ އެއްބާރުލުން. އަޅުގަނޑު އަމިއްލަ އަށް ވެސް މި ކަންތައްތައް ތަޖުރިބާ ކުރިން. އެހެންކަމުން އަޅުގަނޑުމެން މިގެންދަނީ މިފަދަ ވިޔަފާރިތަކަށް އެހީވުމަށް ޕޮލިސީތައް ހަދަމުން." މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.
މިނިސްޓަރު ފައްޔާޒު ސާކުގެ އިސް ފަރާތްތަކާ ބައްދަލު ކުރައްވަނީ-- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
މިނިސްޓަރު ވިދާޅުވީ ސަރުކާރަށް ދިމާވަމުން އަންނަ ބައެއް ކަންތައްތަކާ ހުރެ އަލަށް ފަށާ ވިޔަފާރިތަކަށް އެހީވާން ޖެހޭ މިންވަރަށް އަދި އެހީ ނުވެވޭ ކަމަށެވެ. ނަމަވެސް އެސްއެމްއީ ބޭންކުގެ ނަމުގައި ބޭންކެއް އުފައްދައި، އެ ފަރާތްތަކަށް އެހީތެރިވުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މި އަހަރުގެ ތެރޭގައި އަޅުގަނޑުމެން ވާނީ އެސްއެމްއީ ބޭންކު ހުޅުވާފައި. އެ ބޭންކުން ލޯނަށް އެދޭ ހުރިހާ ފަރާތްތަކަށް އެހީ ނުވެވުނު ނަމަވެސް މިހާތަނަށް 120 މިލިއަން ރުފިޔާގެ ލޯނު އަޅުގަނޑުމެން ވާނީ އެވޯޑު ކޮށްފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ސާކުން ބާއްވާ ބޫޓް ކޭމްޕުގައި ބައިވެރިވާ ފަރާތްތަކާ އެކު މިނިސްޓަރު ފައްޔާޒު-- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
އަލަށް ފަށާ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ސާކުން މިއަދު ފެށި ކޭމްޕުގައި ރާއްޖޭގެ 30 އަށްވުރެ ގިނަ ފަރާތުން ވަނީ ބައިވެރިވެފަ އެވެ. މި ކޭމްޕުގައި އަލަށް ފަށާ ވިޔަފާރިތަކަށް ހުރި ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތާ ގުޅޭގޮތުން މަޝްވަރާ ކުރާނެ އެވެ. މި ކޭމްޕުގެ ބައިވެރިންނަށް އެހީތެރި ވާނީ އިންޑިއާގެ ވިޔަފާރިވެރިންނެވެ.
ތިން ދުވަހުގެ މުއްދަތައް މާގިރި ހޮޓަލުގައި ކުރިއަށްގެންދާ މި ކޭމްޕަކީ ސާކުގެ ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ އާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ ކޭމްޕެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy