ސިންގަޕޯ އެއާލައިނުން ރާއްޖެއަށް ގެނައި އާ ބޯޓު-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
03 އޮކްޓޯބަރ 2019 - 10:47
ސިންގަޕޯ އެއާލައިނާ ގުޅިގެން އެމްއެމްޕީއާރުސީން ސައުތު ކޮރެއާގައި ރާއްޖެ އިޝްތިހާރު ކުރުމަށް ކެމްޕޭނެއް ފަށައިފި އެވެ.
"ފްރީ އިންޑިޕެންޑެންޓް ޓްރެވެލާސް އެންޑް ހަނީމޫން ޕްރޮމޯޝަން" ގެ ނަމުގައި ފެށި މި ކެމްޕެއިނުގައި ސިންގަޕޯ އެއާލައިން މެދުވެރިކޮށް ރާއްޖެ އަންނަ ޓޫރިސްޓުންނަށް ހާއްސަ އަގުތަކެއް ވަނީ ކަނޑައަޅައިފަ އެވެ. މި އަގުތަކުގެ އިތުރުން އެ އެއާލައިންގެ ކްރިސް ފްލަޔާ މެމްބަރުންނަށް ފަސް ޕަސެންޓުގެ ޑިސްކައުންޓެއް ވެސް ލިބޭނެ އެވެ.
މީގެ އިތުރުން މި ޕްރޮމޯޝަނުގައި ބައިވެރިވާ ފުރަތަމަ 350 ޓޫރިސްޓުންނަށް 40 ޑޮލަރުގެ ވައުޗާއެއް ލިބޭނެ އެވެ. އަދި ސިންގަޕޫރުގެ ޗަންގީ އިންޓަނޭޝަނަލް އެއާޕޯޓުން ޓްރާންސިޓްކޮށް ރާއްޖެ އަށް އަންނަ ކޮރެއާ ޓޫރިސްޓުންނަށް 20 ޑޮލަރުގެ ވައުޗާއެއް ވެސް މި ޕްރޮމޯޝަނުގެ ދަށުން ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ ނޮވެމްބަރު 30 އިން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
އެމްއެމްޕީއާރުސީން ބުނީ މި ޕްރޮމޯޝަނުގެ ސަބަބުން ކޮރެއާގެ މާކެޓުގައި ރާއްޖެ ފުޅާ ދާއިރާއެއްގައި އިޝްތިހާރު ވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
ސިންގަޕޯ އެއާލައިނުން މިހާރު ވެސް އަންނަނީ އެމްއެމްޕީއާރުސީއާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމަށް ހަ ގައުމެއްގައި ކެމްޕޭންތައް ހިންގަމުންނެވެ. މީގެ ތެރޭގައި ޗައިނާ، ޖަޕާން، އެމެރިކާ، ދެކުނު ކޮރެއާ އަދި ސިންގަޕޫރު ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy