ރިިސޯޓުގެ މުވައްޒަފުންތަކެއް މުޒާހަރާ ކުރަނީ-- ފޮޓޯ:އާކައިވް
03 އޮކްޓޯބަރ 2019 - 19:43
އަންހެނުން ރިސޯޓުތަކަށް ގޮސް ވަޒީފާ އަދާކުރަން ޖެހިލުން ވަނީ ރިސޯޓުތަކުގެ މެނޭޖްމެންޓުގެ އިސްވެރިން ޖިންސީ ފުރައްސާރަ ކުރާ މިންވަރު އިތުރުވުމުން ކަމަށް ޓޫރިޒަމް އެމްޕްލޯޔާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން މިއަދު ބުނެފި އެވެ.
ކްރޮސްރޯޑް މޯލްޑިވްސް ގައި ފެށި ޓޫރިޒަމް ކޮންފަރެންސްގައި، ޓީމްގެ ސެކްރެޓަރީ ޖެނެރަލް މައުރޫފް ޒާކިރު ވިދާޅުވީ، ރިސޯޓުތަކުގައި ޖިންސީ ފުރައްސާރަ ވަރަށް ބޮޑަށް އެބަ އޮތް ކަމަށާއި އެއީ އަންހެނުން ރިސޯޓުތަކުގެ ވަޒީފާ އަށް ނުދާ އެއް ސަބަބު ކަމަށެވެ.
"ހާއްސަކޮށް މެނޭޖްމެންޓް ލެވެލްގައި ތިބޭ، ޝާކު ތަކުގެ [މީހުންގެ] އެޓޭކް ވަރަށް ބޮޑު. އެކަހަލަ ވަރަށް ބައިވަރު ކޭސްތައް އެބަހުރި އަޅުގަނޑުމެންނަށް ލިބިފައި. އެއީ އަންހެން ކުދިން ރިސޯޓުތަކަށް ނުދާ އެއް ސަބަބު،" އޭނާ ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވި ގޮތުގައި، ދަތުރުފަތުރު ކުރެވޭނެ ގޮތްތައް ނެތުމާއި ވަޒީފާ އަދާ ކުރުމަށް ފަހު ރަށަށް އެނބުރި ނުދެވުމަކީ ވެސް އަންހެނުން ރިސޯޓުތަކުގައި ވަޒީފާ އަދާނުކުރާ ސަބަބެކެވެ.
މިކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ޖިންސީ ފުރައްސާރަ އަކީ އެއްވެސް ވަރަކަށް ސަރުކާރުން ޓޮލަރޭޓް ކުރާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ވަޒީފާއިން ވަކި ކުރުމުން ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ފަދަ ތުހުމަތުތައް މީހުންނަށް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހުންނާނެ ސޯޝަލް މީޑިއާ އިން ފެނުނީމާ އެ ކަން ތަހުގީގުކޮށްފަ ވެސް. އެހެންވީމާ އަޅުގަނޑުމެން ގައުމެއްގެ ހައިސިއްޔަތުން ދެ ފަރާތް ބަލައި، އަބުރާ ބެހޭ ގޮތުން ހުންނަ ކަންކަން ބަލަން ވާނެ. އެއްވެސް ހާލެއްގައި ސެކްޝުއަލް ހެރެސްމެންޓް ޑިފެންޑް ކުރަނީކީ ނޫން،" އޭނާ ވިދާޅުވި އެވެ.
ޓީމުން ފާޅުކުރި ހިޔާލާ ގުޅިގެން، ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވީ، ޖިންސީ ފުރައްސާއާ ގުޅޭ ގާނޫނެއް އޮންނަ ކަން ރިސޯޓުތަކުގައި މަސައްކަތް ކުރާ މީހުންނަށް އެނގެން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ، ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށް ގިނައިން އަންހެނުން ވީ ނަމަވެސް ފިރިހެނުންނަށް ވެސް އެފަދަ ހާލަތްތައް ކުރިމަތިވާ ކަމަށެެވެ. އެގޮތުން ދެ ޖިންސުގެ މުވައްޒަފުންނަށް ވެސް ރައްކާތެރި މާހައުލެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ރިސޯޓުތަކުގައި އޮތުން މުހިއްމު ކަމަށް ޝިދާތާ ވިދާޅުވި އެވެ.
ޖިންސީ ފުރައްސާރައާ ބެހޭ ގާނޫނުގައިވާ ގޮތުން، ޖިންސީ ފުރައްސާރަ ކުރުމަކީ މީހެއްގެ ނުގަބޫލުގައި އެހެން މީހަކު އޭނާ އަށް ނިސްބަތްކޮށް ޖިންސީ އަމަލެއް ހިންގުމަށް މަސައްކަތް ކުރުމެވެ. މި ގާނޫނުގައިވާ ގޮތުން ޖުމްލަ 30 މުވައްޒަފުން ހަމަވާ ކޮންމެ އޮފީހެއްގައި ޖިންސީ ފުރައްސާރައާ ގުޅޭ މައްސަލަތައް ބަލަން ހާއްސަ ކޮމިޓީއެއް ވެސް އޮންނަން ޖެހެ އެވެ.
ޝިދާތާ ވަނީ ސޯޝަލް މީޑިއާ ގައި ދެއްކެވޭ ވާހަކަތަކާ ގުޅިގެން މިނިސްޓަރު އަލީ ވަހީދު ވިދާޅުވި ވާހަކަ އަށް ރައްދު ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ، ސޯޝަލް މީޑިއާ ގައި ދައްކާ ވާހަކަ އަކީ ހަގީގަތާ ހިލާފު މައުލޫމާތަކަށް ބައެއް ފަހަރު ވި ނަމަވެސް އާންމުކޮށް މީހުންނަށް އެނގޭ މިފަދަ މައްސަލަތަކަށް ވުރެ ނޭނގޭ ކަންކަން މާ ގިނަ ކަމަށެވެ. އެގޮތުން ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަތަކުގެ ތެރެއިން އާންމުވަނީ 100 ން އެއް މައްސަލަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކަހަލަ ގިނަ ވާހަކަތަކެއް އާންމުންނަށް އެނގޭ ގޮތަށް ނުދެއްކެވޭ. އެހެންވީމާ މިއީ ހަމަ ފާހަގަކޮށްލަން ޖެހޭ ކަމެއް،" ޖެންޑާ މިނިސްޓަރު ވިދާޅުވި އެވެ.
މިއަދުގެ މެންދުރު ފަހުގެ ސެޝަންގައި، ޓޫރިޒަމް ދާއިރާގައި އަންހެނުންގެ ހިއްސާ ކުޑަކަން އެކި ފަރާތްތަކުން ފާހަގަކުރި އެވެ. އަދި މިދިޔަ އަހަރުތަކުގައި ޓޫރިޒަމް ދާއިރާގައި އަންހެނުން މަސައްކަތް ކުރާ މިންވަރު އެންމެ އެކަށީގެންވާ ގޮތެއްގައި އިތުރު ނުވާ ކަމަށް ޝިދާތާ ވިދާޅުވި އެވެ.
ރިސޯޓުތަކުގައި އަންހެނުންގެ ދައުރު ކުޑަކަމުގެ ވާހަކަތަކުގެ ތެރެއިން ނޭޝަނަލް ބޯޓިން އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު އިގްނާޒް ފާޅުކުރެއްވީ ވަރަށް ތަފާތު ހިޔާލެކެވެ. އޭނާ ވިދާޅުވި ގޮތުގައި، ޓޫރިޒަމް ދާއިރާގައި އަންހެނުން މަދުކަން ފާހަގަކުރާ އިރު އެއްވެސް ސަރުކާރަކުން ސަފާރީއަކަށް އަންހެން ކެޕްޓަނެއް ތަމްރީނު ކުރުމަށް މަސައްކަތެއް ނުކުރެ އެވެ.
"އަޅުގަނޑުމެން ބޭނުންވާ ކަމެއް އެއީ. ސަފާރީ ދުއްވުމުގައި އަންހެނުން ވެސް ބައިވެރިވުން. އެކަމަށްޓަކައި މަސައްކަތް ކުރާނަން،" އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ އެއީ އަންހެނުންނަށް ކުރެއްވި މަލާމާތެއްގެ ގޮތުގައި އިގްނާޒްގެ ހިޔާލު ސިފަކުރައްވާފަ އެވެ.
ފައްޔާޒު ވިދާޅުވީ، އަންހެނުން ސަފާރީގެ ކެޕްޓަނަށް ގެންދިޔުމަށްޓަކާއި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ސަފާރީގައި ތިބޭ ފިރިހެނުން އެކަން ބަލައިގަތުން ކަމަށެވެ.
"އެކަން ނުކޮށް އަޅުގަނޑުމެން ކިތަންމެ ވަރަކަށް މަސައްކަތް ކުރިއަކަސް އަންހެން ބޭފުޅުންނަށް އެ ހިސާބަކަށް ނުދެވޭ. އަޅުގަނޑުމެން ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ފިޒިކަލީ ހުރަސްތަކެއް އެބަހުރެއޭ. އެހެންވީމާ ސޮސައިޓީ ބަދަލުވެގެން އެކަން ވާނީ،" އޭނާ ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ، އެ ކަހަލަ ވަޒީފާތަކަށް އަންހެނުންނަށް ނުކުމެވޭނީ، އެ ވަޒީފާތަކުގައި އުޅޭ ފިރިހެނުންގެ ވިސްނުން ވެސް ބަދަލުވެގެން ކަމަށެވެ. އަދި ގައުމުގެ ހާލަތު އޮތްގޮތުން ދިވެހި ގިނަ ފިރިހެނުންގެ ހިޔާލު އެ ހިސާބަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑު ހިއްސާއެއް އޮންނަ ޓޫރިޒަމް ދާއިރާގައި އަންހެނުން އިތުރުވަމުން ދިޔަ ނަމަވެސް އިތުރުވާ ރޭޓް ވަރަށް ވެސް މަދެވެ. ސަރުކާރުން އދ ގައި 2012 ވަނަ އަހަރު ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން ޓޫރިޒަމް ދާއިރާގައި އޭރު އަންހެނުންގެ ހިއްސާ އަކީ ދެ ޕަސެންޓެވެ. މީގެ އިތުރުން އެވްރެޖުކޮށް އަންހެނަކަށް 7،000 ރުފިޔާ ލިބޭ ވަޒީފާތަކަށް ފިރިހެނުންނަށް 11،000 ރުފިޔާ ލިބޭ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ. އެހެން ކަމުން މުވައްޒަފުންނަށް ދޭ މުސާރާއިގައި ވެސް އަންހެނުންނާ ފިރިހެނުންގެ ފަރަގު ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަނީނާ
06 October 2019
ކޮފީ ބޯއެގެން ރޭގަނޑު ނުނިދާ އުޅޭ ކަންނެތް ފިރިހެނުންތަކަށް އިހަށް ޖޮބްތައް ހޯދާފަ މަސަކަތް ކުރުވަބަލަ، ވަރަށް ގިނަ އަންހެން ކުދިން ދަރިން ލިބުނީމަ ބޭނުންވަނީ ޅަދަރީންކޮޅު ބަލަހައްޓަން ތިބެން ގޭގަ ބޮޑުވަންދެން، އެކަމުވެސް ފިރިންވެސް މަސައްކަތް ނުކުރާ ހިސާބަށް ދިޔައިމަ ދެން ކުދި ޅަދަރީން ދޫކޮށްފަވެސް ޖެހެނީ ދާން. ފިރިހެނުން ނިކަން މުރާލިވެބަލަ ތިޔަ ކަންނެތް އުޅުން ދޫކޮށް
ކކކކ
04 October 2019
ދަރިންކޮޅު ދޫކޮށްފަ ގޮސް ރިޒޯޓް ތަކުގަ އުޅޭކަށް ބޭނުމެއް ނޫން
ޢަހައްމާ
04 October 2019
ޖިންސީފުރައްސާރަ ކުރަނީއޭ ބުންޔަސް ތިއީ މުޅިން ރަނގަޅު ވާހަކައެއްނޫން 30 އަހަރުގެ ތަޖުރިބާ ގަދަކަމުން އެއްވެސް ކުއްޖަކު ގަޔައް މީހަކު ނާރާނެ މަދު ހާލަތެއްގަ ނޫނީ
އަދީބު
04 October 2019
މިކަހަލަ ކަންކަމުން މި ދައްކުވައިދެނީ ހަޤީޤަތުގައި ދިވެހި ފިރިހެނުންގެ ނާޤާބިލުކަން. ފިރިހެނުންތަކެއް ނިކުމެ މި ކިޔަނީ އަންހެނުން އަންނާށޭ، އަންހެނުން ގެންނާށޭ މަސައްކަތް ކުރަން. ލަދު ކޮބައިތޯ؟ ބަލަ ތިމާއާ ދަންނަ ފިރިހެން ކުއްޖަކު ނުވަތަ ފިރިހެނަކު ވަޒީފާއަށް ނެރުން ކިހިނެއްތޯ؟ އަންހެނުން ނެރެން މިއުޅެނީ ކޮން ކަމެއް ފިރިހެނުންނަށް ނުވެގެންތޯ؟ މި ޤައުމުން ވަޒީފާ އަދާކުރާނެ ފިރިހެނަކު ނުވީތޯ؟ ނުވަތަ ހުރިހާ ފިރިހެނުންނަށް ވަޒީފާ ލިބި ނިމުނީތޯ؟ ލަދު
އަދީބު
04 October 2019
ކަންކަމަށް އަންހެނުން ނެރެން އުޅޭ އިރު، ފުރަތަމަ ކަމަކަށް މިހާރު މި ތިބަ ފިރިހެނުން ވަޒީފާތަކަށް ގެންދިއުން މާ ރަނގަޅު. ހަމަޤައިމުވެސް ވަޒީފާ ހޯދަންއުޅޭ މީހުންގެ ތެރޭގައިވެސް ގިނައީ ފިރިހެނުން. ވަޒިފާ ނެތްމީހުންގެ ތެރޭގައިވެސް ގިނައީ ފިރިހެނުން. ދިރިއުޅުމުގެ ޚަރަދުތައް ބެލެހެއްޓުމަށް އާމްދަނީ ހޯދުމަކީ ދީނީ ގޮތުންވެސް ފިރިހެނުންނާ މަތިކުރައްވާފައިވާ ކަމެއް. ވީއިރު، ފިރިހެނުން އެއްފަރާތްކޮށްފައި ކަމާއިގެން ނުވެސް އުޅޭ ބަޔަކު ނެރެން އުޅެނީ ކީއްވެ؟
ޙިނި
04 October 2019
ޒާމާނުއްސުރެ ދެޖިންސު ވަކިކޮއްގެން، ކިޔަވާދިނީމަ، މީތަ، ލިބުނު، މޭވާ އަކީ . ޙެހެ
ބޮލައްތުރާ
04 October 2019
ރިސޯޓްތަކުގަ އުޅޭ ބޭރު އަންހެނުން ދިވެހިންނަށް ކުރާ ފުރައްސާރަ މާބޮޑު..
ނާނީ
04 October 2019
ރިސޯޓެއްގަ މަސައްކަތް ކުރި މީހެއްގެ ހައިސިއްޔަތުން، ތަޖްރިބާ އާ އެކީ ބުނަން، ޖިންސީ ފުރައްސާރަ އަށް ވުރެ ބޮޑަށް މީހުންގެ ވިސްނުން ބަދަލު ކުރަން ޖެހެނީ، ރިސޯޓްތަކުގަ މަސައްކަތްކުރަނީ ވަރަށް ޗީޕް އަންހެން ކުދިން ކަމަށް ގިނަ ބަޔަކު ލޭބަލްކޮށްފަ އޮންނަނީ.
ރައްޔިތުމީހާ
04 October 2019
އެގޮތަށް ލޭބަލްވަނީ ރިސޯޓްތަކުގައި އުޅޭ ގިނަ އަންހެންކުދިން އެހެން އުޅޭތީ. ރަނގަޅު ކުދިން ނޫޅެއެކޭ ނޫން.
ރަށު މީހާ
04 October 2019
އަލީ ވަހީދު ތީ ބޮޑު އަނގަ އެއް.މުލިންވެސް ފޮނި ވާހަކަ ..ދެން ވޮތީ ޓީމު އަމިއްލަ ފައިދާއަށް ހުރިހާ ކަމެއް އެމީހުށް ކުރަނީ..
ދޭދޭ
03 October 2019
ގައުމަށް ދިމާވެފައިވާ އެންމެބޮޑު އިޤުތިސާދީ ދަތިކަމަކީ ދިވެހިން މައިގަނޑު އާންދަނީ ހޯދަމުންއައި ދާއިރާތައް ކަމަށްވާ ޓުވަރިޒަމް ދާއިރާއާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދިވެހިން އަތުން ގެއްލި ބިދޭސީންގެ އައްމައްޗަށް އެރުން. ދެން އެއާއި އެކުއެކީ ދިމާވެގެން އުޅޭ އެންމެބޮޑު މައްސަލައަކީ ރާއްޖޭގެ ގިނަ އާއިލާތައް ނުލިބޭ އާމްދަނީއަކަށް މާލޭގައި ކުއްޔަށް ދިރިއުޅެން ޖެހުމާއި އެކުލި ފައިސާ ގައުމުން ވޭރުވެގެން ދިއުން