ޖަގަލް ކުރަމުން ދުވުމުގެ ދުނިޔޭގެ ރެކޯޑު ރާއްޖޭގައި މުގުރާލައިފި

ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން، އައްޑޫގައި ޖަގަލް ކުރަމުން ދުވުމުގެ ދުނިޔޭގެ ރެކޯޑެއް މިއަދު މުގުރާލައިފި އެވެ.


މި ރެކޯޑް ހެދީ ކެނެޑާ މީހެއް ކަމަށްވާ މިކަލް ކެޕްރަލް އެވެ. އޭނާ ވަނީ މިއަދު އައްޑޫގައި ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އިން ބޭއްވި ދުވުމުގައި 55 މިނެޓް 48 ސިކުންތުގެ ތެރޭގައި 10 ކިލޯމީޓަރަށް ދުވެފަ އެވެ.

ރެކޯޑް މުގުރާލުމަށްޓަކައި މިކަލް ދުވީ ހަތަރު ބޯޅަ އިން ޖަގަލް ކުރަމުންނެވެ. ދުވުމުގެ ތެރެއިން ބޯޅައެއް ވެއްޓިއްޖެ ނަމަ އެ ބޯޅަ ވެއްޓުނު ހިސާބުން އަލުން ފަށާ ގޮތަށް އޮތް ނަމަވެސް ދުވުމުގެ ތެރެއިން ބޯޅަ ވެއްޓުނު ކަމެއް ހާމަކޮށްފައި ނުވެ އެވެ. މިއީ ހަތަރު ބޯޅަ ޖަގަލް ކުރަމުން ދުވެ ދުނިޔޭގެ ރެކޯޑު މުގުރާލި ފުރަތަމަ ފަހަރެވެ.

އެމްއެމްޕީއާރުސީއާ ގުޅިގެން، ސްޕޯޓްސް ޓޫރިޒަމާއި މައިސް ޓޫރިޒަމް ރާއްޖޭގައި ފުޅާ ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ މި ދުވުމަކީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވި ގޮތުގައި ކެނެޑާ އާއި އެމެރިކާ ސަރަހައްދަށް ރާއްޖެ އިތުރަށް އިޝްތިހާރުވެ، ޓޫރިސްޓުން އައުން އިތުރުވާނެ ކަމެކެވެ.

މި ވޯލްޑް ރެކޯޑުގެ އިތުރުން މިމަހުގެ 11 ވަނަ ދުވަހު ސަލްޓަން ޕާކުގައި، ސިޑިން އަރަމުން ތިން ބޯޅަ އިން ޖަގަލް ކުރުން ވެސް މިކަލް ދައްކާލާނެ އެވެ. މިކަލް ބުނީ، ބޯޅަ އުކަމުން ސިޑިން އެރުމުގެ ރެކޯޑު މިހާރު އޮތީ 600 ހަރުފަތް ގިރާކޮށްގެން ކަމަށާއި އޭނާ ގެ އަމާޒަކީ ބޯޅަ ވައްޓާނުލައި 3،000 ހަރުފަތް ގިރާކުރުން ކަމަށެވެ.

މޫދުގައި ޖަގަލް ކުރަމުން މިކަލް ކޮށްފައިވާ ޓްވީޓެއް--

މިދިޔަ ހަފުތާގައި އެންމެ ގިނަ މީހުން އެއްފަހަރާ ފްރީ ޑައިވް ކުރުމުގެ ރެކޯޑެއް ވެސް ރާއްޖޭން ވަނީ މުގުރާލައިފަ އެވެ. މި ރެކޯޑް މުގުރާލީ 521 ފްރީ ޑައިވަރުންނާއެކު ބަރޮސް މޯޅްޑިވްސްގެ ފަޅު ތެރޭގަ އެވެ.