ބީއެމްއެލް އިން 60 މީހަކަށް ވީލްޗެއާ ހަދިޔާކޮށްފި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ 60 މީހަކަށް ބީއެމްއެލް އިން ބެޓެރީން ދުއްވާ ވީލްޗެއާ ހަދިޔާކޮށްފި އެވެ.


ބޭންކުން ކުރިއަށް ގެންދާ "އަހަރެންގެ ބޭންކް" ޕްރޮގްރާމްގެ ދަށުން 2017 ވަނަ އަހަރު ފެށި މި ޕްރޮގްރާމްގެ ދަށުން، ހިނގާ ބިނގާވެ އުޅުމަށް ދަތި، ނުކުޅެދުންތެރިކަން ހުންނަ 76 މީހަކަށް މޮޓްރައިޒްޑް ވީލްޗެއާ ވަނީ ހަދިޔާކޮށްފަ އެވެ.

ވީލް ޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ބޭންކުން މުޖުތަމަ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަބަދުވެސް ވަރަށް ބޮޑު އަހަމިއްޔަތުކަމެއްދޭ ކަމަށެވެ.

"މިފަދަ ހާއްސަ މޮޓޮރައިޒްޑް ވީލްޗެއާ ލިބުމުގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެވިފައިވާކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" އޭނާ ވިދާޅުވި އެވެ.

މުޖުތަމައަށް އެހީތެރިވުމަށް ހިންގާ ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކަށް ބީއެމްއެލް އިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.