ދުނިޔޭގެ މަޝްހޫރު ޕްރާންޗައިޒް ބްރޭންޑް "ސްކެޗާސް"ގެ ފިހާރައެއް މާލޭގައި ހުޅުވައިފި އެވެ.
މި ފިހާރަ ހުޅުވައިދެއްވީ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްްގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އެވެ. މިނިސްޓަރުގެ އިތުރުން ރާއްޖޭގެ މަޝްހޫރު ދެ އެތުލީޓުން ކަމަށްވާ ހަސަން ސާއިދު އާއި މަރިޔަމް އަބްދުލް ކަރީމް (މަރީ) މި ރަސްމިއްޔާތުގައި ބައިވެރިވި އެވެ.
ސްކެޗާސް އަކީ ފަޔަށް ފަސޭހަ ކޮލިޓީ ބޫޓުތަކެކެވެ. މި ބްރޭންޑަކީ މިހާރު ވެސް ރާއްޖޭގެ ގިނަ ދުވުންތެރިން ބޭނުން ކުރަމުން އަންނަ ބްރޭންޑެކެވެ. ސްކެޗާސްގެ ބޫޓުތަކަކީ ކަސްރަތު ކުރުމާއި ދުވުމުގެ އިތުރުން އާންމުކޮށް އަރައިގެން އުޅެން ވެސް ފަސޭހަ ބޫޓުތަކެކެވެ.
ސްކެޗާސް ފިހާރައިގެ އެކްޓިން އިންޗާޖު އަބްދުﷲ މުހައްމަދު ވިދާޅުވީ ސްކެޗާސް ބްރޭންޑަށް ހާއްސަކޮށްގެން ފިހާރައެއް ހުޅުވަން ނިންމީ އެ ބްރޭންޑަށް އޮތް ތާއީދުގެ ބޮޑުކަމުންނެވެ. އަދި މި ބޫޓުގެ އަގުތައް ބޫޓު ގެންގުޅެވޭ މުއްދަތާ ބަލާފައި ރަނގަޅުވާނެ ކަމަށް އޭނާ ބުންޏެވެ.
“ބޫޓުތައް 1500ރ. އަށްވުރެ ބޮޑެއް ނުވާނެ. މި އަގުގައި ލިބެން ހުންނައިރު ބޫޓެއް އެ ގެންގުޅެވޭ އަހަރެއް ވަންދެން. އެހެންވީމާ މި ޕްރައިޒް ވަރަށް ރީޒަނެބަލް ނޫންތޯ،" އަބްދުﷲ ވިދާޅުވި އެވެ.
ރޭ ހުޅުވި މި ފިހާރަ ހުންނާނީ މަޖީދީމަގު އުރީދޫ ހެޑް އޮފީސް ކައިރީގަ އެވެ. މިފަދަ އިތުރު ބްރޭންޑުތައް ވެސް ޑިމާންޑް އޮތް މިންވަރަކަުން ރާއްޖެ އަށް ތައާރަފް ކުރާނެ ކަމަށް ވެސް ސްކެޗާސް އިން ބުންޏެވެ.